ޔުނައިޓެޑް ދަނޑުގައި ޗެލްސީގެ ބަދުނަސީބު ރެކޯޑް ކުރިއަށް ޔުނައިޓެޑް ދަނޑުގައި ޗެލްސީގެ ބަދުނަސީބު ރެކޯޑް ކުރިއަށް

މެންޗެސްޓާ (ސެޕްޓެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި ޗެލްސީ 2-1 އިން ބަލިވެ، މި މެޗުގައި އެ ޓީމުގެ ދަށް ރެކޯޑް ދިގުލައިފި އެވެ.
ޔުނައިޓެޑް ދަނޑުގައި ޗެލްސީން ލީގުގެ މެޗަކުން އެންމެ ފަހުން މޮޅުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން، މިވީ 12 އަހަރު ތެރޭ ޗެލްސީން އެކި ފަހަރު މަތިން ރަނގަޅު ފޯމެއްގައި، ޔުނައިޓެޑް ދަނޑަށް ދިޔަ ނަމަވެސް ނަތީޖާއެއް ނެރެވޭ ގޮތެއްނުވި އެވެ. އަނެއްކޮޅުން، މިއީ ޗެލްސީ މި ފަހަރުގެ ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. ޔުނައިޓެޑުން މި ވަނީ ފަސް މެޗު ކުޅެގެން ދެ ވަނަ މޮޅު ހޯދައި، އެ ޓީމަށް އޮތް ޕްރެޝަރަށް ލުޔެއް ހޯދައިފަ އެވެ.
އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑަށް ފަސޭހަވީ، މެޗުގެ ފަސް ވަނަ މިނިޓްގައި ޗެލްސީގެ ގޯލްކީޕަރު، ރޮބާޓް ސަންޗޭޒަށް ރަތް ކާޑެއް ދެއްކުމުންނެވެ. ޗެލްސީގެ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދަން އަރައި، ސަންޗޭޒް ވަނީ ޔުނައިޓެޑްގެ ބްރަޔާން އެމްބުއޭމޯ އަށް ފައުލުކޮށްފަ އެވެ. އެއާ އެކު، ރެފްރީ ނިންމީ ސަންޗޭޒަށް ރަތް ކާޑެއް ދެއްކުމަށެވެ.
ޗެލްސީގެ ކުޅުންތެރިއަކު މަދުވިތާ 10 ވަރަކަށް މިނިޓް ފަހުން، ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ވަނީ ގޯލު ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ގިނަ ވަގުތުުތަކެއް ނަގައިގެން ބެލުމަށް ފަހު ވެސް ނިންމީ މިއީ ރަނގަޅު ގޯލެއް ކަމަށެެވެ. މިއީ، ފެނާންޑޭސް، ޔުނައިޓެޑަށް ޖަހައިދިން 100 ވަނަ ގޯލެވެ. މެޗުގެ 37 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ކަސެމީރޯ ވަނީ ގޯލެއް ޖަހައި އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.
އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކަސެމީރޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ދެ ޓީމުގެ ކުޅުންތެރިން ވެސް ހަމަހަމަކޮށް ދެ ވަނަ ހާފުގައި ކުޅެން ޖެހުނުއިރު، މެޗުގެ 80 ވަނަ މިނިޓްގައި ޓްރެވާ ޗަލޯބާ ވަނީ ރީސް ޖޭމްސް ދިން ބޯޅައަކުން ޗެލްސީ އަށް ގޯލެއް ޖަހައިދީފަ އެވެ.
ލީގުގެ އެއް ވަަނައިގައި އޮތް ލިވަޕޫލަށް ވަނީ ފަސް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ބްރައިޓަންއާ 2-2 އިން އެއްވަރުވެ، ފަސް މެޗުން 10 ޕޮއިންޓް ހޯދި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ހަތަރެއްގައި އޮތް ކްރިސްޓަލް ޕެލަސް އިން ވަނީ 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ޗެލްސީ، ހަ ވަނައިގައި އޮތީ ފަސް މެޗުން އަށް ޕޮއިންޓާ އެކު އެވެ. އަދި، ނުވަ ވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ