ލޭ ހޯދުމަށް ހުރި ދަތިތަކަށް ހައްލު ހޯދުމަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
ލޭ ލިބުން ދަތިވާ މައްސަލަ ހައްލުކުރަން ހުށަހެޅި ގަރާރު ވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެެވެ.ކުޑޫ ހުށަހެޅުއްވި ގަރާރުގައި ބުނީ ބޮޑެތި އަދި ކުއްލި ބަލިތަކާއި ތެލެސީމިއާ ބަލި ތަހަންމަލު ކުރަމުންދާ މީހުންނަށް ބޭނުންވާ ލޭ ހޯދުމަށް ދަތިތަކެއް ހުރިކަމަށާއި ލޭ ހޯދުމަށް ހަރުދަނާ ނިޒާމެއް ހެދިފައި ނުވާ ކަމަށެވެ.ތެލެސީމިއާ ސެންޓަރަށް ގާނޫނާއި ގަވާއިދުތަކުގެ ދަށުން މަތިކޮށްފައިވާ ޒިންމާތައް އެކަށީގެންވާ ގޮތެއްގައި އަދާ ކުރަމުން ނުދިޔުމުގެ ސަބަބުން ލޭ ހޯދަންޖެހޭ ހާލަތްތަކުގައި ބަލި މީހުންނާއި އެމީހުންގެ އާއިލާތަކުން ލޭ ނުލިބިގެން އުޅެންޖެހޭކަން އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.މުހައްމަދު އިބްރާހިމް ވިދާޅުވީ، އެކިއެކި ރޯގާތަކާއި ރޯދަމަސް އަދި ސްކޫލު ޗުއްޓީތަކުގައި ވެސް ލޭ ލިބުމަށް ދަތިވާ ކަމަށެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ޖެހުނީ، މޯލްޑިވްސް ބްލޮޑް ސާވިސް އަދި މޯލްޑިވްސް ބްލަޑް ކައުންސިލާ ބައްދަލުކޮށް އެކަމަށް ހައްލު ނުލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.މިދިޔަ ފެބްރުއަރީ މަސް ތެރޭ އެ އިދާރާތަކާ އެކު ބޭއްވި ބައްދަލުވުމުގައި އެކަމަށް ހައްލެއް ހޯދަން މަސައްކަތްކުރާނެ ކަމަށް ބުންޏަސް މިހާތަނަށް ވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.އެ މައްސަަލަ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ވެސް މިދިޔަ ޖޫން މަސް ތެރޭ ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް ވެސް އެ ކޮމިޓީން ވެސް އެކަމުގައި ޖަވާބެއްް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.އެ ގަރާރު މަޖިލީހުން ބޭރުކޮށްލީ ޕީއެންސީ މެންބަރުންނެވެ. އެ ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ 10 މެންބަރުންނެވެ. ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 53 މެންބަރުން ވޯޓުދެއްވި އެވެ.އެ ގަރާރުގެ ބަހުސްގައި ޕީއެންސީ މެންބަރުން ވިދާޅުވަމުން ގެންދެވީ ލޭ ހޯދުމުގައި ހުރި ދަތިތަކާއި ތެލެސީމިއާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް މި ސަރުކާރުން ހައްލު ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅަންޖެހޭ ފަދަ ހާލަތެއް މިހާރު ނެތް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ."ރައީސް މުއިއްޒުގެ ވެރިކަމުގައި މި ހާލަތު އައުމުން އެމަނިކުފާނު ވަނީ ތެލެސީމިއާ ސެންޓަރު ވަކިން އެހެން ތަނަކަށް ބަދަލު ކުރައްވައި، ހުޅުމާލެ އޮރެންޖު ބިލްޑިންއަށް ބަދަލު ކުރައްވައި ތެލެސީމިއާ ސެންޓަރު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލު ކުރައްވައި އަދި އެތަނަށް ސްޕެޝަލިސްޓުން ލައްވައި، މުވައްޒަފުން އިތުރު ކުރައްވައި...،" ބާރަށޫ ދާއިރާގެ މެންބަރު ސުޖާއު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ