މިސްކިތްތައް ފެހިކުރަން ޕްރޮގްރާމެއް ހިންގަނީ

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ފެހިކުރުމުގެ މަޤްޞަދުގައި ހިންގާ 5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢުގެ ފަރާތުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ މިސްކިތްތައް ފެހިކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ހިމެނޭހެން، އިސްލާމީ ކަންތައްތަކާ ގުޅިފައިވާ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދުތަކުގައި ގަސް އިންދައި، ފެހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެވުނު ކަމަށާއި މިގޮތުން، މިސްކިތްތަކަކީ މުސްލިމް މުޖުތަމަޢުގެ މެދުގައި ވަރަށް ބޮޑު ގުޅުމެއް އުފައްދާ ތަންތަން ކަމުގައިވާތީ، މިސްކިތްތައް ފެހިކުރުމަކީ މާހައުލީ ރީތިކަމުގެ އިތުރުން، ރައްޔިތުންނަށް ފިނިމާހައުލެއް ބިނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި މަޝްރޫޢުގެ ދަށުން ގަސް އިންދުމަށް ބޭނުންވާ ގަސްތަކާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމާއި، ގަސްތައް ބެލެހެއްޓުމުގައި މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެ އެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، މިސްކިތްތައް ފެހިކުރުމުގެ ޕްރޮގްރާމެއް ލަސްތަކެއްނުވެ ފަށައިގަތުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށީގެ ދާއިރާއަށް ދެއްވާ ޚާއްސަ ސަމާލުކަމުގެ ދަށުން ހިންގާ މަޝްރޫޢެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ