ސްކޭމް ހުއްޓުވަން ޖޭމަރު ހަރުކުރުމުގެ ވިސްނުމެއް ނެތް، ގެންނަނީ ބޮޑީ ސްކޭނިން މެޝިނެއް
މާފުށީ ޖަލަށް ގަވައިދާ ޚިލާފަށް ވައްދާ ފޯނުތަކަށް ރޭންޖް ނުލިބޭ ގޮތަށް ޖޭމަރު ހަރުކުރުމުގެ ބަދަލުގައި، ވިސްނުމަކީ ޖަލަށް ދާ މީހުން ސްކޭން ކުރުމަށް މެޝިނެއް ހަރުކުރުން ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ. މާފުށީ ޖަލަށް މަނާ ތަކެތި ވެއްދުން، ޚާއްސަކޮށް ފޯނު ފަދަ ތަކެތި ވެއްދުން ވަނީ އާންމުވެފައެވެ. އެފަދަ ފޯނުތައް ބޭނުންކޮށްގެން ގައިދީން ސްކޭމްތައް ހިންގާތީ މީގެ ކުރިން ވެސް ޖަލު ބަލައިފާސްކޮށްފައިވާއިރު، މި މަހުގެ 11ގައި ވެސް ފުލުހުން ޖަލުގައި އޮޕަރޭޝަނެއް ކުރިއަށްގެންދިޔައެވެ. އެ އޮޕަރޭޝަނުގައި މާފުށީ ޖަލުން އެކި ބްރޭންޑުތަކުގެ 33 މޮބައިލް ފޯނުގެ އިތުރުން، އިއަޕޮޑާއި ހެޑްސެޓާއި ފޯނު ޗާޖު ކުރާ ކޭބަލާއި ސިމްކާޑުތަކެއް ހޯދައިފައިވެއެވެ. ޖަލުން ސްކޭމް ކުރުން ހުއްޓުވުމަށް، ފޯނުން ނުގުޅޭ ގޮތް ހަދަން ޖޭމަރު ހަރުކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ކުރާ ކަމެއް ކަމަށްވާއިރު، އެކަން ނުކުރަނީ ކީއްވެގެންތޯ "ސަން"އިން ވަނީ ހޯމް މިނިސްޓްރީއާ ސުވާލުކޮށްފައެވެ. އެ މިނިސްޓްރީގެ އޮފިޝަލް "ސަން"އަށް ވިދާޅުވީ ޖަލުގައި ޖޭމަރު ހަރުކުރުމުން މާފުއްޓާއި އެ ރަށް ކައިރީ އޮންނަ ހިސާބުތަކުގެ ސިގްނަލް ވެސް ކެނޑޭ ކަމަށެވެ. އެހެންވެ، އާ ބޮޑީ ސްކޭނާއެއް ގެނެސްގެން ހަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ޖޫން މަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ، މާފުށީ ޖަލަށް ޒިޔާރަތް ކުރާ މީހުން ގެންދާ ތަކެތި ސްކޭން ކުރެވޭ ގޮތަށް ބޮޑީ ސްކޭނިން މެޝިނެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން އެފަދަ މެޝިނެއް ގެނެސްފައިވާކަން މިހާތަނަށް ސާފުވެފައިނުވެއެވެ. https://sun.mv/211332 މީގެ އިތުރުން، 2022 ވަނަ އަހަރު އޭރުގެ ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ވެސް ވަނީ، ޖޭމަރު ހަރުކޮށްގެން އެދެވޭ ނަތީޖާއެއް ނުލިބޭ ކަމަށާއި އޭގެ ސަބަބުން އާންމުންނަށް ދަތިވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ދާއިރާގެ ފަންނީ ބޭފުޅުން ވަނީ، ބޭނުން ހިސާބަކަށް ދޫކޮށްފައި ހުންނަ ފްރެކުއެންސީ ބްލޮކްކުރެވޭ ގޮތަށް، އެކިވަރުގެ ޖޭމަރު ހުންނަކަން ފާހަގަކޮށްފައެވެ. އެގޮތަށް، ޖަލުގެ ވަކި ހިސާބަކަށް ރޭންޖު ކެނޑޭ ގޮތަށް ވެސް ޖޭމަރު ހަރު ކުރެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ