ސިނގިރޭޓްގެ ބޮޑު ވައްކަން: ފަޅާނާރާ ކިތައް ވައްކަން ހިންގާނެ

"އެ މީހުން ބަނދަރު ތެރޭގައި ރިހާސަލް ވެސް ބޭއްވި."
އެއީ ތެދު ވާހަކައެއް ކަމެއް އަދި ނޭނގެ އެވެ.
"ސެކިއުރިޓީ ކެމެރާތަކާ ކުޅުނު. ނަސީބަކުން އެއް ކެމެރާއަށް މަންޒަރު އެރި."
އެމްޕީއެލް އާއި ފުލުހުން އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.
"މިއަށް ވުރެ ބޮޑު ވައްކަމެއް މާލޭ ވިޔަފާރި ބަނދަރުގައި ހިނގާފައެއް ނެތް."
ރަނގަޅު ވާހަކައަކަށް ވުން ވަރަށް ކައިރި އެވެ. މިހާތަނަށް އެވަރުގެ ވައްކަމެއްގެ ހަބަރު މީޑިއާއަށް ތިލަވެފައެއް ނުވެ އެވެ.
"ހިތަށްއެރި ބަޔަކަށް އެމްޕީއެލްއިން ވަޒީފާ ދެންޏާ މިކަހަލަ ކިތައްމެ ކަމެއް ހިނގާނެ."
ސިޔާސީ ވެރިން ގެންދަނީ އެމްޕީއެލް ފަދަ ކުންފުނިތަކަށް، އެ ބައެއްގެ ބެކްގްރައުންޑް ރަނގަޅަށް ސާފުނުކޮށް ވަޒީފާތައް ބަހަމުންނެވެ. އެހެންކަމުން މި ވާހަކަ އޭގެ ޒާތުގައި ރަނގަޅެވެ.
"އެމްޕީއެލް އާއި ކަސްޓަމްސްގެ ވެރިން ލަދުން ނަމަވެސް އިސްތިއުފާ ދޭން ޖެހޭނެ."
މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ރީތި ނަމޫނާއެއް ވެރިންގެ ފަރާތަކުން ނުފެނެ އެވެ.
މަތީގައި އެހުރި ކޮންމެ ވާހަކަައަކީ އެމްޕީއެލް އާއި ކަސްޓަމްސްއާ ގުޅިފައި ތިބި އެކި މީހުންގެ ކުރު ޖުމްލަތަކެކެވެ. ދެ އިދާރާގެ އެތެރޭގައި ހުރި ބާގަނޑުތަކާއި އެ ބާގަނޑުތަކުން ދައުލަތަށް ލިބޭ ގެއްލުންތަކުގެ ވާހަކަ އެމީހުން ކިތައްމެ ދިގުކޮށް ވެސް ދައްކަފާނެ އެވެ. އެވަރަށް ކަންކަން ހިނގަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުގައި ބަޔަކު ހިންގި ސިނގިރޭޓްގެ ބޮޑު ވައްކަން ފަޅާއެރީ، މި މަހު 8 ނުވަތަ 9 ވަނަ ދުވަހު، ހޯމް މިނިސްޓަރު އަލީ އިހުސާންއަށް، ސްރީ ލަންކާގެ ނަންބަރަކުން ފޮނުވި މެސެޖަކުން ކަމަށްވެ އެވެ. ބައެއް މީޑިއާތަކުގައި އެގޮތަށް ރިޕޯޓްކުރި ފަހުން އިހުސާން އެކަން ދޮގުކުރައްވާފައި ނުވުމަކީ އޭގައި ހަގީގަތްތަކެއް އެކުލެވިގެން ވުން ކަމަށް ބެލިދާނެ އެވެ.
ޑިއުޓީއަށް 122 މިލިއަން ރުފިޔާ ޖެހޭ ސިނގިރޭޓް ޝިޕްމެންޓް ދެ ކޮންޓޭނަރުގައި ހުއްޓާ ވަގަށް ގެންދިއުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށް ތަހުގީގު ކުރިއަށް ގެންދިޔަ ނަމަވެސް އެއީ އަދި އޭގެ ކުޑަ މިންވަރެއް ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ.
"އެމްޕީއެލްއިން އަޅަން ޖެހޭ ވަރާ ގާތަށް ވެސް ފިޔަވަޅެއް އަދި ނާޅާ، އަޅާ ތަނެއް ނުފެނޭ،" މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުން އެ ދެ ކޮންޓޭނަރު ނެރޭނެ ގޮތުގެ ރިހާސަލް ވެސް ބޭއްވި އެވެ. މީޑިއާ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ދެ ކޮންޓޭނަރު ހުރި ސަރަހައްދުގެ ސީސީޓީވީ ކެމެރާތައް ހުރީ ބިންމައްޗަށް އަޅުވައިފަ އެވެ. ދެ ކޮންޓޭނަރު ނަގާ ދޯންޏަށް އަރުވާތަން ނުފެންނާނެ ގޮތަށް އެހެން ކޮންޓޭނަރުތަކެއް މަތިމަތިން ޖެހި ކަމަށް ވެސް ވެ އެވެ.
އެކަމަކު އެމްޕީއެލްގެ އެތެރެއިން ކެމެރާތަކާ ކުޅުނު މީހުންނަށް އެއް ކަމެއް އަތުން ދޫވި އެވެ: ދެ ކޮންޓޭނަރު ދޯންޏަކަށް އަރުވާތަން އެއް ކެމެރާއަށް އަރާފައި ހުރުމެވެ. އެހެންކަމުން ކޮންޓޭނަރުތައް ކަނޑައިގެން ލޮރީތަކުގައި ބަނދަރުން ބޭރުނުކޮށް ކަނޑު މަގުން ގެންދިޔައީކަން، މިހާރު ވަނީ، ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ކަށަވަރުވެފަ އެވެ.
"ވިޔަފާރި ބަނދަރެއްގައި މިހާ ބޮޑު ވައްކަމެއް ހިނގަންޏާ ދެން ނުހިނގާނެ ކަމެއް ބުނެބަލަ،" އެމްޕީއެލްއާ ގުޅުން ހުރި މީހަކު ބުންޏެވެ.
"ހިފަހައްޓާފައި ހުރި ކޮންޓޭނަރުތަކެއް ވިއްޔަ އެ ބޭރުކޮށްލީ. ދެން މިކަހަލަ ކިތައް ކަންތައް ހުންނާނެ ފަޅާނާރާނެހެން ހިންގާފައި."
އެ ވައްކަން ފަޅާއެރުމާ އެކު އެމްޕީއެލްއިން ވަނީ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށްފަ އެވެ. ފުލުހުން ބުނާ ގޮތުގައި ހައްޔަރުކުރި ހަތަރު މީހުންގެ އިތުރުން 12 މީހަކު ފުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި އެމްޕީއެލް އާއި ކަސްޓަމްސްގެ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުން އަދިވެސް ލަހެވެ. ރައްޔިތުންނަށް އިތުބާރު ހޯދައިދިނުމަށް އެކަން އަވަސްކުރަން ޖެހޭ ކަމަށް ވެސް، އެ މީހުން ބުނެ އެވެ.
އެމްޕީއެލްއަކީ އާދައިގެ ޒިންމާތަކެއް އޮތް ކުންފުންޏެއް ނޫނެވެ. ރާއްޖެއަށް ގެންނަ އަދި ބޭރުކުރާ މުދަލުގެ މަސްލަހަތު ވަރަށް ބޮޑެވެ. އެއީ ދައުލަތަށް ލިބޭ ޑިއުޓީގެ އާމްދަނީއާ ގުޅިފައި ހުރި މަސައްކަތެކެވެ. މަސްތުވާތަކެތި އެތެރެކުރުން ކަހަލަ ގައުމަށް ބޮޑެތި ގެއްލުންތައް ހުރި އެތައް މުއާމަލާތެއް ހިންގަން ބޭނުންކުރާނެ މަގެކެވެ.
ބައެއް މީހުން ބުނި ގޮތުގައި ސިނގިރޭޓްގެ ވަައްކަން ފަޅާއެރުމާ އެކު އެމްޕީއެލް އާއި ކަސްޓަމްސްގެ މުހިންމު ހުރިހާ ޑިޕާޓްމަންޓެއްގެ ވެރިންގެ ގާބިލްކަމާއި ބެކްގްރައުންޑް އަލުން ޗެކްކުރަން ޖެހޭނެ އެވެ. މިސާލަކަށް ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ބަޔާއި އޮޑިޓް ޑިޕާޓްމަންޓާއި މުދާ ދޫކުރުމުގެ އިސް މީހުންނެވެ.
އޮޑިޓް ޑިޕާޓްމަންޓްގެ ޒިންމާ ވަރަށް ބޮޑެވެ. އެއީ އެމްޕީއެލްގެ އޮޕަރޭޝަންސްގެ ކަންކަން ރޭވިފައި ހުރި ގޮތް ރަނގަޅުތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭ އެ ކުންފުނީގެ ވަކި ޑިޕާޓްމަންޓެކެވެ.  ކުންފުންޏަށް ގެއްލުން ވެދާނެ ހުރިހާ ކަމަކަށް އޮޑިޓް ޑިޕާޓްމަންޓްގެ ލޯ އަމާޒުވާން ޖެހެ އެވެ.
"ކުންފުނީގެ އޮޑިޓުން އެމްޕީއެލްގެ އެތެރޭގެ ކަންކަން ބަލަމުން ދަނީ، ނޫނީ ރަނގަޅުކުރަން ކުރަމުން ދަނީ ކޮން ކަމެއްކަން އެބަ ޖެހޭ އެނގެން. އެއީ ނަމަކަށް ތިބެންް ޖެހޭ ބައެއް ނޫން،" އެމްޕީއެލް ފަދަ ބޮޑު ކުންފުންޏެއްގެ އެތެރޭގެ ސިޔާސަތު ރޭވިފައި ހުންނަން ޖެހޭނެ ގޮތުގެ މައުލޫމާތު ހުރި މީހަކު ބުންޏެވެ.
އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި ގާނޫނާ ހިލާފު ކިތައް ކަންކަން ހިނގާނެތޯ މި އޮތީ ސުވާލު އުފެދިފަ އެވެ. ފަޅާނާރާނެހެން ކުރާ ވައްކަމެވެ. މަސްތުވާތަކެތި އެތެރެކުރަން ލިބޭނެ ފަސޭހަ ފުރުސަތުތަކެވެ. ކަސްޓަމްސް އާއި އެމްޕީއެލްގެ މުވައްޒަފުން ގުޅިގެން ޑިއުޓީއަށް މަކަރު ހެދުމެވެ. އޭގެ ސަބަބުން ދައުލަތަށް ވަންނަން ޖެހޭ އާމްދަނީއަށް ހުރަސްއެޅުމެވެ.
"ދައުރު'އާ ވާހަކަ ދެއްކި އެކަކު ބުނީ ވިޔަފާރި ބަނދަރުގައި ހުރި ދޯދިޔާ ކަންކަމަކީ ގައުމުގެ ސަލާމަތަށް ވެސް އޮތް ނުރައްކަލެއް ކަމަށެެވެ. އެހެންކަމުން ސިނގިރޭޓް ވަގުން ހޯދުމުގެ އިތުރުން ސަރުކާރަށް އޮތް ޒިންމާއަކީ އެމްޕީއެލް އާއި ކަސްޓަމްސްގެ އެތެރޭގެ ހުރިހާ ކަމެއް، މިނިވަން ބަޔަކާ ހަވާލުކޮށްގެން، ރަނގަޅަށް ބެލުން ކަމަށް، އޭނާ ބުންޏެވެ. އެކަން ނުކޮށް ދޫކޮށްލައިފި ނަމަ ދުވަހަކު ވެސް އެ ދެ އިދާރާގެ ހިންގުން ހަރުދަނަައެއް ނުކުރެވޭނެ އެވެ.
ކަސްޓަމްސް އާއި އެމްޕީއެލްގެ އެތެރޭގައި އޮންނަ ހިޔާނާތުގެ ފަށަލަތައް ފުނޑާލަން އެބަ ޖެހެ އެވެ. އެހެން ނޫނީ ދުވަހަކު ވެސް ހައްލެއް ނުލިބޭނެ އެވެ. ވަގަށް އެތެރެކުރި 1،360 ކޭސް ސިނގިރޭޓް ހުރި ދެ ކޮންޓޭނަރު ހިފަހައްޓާފައި ވަނިކޮށް، ބަނދަރުގެ ސަލާމަތީ މީހުންގެ ލޮލުން ނެއްޓި، އަދި ކަސްޓަމްސްގެ އޮފިސަރުންނަށް 'ނުފެނި'، 'ނޭނގި'، 'ހިލަމެއް ނުވެ'، ވަގަށް ގެންދިއުމަކީ ހާދަހާ ބޮޑު ފެއިލްވުމެކެވެ. އާއެނކެވެ. ފެއިލް ވެއްޖެ އެވެ. ފެއިލް ކޮށްލައިފި އެވެ. އޭގެ ފަހުން އެމްޕީއެލްއިން މި ބުނަނީ ކަސްޓަމްސްއިން ހިފަހައްޓާ މުދާތައް ބަނދަރުގައި ބަހައްޓާނެ ވަކި ތަނެއް ހާއްސަ ކުރާނެ ވާހަކަ އެވެ.
ސުބްހާނަﷲ އެވެ. މިއީ 2025 އެވެ. އެހާ ވަރުގެ އިންތިޒާމެއް ވެސް އެމްޕީއެލް އާއި ކަސްޓަމްސްއަށް، މީގެ ކުރިން، ހަމަޖެއްސިފައި ނެތީ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ