އެޕަލްގެ ސީއީއޯއަށް އައު ފޯނު ދައްކަނިކޮށް ވެއްޓިއްޖެ: މިއީ ''ޑްރޮޕް ޓެސްޓެއް''؟
އެޕަލްގެ އައު އައިފޯން 17 ޕްރޯ ގަތް މީހަކާއި އެ ކުންފުނީގެ ސީއީއޯ ޓިކް ކުކްއާ ދެމެދު ހިނގި ހާދިސާއަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ. އެޕަލްގެ އައު އުފެއްދުންތައް އިއްޔެ ވިއްކަން ފެށުމާއެކު، އެޕަލް ސްޓޯރުތައް ކައިރީގައި ގިނަ ބަޔަކު ވަނީ ކިޔޫ ހަދައިފައެވެ. އެގޮތުން، ޓިމް ކުކް ދިޔަ ސްޓޯރެއްގައި ހިނގި ހާދިސާއެއްގެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ، ޕްރިމްޒް ނަމަކަށް ކިޔާ ކޮންޓެންޓް ކްރިއޭޓަރަކު އެޕަލް ސީއީއޯގެ ކުރިމަތީގައި، އޭނާގެ ކޮސްމިކް އޮރެންޖް އައިފޯން 17 ޕްރޯ ފޮށިން ނަގާ މަންޒަރެވެ. ނަމަވެސް ފޮށި ހުޅުވުމާއެކު ފޯނު ބިންމައްޗަށް ވެއްޓޭ މަންޒަރު ފެނެއެވެ. އެއާއެކު ދެ މީހުން ވެސް ސިހި، ފޯނު ނަގަން ގުދުވެއެވެ. އެ ވަގުތު، ފޯނަށް ގެއްލުމެއް ނުވާނެ ކަމަށް ކުކް ބުނާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އަދި ޕްރިމްޒް ފޯނު ނަގައި، ކުކް އަތަށް ދިނުމަށް ފަހު، ކަރުދާސް ކޮޅެއްގައި ސޮއިކުރުވާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. މި ވީޑިއޯ ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. އެކްސްގައި އެކަކު ލިޔެފައިވަނީ އެއީ "ސީއީއޯގެ ކުރިމަތީގައި ޑްރޮޕް ޓެސްޓެއް" ހެދުން ކަމަށެވެ. އޭނާ އިޝާރާތް ކުރީ، އަައު ޑިވައިސްތައް ނެރުމުން، އެ ޑިވައިސްގެ ވަރުގަދަކަން ބެލުމަށް ބައެއް މީހުން ގަސްތުގައި ވައްޓާލައި ކުރާ ޓެސްޓުތަކަށެވެ. https://twitter.com/AnxiousHolly/status/1969190005441528265 އެ ވީޑިއޯއަށް ކޮމެންޓް ކުރި އިތުރު މީހުން ވަނީ ކަރުދާސްކޮޅެއްގެ ބަދަލުގައި، ކުކް ލައްވައި ފޯނުގައި ސޮއިކުރުވި ނަމަ އެއީ ވަރަށް އަގު ބޮޑު ފޯނަކަށް ވާނެކަން ފާހަގަކޮށްފައެވެ. އެޕަލް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުންޏެވެ. އައިފޯން ސީރީޒް އަކީ އެޕަލްގެ އެންމެ މަޝްހޫރު އަދި އެންމެ ގިނައިން ވިކޭ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ އެއް އުފެއްދުމެވެ. https://sun.mv/211091 ކޮންމެ އަހަރަކު ވެސް އައިފޯނުގެ އާ މޮޑެލްތައް ތައާރަފުކުރާއިރު، އެކަމަށް އެޕަލް ފޭނުންގެ ތެރޭގައި ވަރަށް ބޮޑު އިންތިޒާރެއް އޮވެއެވެ. އައު އައިފޯނެއް ނެރެފިނަމަ، އެޕަލް ސްޓޯރުތަކުގެ ބޭރުގައި ގިނަ ބަޔަކު ކިއުތަކުގައި މަޑުކުރާ މަންޒަރު އާންމުކޮށް ފެނެއެވެ. މި ފަހަރު އެޕަލްއިން ނެރުނީ އައިފޯން 17، އައިފޯން 17 ޕްރޯ އަދި އެ ކުންފުނީގެ އެންމެ ތުނި ފޯނު ކަމަށްވާ އައިފޯން އެއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ