ލޭ ލިބުން ދަތިވާ މައްސަލަ ހައްލުކުރަން ހުށަހެޅި ގަރާރު ވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެެވެ.
އެ ގަރާރު ހުށަހަޅުއްވީ ތެލެސީމިއާ ކުދިންގެ އިތުރުން ވެސް މާބަނޑުމީހުންނާއި އެކްސިޑެންޓުތައް ފަދަ އެކިއެކި ކުއްލި ހާލަތްތަކުގައި ލޭ ލިބުން ދަތިވާ މައްސަލަ ހައްލުކުރުމަށް ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
ތަފްސީލް - މި ގަރާރު ބަލައިނުގަނެ ބޭރުކޮށްލީ މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި:
ބައިވެރިވި 63 މެންބަރުންގެ ތެރެއިން 53 މެންބަރުންގެ ވޯޓުން
މި ގަރާރު ބަލައިގަންނަން ވޯޓުދެއްވީ އެންމެ 10 މެންބަރުން
މި ގަރާރު ބަލައިގަތުމާ މެދު މަޖިލިސްގައި އޮތް ބަހުސްގައި ގަރާރު ބަލައިގަންނަން ނުޖެހޭ ކަމަށް ވިދާޅުވެ، ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެންބަރުން ވާހަކަދެއްކެވި އެވެ.
މި ގަރާރާ ދެކޮޅަށް މި މެންބަރުން ވާހަކަދެއްކެވި މައިގަނޑު ސަބަބަކަށް ވިދާޅުވަމުންގެންދެވީ، ތެލެސީމިއާ ކުދިންނަށް އާ ތެލެސީމިއާ ސެންޓަރެއް ހަދައިދީ، ލޭ ލިބުމުގައި ހުރި ދަތިތައް މި ސަރުކާރުން މިހާރު ހައްލުކޮށްދީފައިވާ ކަމަށް ވިދާޅުވެ އެވެ. އެހެންކަމުން، "މިހާރު ލޭ ލިބުމުގައި އެއްވެސް ދައްޗެއް ނެތް" ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
އެކަމަކު، މި ގަރާރު ހުށަހެޅުއްވި މުހައްމަދު އިބްރާހީމް އެ ބަހުސްގައި ވެސް ވިދާޅުވީ އެ ގަރާރަކީ ހަމައެކަނި ތެލެސީމިއާ ކުދިންނަށް ލޭ ލިބުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރެއް ނޫން ކަމަށެވެ. އެ ގަރާރަކީ ޖުމްލަކޮށް މުޅި ރާއްޖޭގައި ލޭ ލިބުމަށް ހުރި ދަތިތައް ހައްލުކުރަން ހުށަހަޅާފައިވާ ގަރާރެއްކަން އޭނާ ތަކުރާރު ކުރެއްވި އެވެ.
މުހައްމަދު އިބްރާހިމް ވިދާޅުވީ، އެކިއެކި ރޯގާތަކާއި ރޯދަމަސް އަދި ސްކޫލު ޗުއްޓީތަކުގައި ވެސް ލޭ ލިބުމަށް ދަތިވާ ކަމަށެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ޖެހުނީ، މޯލްޑިވްސް ބްލޮޑް ސާވިސް އަދި މޯލްޑިވްސް ބްލަޑް ކައުންސިލާ ބައްދަލުކޮށް އެކަމަށް ހައްލު ނުލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަސް ތެރޭ އެ އިދާރާތަކާ އެކު ބޭއްވި ބައްދަލުވުމުގައި އެކަމަށް ހައްލެއް ހޯދަން މަސައްކަތްކުރާނެ ކަމަށް ބުންޏަސް މިހާތަނަށް ވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
އެ މައްސަަލަ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ވެސް މިދިޔަ ޖޫން މަސް ތެރޭ ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް ވެސް އެ ކޮމިޓީން ވެސް އެކަމުގައި ޖަވާބެއްް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޭލިބުމަށް ދަތިވާ ސަބަބުތަކުގެ ގޮތުގައި ގަރާރުގައި ވަނީ:
ލޭ ހަދިޔާކުރުމާ ގުޅޭ ގައުމީ ފެންވަރުގެ ޕްލޭނެއް ނެތުން
އަމިއްލައަށް ލޭ ހަދިޔާކުރަން ރަޖިސްޓްރީކުރެވޭނެ ނިޒާމެއް ނެތުން
ސްކޫލު ކުދިންނަށް ލޭ ހަދިޔާކުރުމުގެ މުހިންމުކަން ކިޔާނުދޭތީ
ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް އިންތިޒާމީގޮތެއްގައި ކުރިއަށް ނުދާތީ
ލޭ ހަދިޔާކުރަން ހަދަންޖެހޭ ގޮތް ނެނގޭތީ
ލޭ ލިބުން ދަތިވާތީ ހުށަހެޅި ގަރާރު ވެސް މަޖިލީހުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ