ކާބޯތަކެތި ގަންނަން އެހީއަށް އެދުނު މީހުންގެ އަދަދަށް އިތުރުވުމެއް، އެންސްޕާއިން 25،720 ރުފިޔާ ދީފި
މިދިޔަ އޮގަސްޓު މަހު، ފަގީރު ހާލަތުގައި ދިރިއުޅުމުގެ ސަބަބުން ކާބޯތަކެތި ގަންނަން މާލީ އެހީތެރިކަމަށް އެދުނު މީހުންގެ އަދަދު އިތުރުވެއްޖެއެވެ. އިޖުތިމާއީ އެހީ ފޯރުކޮށްދޭ އިދާރާ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ކާބޯތަކެތި ގަންނަން މިދިޔަ މަހު 700 މީހަކަށް 25،720 ރުފިޔާ ދީފައިވެއެވެ. އެއާ އަޅައިބަލާއިރު، މިދިޔަ ޖޫން މަހާއި ޖުލައި މަހު އެ އެހީ ފޯރުކޮށްދީފައިވަނީ 697 މީހަކަށެވެ. އެގޮތުން އެ މީހުންނަށް ދޫކުރީ ޖުމްލަ 25،600 ރުފިޔާއެވެ. ފަގީރު ހާލަތުގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދެނީ އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމަކުންނެވެ. އެ އެހީ ފޯރުކޮށްދެނީ ކާބޯތަކެތީގެ ތެރެއިން ހަނޑޫ، ހަކުރު އަދި ފުށް ގަތުމަށެވެ. https://x.com/NSPAmaldives/status/1969373232055865473 އެ ޕްރޮގްރާމްގެ ދަށުން މާލީ އެހީގެ ގޮތުގައި ދެނީ، ކޮންމެ މީހަކަށް މީލާދީ ކޮންމެ މަހަކު 40 ރުފިޔާ އަދި ގޭބިސީއަކަށް ގިނަވެގެން 240 ރުފިޔާއެވެ. އެ އެހީ ދިނުމަށް ބަލާ ޝަރުތުތަކީ: ދިވެހި ރައްޔިތެއް ކަމުގައިވުން ފަގީރުކަމުގެ ހާލަތު ދެނެގަތުމާ ބެހޭ ގޮތުން އެންސްޕާއިން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން މީލާދީ މަހެއްގެ މައްޗައް އާމްދަނީ ލިބޭ، ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައިވުން. އެންސްޕާއިން އެ ހިސާބުތައް އާންމުކޮށްފައިވާއިރު، މިއީ ރާއްޖޭގައި ކާބޯތަކެތީގެ އަގުތައް އުފުލެމުން އަންނަ ދުވަސްވަރެކެވެ. މާލޭގެ އަގުތަކަށް އެކަނި ބަލާއިރު، މިދިޔަ މަހު ޒަރޫރީ ތަކެތީގެ އަގުތައް އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކައެވެ. ކާޑުގެ ބާވަތްތައް ދޯންޏަކަށް އަރުވަނީ: އެންސްޕާއިން އެހީ ފޯރުކޮށްދެނީ ކާބޯތަކެތީގެ ތެރެއިން ހަނޑޫ، ހަކުރު އަދި ފުށް ގަންނަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެ ތަފާސްހިސާބުގައިވާ ގޮތުން، މި އަހަރުގެ ޖުލައި މަހުން އޮގަސްޓު މަހަށް، ޒަރޫރީ ތަކެތީގެ އަގު ވަނީ 1.19 ޕަސެންޓް އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު މިދިޔަ މަހު އަގުތައް ހުރީ 1.92 ޕަސެންޓް އުފުލިފައެވެ. އޭގެ ތެރެއިން ކާތަކެއްޗަށް ބަލާއިރު، ޖުލައި މަހުން އޮގަސްޓު މަހަށް އަގުތައް ވަނީ 1.62 ޕަސެންޓް އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު ފަރަގު ބޮޑުވެ، އަގުތައް ވަނީ ދެ ޕަސެންޓް އިތުރުވެފައެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން އެންމެ ބޮޑަށް އުފުލިފައިވަނީ މޭވާގެ އަގެވެ. އެގޮތުން މަހުން މަހަށް 6.13 ޕަސެންޓުގެ އިތުރުވުމެއް އައިއިރު، މިދިޔަ އަހަރާ އަޅައިބަލާއިރު 10.2 ޕަސެންޓުގެ އިތުރުވުމެއް ދައްކައެވެ. ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ދައުލަތުގެ ހިއްސާ އޮންނަ އެސްޓީއޯ މެދުވެރިކޮށް، އަގު ބޮޑުވާ އެއްޗެއް އެތެރެކުރަމުންނެވެ. އެގޮތުން ފާއިތުވި މަސްތަކުގައި އޮރެންޖުގެ އަގު އުފުލުމުން، އޮރެންޖު އެތެރެކޮށްފައިވެއެވެ. އެއާއެކު އޮރެންޖުގެ އަގު ވަނީ 10 ރުފިޔާއިން ފަސް ރުފިޔާއަށް ތިރިކޮށްފައެވެ. މީގެ އިތުރުން، ތަރުކާރީއާއި މޭވާ ހިމެނޭ ގޮތަށް ޖުމުލަ 23 ބާވަތެއް ގަނޑުކޮށް އެތެރެކޮށް، ބާޒާރަށް ނެރުމަށް މި މަހު ސަރުކާރުން ވަނީ އެސްޓީއޯއާ ހަވާލުކޮށްފައެވެ. https://sun.mv/211176 އެ ބަދަލާއެކު، އަންނަ މަހު 15 އިން ފެށިގެން ކާބޯތަކެތީގެ އަގުތައް ހެޔޮވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. އެސްޓީއޯ މެދުވެރިކޮށް ކާބޯތަކެތި ގަނޑުކޮށް އެތެރެކުރަނީ ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަގީންކަމަށް ޓަކައި ކަމަށް ސަރުކާރުން ބުނި ނަމަވެސް، އިދިކޮޅުން އަންނަނީ އެއީ ފުޑް ސެކިއުރިޓީ ކަށަވަރު ކުރާ ގޮތް ނޫން ކަމަށް ބުނަމުންނެވެ. އެގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު, ހުސައިން އަމްރު ވެސް ވަނީ، ކާނާ ޔަގީންކަން ހޯދުމަށް ޓަކައި ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ