ސަރުކާރުތަކުން ފުލެޓު ތަކުގެ ކުލި ކުޑަކޮށްދޭން ނިންމުމު ބަދަލުގެ ގޮތުގައި ދައުލަތުން އެޗްޑީސީއަށް 3.9 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ސަރުކާރުތަކުން ފުލެޓު ތަކުގެ ކުލި ކުޑަކޮށްދޭން ނިންމުމު ބަދަލުގެ ގޮތުގައި ދައުލަތުން އެޗްޑީސީއަށް 3.9 ބިލިއަން ރުފިޔާ ދައްކ

އެކި ސަރުކާރުތަކުން ހުޅުމާލާގައި ހުރި ސޯޝަލް ހައުސިންގެ ތެރޭގައި ހިމެނޭ ފުލެޓުތަކުގެ ކުލި ކުޑަކުރުމާއި ދިން އެހެނިހެން ލުއިތަކުގެ ބަދަލުގައި ދައުލަތުގެ ބޮލުގައި 3.9 ބިލިއަން ރުފިޔާގެ ދަރަންޏެއް އެޅިއްޖެ އެވެ.
ހުޅުމާލޭގެ ބިންތަކާއި އެ އަވަށުގައި ހިންގާ ސޯޝަލް ހައުސިންގެ މަޝްރޫއުތައް މެނޭޖުކުރަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. އެޗްޑީސީގެ ދަރަނީގެ ހިސާބުތަކުގެ އަދާހަމަ ހިއްސާކުރީ އެ ކުންފުނިން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ހިއްސާކުރި އެވެ.
އެ ލިޔެކިޔުންތަކުން އެނގޭ ގޮތުން ފުލެޓުތަކުގެ ކުލިން އުނިކޮށްފައިވާ ފައިސާގެ ބަދަލުގެ ގޮތުގައި ދައުލަތުން އެޗްޑީސީއަށް ދައްކަން ޖެހޭ ޖުމްލަ އަދަދަކީ 3،994،215،915ރ. އެވެ. ކުލި އުނިކޮށްގެން ދައްކަން އޮތް ފައިސާގެ ތެރެއިން މި އަހަރު ތެރޭ ސަރުކާރުން ވަނީ އެޗްޑީސީއަށް 70.6 މިލިއަން ރުފިޔާ ދައްކާފަ އެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އަދި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހުޅުމާލޭގެ ދެ ފިޔަވަހީގައި ހުރި ފުލެޓުތަކުގެ ކުއްޔަށް ލުއިތަކެއް ދީފައިވެ އެވެ.
އެގޮތުން، ހިޔާ ފުލެޓުގެ އެއްބަސްވުން ހެދީ މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކާ ގޮތަށެވެ. ނަމަވެސް، ގިނަ ޝަކުވާތަކަކާއެކު އެމްޑީޕީ ސަރުކާރުގެ ފަހު އަހަރުގެ މެއި މަހު އެ ކުލި 5،300ރ. އަށް ކުޑަކުރި އެވެ.
އޭގެ ފަހުން، ހިޔާ ފުލެޓުތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދުމަށް ހިޔާގެ ކޮންމެ ފުލެޓެއްގެ ޖުމްލަ ކުލިން 200،000ރ. އުނިކުރި އެވެ. އެއާއެކު އެ ފުލެޓުތަކުގެ ކުލި ވަނީ 3،984ރ. އަށް ކުޑަވެފަ އެވެ.
ވިނަރެސް ފުލެޓުތަކަށް ބަލާއިރު، މި ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ ފުލެޓުތަކުގެ އިންޓްރެސްޓު ރޭޓު ކުޑަކޮށް މަހު ކުލިން 4،200ރ. އުނިކުރި އެވެ. އެއާކު ވިނަރެސް ފްލެޓްތަކުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 9،000ރ. އާއި 13،000ރ. އާ ދެމެދުގެ އަދަދެކެވެ.
ހުޅުމާލެ ފޭސް އެކެއްގައި ހުރި ފުލެޓުތަކުގެ ކުލި ވެސް މި ސަރުކާރުން ކުޑަކުރި އެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެ ފުލެޓުތަކުގެ މަހު ކުލިން އުނިކުރީ 20 އިންސައްތަ އެވެ. މިއާއެކު ފުރަތަމަ ފިޔަވަހީގެ ފުލެޓުތަކަށް މަހަކު ދައްކަން ޖެހެނީ 4،000 ރ. އާއި 7،000 ރ. އާ ދެމެދު އަގެކެވެ.
މި ލުއިތަކާއެކު ވެސް ފުލެޓުތަކުން ކުލީގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ނުދައްކާ އެބަހުއްޓެވެ.
އެގޮތުން، އޮގަސްޓު މަހުގެ ނިޔަލަށް ހިޔާ ފުލެޓުތަކުން 650 މިލިއަން ރުފިޔާ، ވިނަރެސް ފުލެޓުތަކުން 43 މިލިއަން ރުފިޔަ، އަދި ފޭސް އެކެއްގެ ފުލެޓުތަކުން 283 މިލިއަން ރުފިޔާ ކުލީގެ ގޮތުގައި ނުލިބި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ