ފަގީރު ހާލުގައި އުޅޭ އެކަނިވެރިން މައިންނާއި ބަފައިންނަށް މިިދިޔަ މަހު 4.9 މިލިއަން ރުފިޔާ ދީފި

ފަގީރު ހާލަތުގައި ދިރިއުޅެމުން އަންނަ އެކަނިވެރި މައިންނާއި ބަފައިންނަށް މިދިޔަ މަހު 4.9 މިލިއަން ރުފިޔާ މާލީ އެހީގެ ގޮތުގައި ދީފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިއަދު ބުނެފިއެވެ. އެންސްޕާއިން މިއަދު ވަނީ، ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންގެ ޕްރޮގްރާމުގައި ހިމެނިފައިވާ މީހުންނަށް މިދިޔަ މަހު ދީފައިވާ މާލީ އެހީގެ ހިސާބުތައް ހާމަކޮށްފައެވެ. އެ ހިސާބުތަކުގައިވާ ގޮތުން، މާލީ އެހީއަށް ޝަރުތު ހަމަވާ، އެކަނިވެރި މައިންނާއި ބަފައިންގެ އަދަދު 2،870އަށް އަރައެވެ. އޭގެ ތެރޭގައި މިދިޔަ މަހު އަލަށް ރަޖިސްޓާކުރި 30 މީހުން ހިމެނެއެވެ. އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، މާލީ އެހީ ލިބޭ ކުޑަކުދިންގެ އަދަދު 4،901އަށް އަރައެވެ. އޭގެ ތެރޭގައި އަލަށް ރަޖިސްޓާކުރި 69 ކުދިން ހިމެނެއެވެ. އެ އެންމެންނަށް މިދިޔަ މަހު އެންސްޕާއިން ފޯރުކޮށްދިން މާލީ އެހީގެ އަދަދު 4.91 މިލިއަން ރުފިޔާއަށް އަރައެވެ. https://x.com/nspamaldives/status/1969335487262302279?s=52 އެކަނިވެރި މައިންނާއި ބަފައިންގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ އިތުރަށް، އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ މީހުންނަށް ވެސް އެންސްޕާއިން މާލީ އެހީތެރިކަންދެއެވެ. އެންސްޕާއިން ބުނީ، މާލީ އެހީ ލިބޭ 97 ބެލެނިވެރިން ހިމެނޭ ކަމަށާއި ކުދީންގެ އަދަދު 130އަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި މިދިޔަ މަހު އަލަށް ރަޖިސްޓްރީކުރި ހަތަރު ބެލެނިވެރިއަކު ހިމެނެއެވެ. https://x.com/NSPAmaldives/status/1969335487262302279 އެ ކުދިންނަށާއި ބެލެނިވެރިންނަށް މިދިޔަ މަހު އެންސްޕާއިން ވަނީ، 178،500 ރުފިޔާގެ އެހީ ފޯރުކޮށްދީފައެވެ. މިހާރު ސަރުކާރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދެނީ 2000 ރުފިޔާގެ އެލަވަންސެކެވެ. ނަމަވެސް ކުދިން ތިބި ނިސްބަތުން އެ އެލަވަންސް ބޮޑުވާ ގޮތަށް ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ކުރީގެ އުސޫލުގެ ދަށުން ތިންކުދިންނަށްވުރެ ގިނައިން ތިބި ނަމަވެސް އެކަނިވެރި މައިންނާއި ބަފައިންނަށްދޭ އިނާޔަތުގެ ގޮތުގައި ލިބޭނީ ގިނަވެގެން 3000 ރުފިޔާއެވެ. މިހާރު 10 ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ