بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ބިލެތްދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، މި ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ބައްލަވަމުން ގެންދަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ބިލެތްދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، މިއަދު އަޅުގަނޑުމެން މިތާނގައި، މި ރަށުގައި ވަރަށް ގިނަ މަސައްކަތްތަކެއް އިރާދަކުރެއްވީތީ ފަށައިފިން. އަދި ބައެއް މަޝްރޫޢުތަކުގައި ސޮއިކޮށްފިން. މީގެ ބޭނުމަކީ، އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުން. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވަޢުދުތައް ފުއްދުން. މިއަދު މި ސޮއިކުރެވުނު މަޝްރޫޢުތަކާއި، ޢަމަލީ މަސައްކަތް ފެށިގެންދިޔަ ހުރިހާ މަޝްރޫޢުތަކަކީ، އަދި ފެށުމަށް ދެން އޮތް މަޝްރޫޢުތަކަކީވެސް ސަރުކާރުގެ އެ މަސައްކަތްތައް ކުރާ ވުޒާރާތަކާއި، ކުންފުނިތަކާ ގުޅިގެން، ވަރަށް އިސްކަމެއްދީގެން، ވަރަށް ސަމާލުކަންދީގެން، ވަރަށް ބާރުމިނުގައި އިރާދަކުރެއްވިއްޔާ ކުރިއަށްގެންގޮސް ނިންމައިދޭނެ މަޝްރޫޢުތައްކަމުގެ ޔަޤީންކަން، ބިލެތްދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދެން.
މިއިން ކޮންމެ މަޝްރޫޢަކީ، އެ މަޝްރޫޢެއްގެ ދާއިރާއިން ރައްޔިތުންނަށް ނުހަނު ބޭނުންޖެހިފައިވާ މަޝްރޫޢުތަކެއް. އާދެ، އެއީ ޞިއްޙީ ދާއިރާއިން ކަމުގައިވިޔަސް، ޞިއްޙީ މަރުކަޒުގެ މަސައްކަތް ކަމުގައިވިޔަސް، ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ޤާއިމުކުރަން ފެށޭ މަޝްރޫޢު ކަމުގައިވިޔަސް، ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ޤާއިމުކުރެވޭ މަރުކަޒު ކަމުގައިވިޔަސް، އަދި ވޮލީ ކުޅުމަށްޓަކައި އެޅުމަށް މި ސޮއިކުރެވުނު މަޝްރޫޢު ކަމުގައިވިޔަސް، މަގުހަދަން ފެށުން ކަމުގައިވިޔަސް، އަދި ބަނދަރު ހެދުން ކަމުގައިވިޔަސް.
ބަނދަރުގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ، މި ފެށޭ މަސައްކަތަކީ، މި ރަށުގައި މި ބަނދަރު، އެކި ގޮތްގޮތުން ފުޅާކުރުން، ނޫނީވިއްޔާ ޖާގަ ތަނަވަސްކުރުން. އެގޮތަށް ބޮޑަށް ދަންނަވަން ބޭނުންވަނީ. ޖާގަ ތަނަވަސްކުރެވެން އޮތް އެންމެ ފުޅާމިނެއްގައި، ޑިޒައިނަށް ގެނެވޭނެ ބަދަލުތަކެއް ގެނެސްގެން، ރައްޔިތުންގެ އެކްސްޕެކްޓޭޝަނަށް، ވީ އެންމެ ފުޅާމިނެއްގައި، ނޫނީވިއްޔާ އުންމީދުތައް، އެދޭ މިންވަރު ހާސިލުކޮށްދިނުމުގައި، ބަނދަރު އަޅުގަނޑުމެން ހަދާނީ، މި ދެންނެވި ގޮތަށް ވިސްނައިގެން، ވީހާވެސް ބޮޑަކަށް ރައްޔިތުން އެދޭގޮތަށް ފުރިހަމަ މިނުގައި ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.
އެހެންކަމުން، ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން، ކުންފުނިން މި މަސައްކަތް ކުރަމުންދާއިރުގައި، މިހާރު އޮތް ބަނދަރުގެ ތެރެއިން ފުޅާކުރުމާއި، އަދި ބޮޑުކުރުމުގައި، އަޅުގަނޑުމެންނަށް ގެނެވެން އޮތް ވީހާވެސް ގިނަ ބަދަލުތަކެއް ގެނެސްދޭނަން. އެ މަސައްކަތް އަޅުގަނޑުމެން ކުރާނީ އެގޮތަށް.
ހަމައެއާއެކީގައި، ޖާގަ އިތުރުކުރުމަށް ބިން ބޮޑުކުރުމަށްޓަކައި، މި ރަށުގެ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ހިއްކައިދިނުމުގެ މަޝްރޫޢެއް، މި ބަނދަރުގެ މަޝްރޫޢާ ގުޅިގެން އަޅުގަނޑުމެން ގެންގޮސްދޭނެކަމުގެ ޔަޤީންކަން ބިލެތްދޫ ރައްޔިތުންނަށް ދެން.
ފަރުގެ އެންމެ އެޖުން ފެށިގެން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން ގަވާއިދުތަކުގެ ތެރެއިން ދޫކުރަންޖެހޭ ޖާގައޮވޭ ކޮންމެ ރަށެއްގައިވެސް. އެއީ، ރައްކަލަކަށްޓަކައި ޤުދުރަތީ ގޮތުން ކުރަންޖެހޭ ކަމެއް. އެހެންވީމާ، އެ ޖާގަ އެންމެ ކުޑަމިނުން ބާއްވަންޖެހޭނެ ވަރަށް ބާއްވާފައި، ރަށަށް ބިން އިތުރުކުރެވޭނެ އެންމެ ބޮޑުމިނަކަށް އިތުރުކޮށްދޭނެ ވާހަކަ މި ދެންނެވީ. ހަމަ އެންމެ މެކްސިމަމް، ރަށަށް ބިން އިތުރުކުރެވޭވަރަކަށް އިރާދަކުރެއްވިއްޔާ ކޮށްދޭނަން. އެ ޔަޤީންކަން ދެން. އެހެންވީމާ، އެމް.ޓީ.ސީ.ސީ.އިން މި މަސައްކަތްތައް ކޮށް ނިންމާފައި، މި ރަށުން ފައިބައިގެންދާނީ. އެ ޔަޤީންކަން ދެން.
އާދެ، އަޅުގަނޑަށް އައި އެންމެ ބޮޑު ސުވާލަކީ، އަދި އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ އެންމެ ބޮޑު ޔަޤީންކަމަކީވެސް މި ދެ މަޝްރޫޢުގެ މި ވާހަކަ. ބިން އިތުރުކުރުމާއި، ބަނދަރުގައި ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑަކަށް ކުރުމާ. އެއީ، ހަމަ ޙަޤީގަތުގައިވެސް މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ދެ ކަންތައް. އެހެންވީމާ، އެކަން އެގޮތަށް ކުރިއަށްދާނެ. އަދި ދެންމެ މި ދެންނެވި ފަދައިން، ދެން މިހިރަ މަޝްރޫޢުތައްވެސް ހަމަ އެގޮތުގައި ކުރިއަށްދާނެ. މަގުހެދުން ކަމުގައިވިޔަސް، އަދި ދެން މިހިރަ ހުރިހާ ކަމެއްވެސް. އެހެންވީމާ، އަޅުގަނޑުމެން މި ދެންނެވި ގޮތަށް، ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެން.
އޭ.ޓީ.އެމް.ގެ ވާހަކަ ދެންމެ އެމް.ޕީ. އެ ފާހަގަކުރެއްވީ. އާދެ، ހަމަ ޙަޤީޤަތުގައިވެސް ރަނގަޅު ވާހަކަފުޅެއް އެ ވިދާޅުވީ. އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ، އަޅުގަނޑުމެންނަށް އިޙްސާސްވޭ، އަޅުގަނޑު ރައްޔިތުންގެ ގާތަށް މިހެން މިދާ ދިޔުމުގައި، ވަރަށް ރަނގަޅަށް އެބަ ފާހަގަވޭ، މީގެ ބޭނުންތެރިކަން ރައްޔިތުންނަށް އޮތްލެއް ބޮޑުކަން. އެހެންވީމާ، މުހިންމު ކަމެއް ގޮތުގައި، ހަމަ ވަރަށް ބޮޑަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންވީމާ، ހުރިހާ ރަށެއްގައި މި ޚިދުމަތް މި ގާއިމުކުރަނީ އެހެންވެގެން. އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ މި މަޝްރޫޢު ނިމޭނެ. ނިމިގެން ހުރިހާ ރަށެއްގައި ޤާއިމުވެގެންދާނެ.
އެހެންވީމާ، މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރައްޔިތުންގެ ފުދުންތެރިކަމަށް ލިބިގެންދާ ކުރިއެރުމެއް. އެތައް ޚަރަދެއްކޮށްފައި، އޭ.ޓީ.އެމް.ގެ ޚިދުމަތް ހޯދަން ރަށުން ބޭރަށް އެހެން ދިމާއަކަށް ދާންޖެހޭ ދިޔުން ނިމުމަކަށް އެބަ އާދޭ. އަދި ވަރަށްގިނަ ފަސޭހަތަކެއް ލިބޭ ކަމެއް އެއީ. އާދެ، އިރާދަކުރެއްވިއްޔާ މީގެ ސަބަބުންވެސް މި ރަށަށް ކުރިއެރުންތައް ލިބިގެންދާނެ.
އާދެ، މިކަންކަން އަޅުގަނޑު ހަމަ މި ދަންނަވާލީ. އަދި އިތުރު ކަންކަންވެސް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓް ހެދިގެންދާއިރުގައި، ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ކުރެވެން ހުރި ހުރިހާ ކަމަކަށް އަޅުގަނޑުމެން ސަމާލުކަންދޭނަން.
މިއަދު މި ފެށިގެންދާ، ސޮއިކުރެވިގެންދިޔަ ހުރިހާ މަޝްރޫޢުތަކަކީ، މި އަންނަ އަހަރު ހިނގަމުންދާ މުހިންމު މަޝްރޫޢުތަކެއްގެ ގޮތުގައި ކުރިއަށްދާނެ ކަންކަން. އޭގެއިތުރަށްވެސް، ރަށަށް ބޭނުންވާ އިތުރު ކަންކަމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާނަން، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމުގައި. ހަމަ އެންމެ މުހިންމު ކަމަކީ، ބިން ހިއްކުމަށް ކުރަން އޮތް ޚަރަދު. އެއީ، އަޅުގަނޑުމެން ދެކޭގޮތުގައި، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ މުހިންމު ޖާގައެއް ލިބިގެންދާނެ މަޝްރޫޢަށްވާނެ.
އާދެ، އަދިވެސް އެއްފަހަރު، ބިލެތްދޫގެ ރައްޔިތުންގެ ތިޔަ އެއްބާރުލެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުންނަށް އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، ހަމަ ތަކުރާރުކޮށްލަމުންވެސް، މިއަދު މި ފެށިގެންދިޔަ ހުރިހާ މަޝްރޫޢުތަކާއި، ފަށަން އޮތް މަޝްރޫޢުތަކަކީ، ވަރަށް އިސްކަމެއްދީގެން ފުރިހަމަކޮށްދޭނެ ކަންކަން ކަމުގެ ޔަޤީންކަން. އަދި މީގެތެރެއިން ގިނަ ކަންކަން ނިމި، ތިޔަބޭފުޅުން އަރިހަށް އައިސް، އެކަންކަމުގެ އުފަލުގައި ބައިވެރިވުމުގެ އުންމީދުގައި އަޅުގަނޑު މިއަދު ދެން ވަކިވެލާނަން.
އަޅުގަނޑުގެ އުންމީދަކީ އަދި އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ކާމިޔާބުވެގެން ދިޔުން. އަޅުގަނޑުމެންގެ މި ޤައުމުގެ ކުރިމަގަށްޓަކައި، އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى ކާމިޔާބީ މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފ. ބިލެތްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ