ޑޭވިސް ކަޕްގައި އިޓަލީ ޓީމުން ސިނާ ނުފެންނާނެ ޑޭވިސް ކަޕްގައި އިޓަލީ ޓީމުން ސިނާ ނުފެންނާނެ

ބޮލޯނިއާ، އިޓަލީ (އޮކްޓޫބަރު 21) - ހަތަރު ގްރޭންޑް ސްލޭމް މުބާރާތުގެ ތަށި ހޯދާފައިވާ އިޓަލީގެ ޖަނިކް ސިނާ މި އަހަރުގެ ޑޭވިސް ކަޕްގައި ކުޅޭ އިޓަލީ ޓީމުން ނުފެންނާނެ ކަމަށް އިޓަލީގެ ކެޕްޓަން، ފިލިޕޯ ވޮލަންޑްރީ ބުނެފި އެވެ.
އުމުރުން 24 އަހަރުގެ ސިނާ ވަނީ މި އަހަރުގެ ހަަތަރު ގްރޭންޑް ސްލޭމް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އޭގެ ތެރެއިން އޮސްޓްރޭލިއަން އޯޕަން އާއި ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސިނާ އަށް ވަނީ ޔޫއެސް އޯޕަންގެ ފައިނަލުން ބަލިވުމާ އެކު، ދުނިޔޭގެ ރޭންކިން އެއް ވަަނަ ގެއްލިފަ އެވެ.
އެންމެ ފަހުން ސިނާ ކުޅެފައިވަނީ ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ ސިކްސް ކިންގްސް ސްލޭމްގަ އެވެ. ހަ މިލިއަން ޑޮލަރު ޗެމްޕިއަަނަށް ލިބޭ މި މުބާރާތުގެ ފައިނަލުގައި ސިނާ ވަނީ ކާލޯސް އަލްކަރާޒް ބަލިކޮށް މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.
ވޮލަންޑްރީ ބުނީ އިޓަލީގެ ޓިއުރިންގައި ނޮވެމްބަރު 9-16 އަށް ކުރިއަށްދާ އޭޓީޕީ ޓުއާ ފައިނަލްސްގައި ސިނާ ކުޅެން ނިންމާފައިވީ ނަމަވެސް، ބޮލޯނިއާގައި، ނޮވެމްބަރު 18-23 އަށް ކުރިއަށްދާ ޑޭވިސް ކަޕްގައި ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ސިނާގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ.
އިޓަލީ އަކީ އެންމެ ފަހުގެ ޑޭވިސް ކަޕްގެ ޗެމްޕިއަނެވެ. އެ ޓީމުން އަންނަނީ އަދިވެސް ސިނާ ލައްވައި ކުޅުވޭތޯ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން، ސިނާގެ ވިސްނުމަކީ އޭޓީޕީ ޓުއާ ފައިނަލްސް އަށް ފަހު، ކުރިއަށް އޮތް އަހަރަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތް ފެށުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ