ޓްރަމްޕާ މަޝްވަރާ ކުރުމަށް އީރާންގެ ހާމަނާއީ އިންކާރުކޮށްފި

އީރާނާ އެކު އަލުން މަޝްވަރާތައް ފެއްޓުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުން އީރާނުގެ ރައީސް އާޔަތުالله އަލީ ހާމަނާއީ ބޮލާލާ ޖައްސަވައިފި އެވެ.
ހާމަނާއީ ވިދާޅުވީ އީރާނުގެ ނިއުކްލިއާ ގާބިލުކަން އެމެރިކާއަށް ފުނޑުފުނޑު ވެސް ކޮށްލެވިފައި ނުވާ ކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު ނުސީދާކޮށް ކުރިއަށް ގެންދިޔަ ނިއުކްލިއާ މަޝްވަރާތައް ނިމުމަކަށް އައީ މެދުނުކެނޑި 12 ދުވަހުގެ ވައިގެ ހަމަލާތަކެއް އިޒްރޭލާއި އެމެރިކާ އިން މިދިޔަ ޖޫން މަހު އީރާނަށް ދިނުމުންނެވެ. އެ ހަމަލާތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ ސައިޓްތައް ހިމެނެ އެވެ.
"ޓްރަމްޕް ވިދާޅުވަނީ އޭނާއަކީ ޑީލް ހައްދަވާ ބޭފުޅެެއް ކަމަށް. ނަމަވެސް އެ ޑީލަކީ މަޖުބޫރު ކުރުވައި އޭގެ ނަތީޖާ ކުރިން ނިންމާފައިވާ ނަމަ، އެއީ ޑީލެއް ނޫން. އޭގެ ބަދަލުގައި އެއީ ބުލީ ކުރުމުގެ ބާވަތެއް،" ހާމަނާއީ ވިދާޅުވި އެވެ.
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވީ އީރާނާ އެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލެވިއްޖެ ނަމަ އެ ވާނީ ވަރަށް ރަނގަޅު ކަމަކަށް ކަމަށެވެ.
"އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ބޮން އަޅައި ހަލާކުކޮށްލި ކަމަށް އެމެރިކާގެ ރައީސް ފަހުރުވެރިކަމާ އެކު އެބަ ވިދާޅުވޭ. ރަނގަޅު އެ ގޮތަށް އެ ހުވަފެން ބަލަބަލާ ތިބޭ،" ހާމަނާއި ވިދާޅުވި އެވެ.
ހާމަނާއީ ވިދާޅުވީ އީރާނުގައި ނިއުކްލިއާ މަރުކަޒުތައް ހުރިތޯ ނުވަތަ ނޫންތޯ އެއީ އެމެރިކާއާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެ ފިއްތުންތަކަކީ ބޭއިންސާފާއި ނާޖާއިޒު މަޖުބޫރު ކުރުވާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. 
ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި، އީރާނުން މަސައްކަތް ކުރަނީ ސިއްރިޔާތުގައި ޔުރޭނިއަމް ފައްކާކޮށް، ނިއުކްލިއާ ހަތިޔާރު އުފެއްދުމަށެވެ. އެފަދަ ހަރަކާތްތައް ހުއްޓާލުމަށް އެ ގައުމުތަކުން ބޭނުންވެ އެވެ.
ނަމަވެސް އީރާނުން އެ ތުހުމަތު ދޮގުކުރެ އެވެ. އެ ގައުމުން ބުނަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަަށް މަސައްކަތް ނުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ