މުއިއްޒަށް އައްޑޫއަށް އަންނަން “ނުކެރުނު” ކަމަށް ވިދާޅުވެ ސޯބެ ގޮނޑި ޔަގީންކޮށްފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕެއިނަށް މުހައްމަދު މުއިއްޒުއަށް އައްޑޫ ސިޓީއަށް ވަޑައިގަންނަވަން "ނުކެރުނު" ކަމަށް ވިދާޅުވެ، އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހިތަދޫ ސްކޫލްގައި ބޭއްވި ޖަލްސާގައި ސޯބެ ވިދާޅުވީ އޭނާއާ ދެކޮޅަށް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަށް ބަލާލިއަސް، އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރެވިފައިވާކަން އެނގޭ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބު ބޮޑުކޮށް ކާމިޔާބުވާނެކަން އެނގޭ އަނެއް ހެއްކަކީ މުއިއްޒުއަށް އައްޑޫއަށް ވަޑައިގަންނަވަން ނުކެރުން ކަމަށެވެ. 
"މި އިންތިހާބު އިރާދަކުރެއްވިއްޔާ ﷲ ގެ މިންވަރުފުޅުން ބޮޑުތަނުން އަހަރުމެން ކާމިޔާބުކުރާނަން. ވާދަވެރި ކެންޑިޑޭޓަށް ބަލާލިއަސް، ކެންޑިޑޭޓުގެ މޫނަށް ބަލާލިއަސް، އެމީހުންގެ އަމަލަށް ބަލާލިއަސް އެބަ އެނގޭ މި އިންތިހާބު އަހަރުމެން ބޮޑުތަނުން ކާމިޔާބުކޮށްފިކަން. އެކަން ހަމަ ޝައްކެއްނެތި އެބަ އެނގޭ،" ސޯބެ ވިދާޅުވި އެވެ. 
"އަދި އެންމެ ބޮޑަށް ޔަގީންވާ ކަމަކީ، ރައީސް މުއިއްޒުއަށް ނުކުރެނު މި ރަށު ވަޑިފަތި ޖޯއްޔެއްގައި އިށީންނަން އަންނަންވެސް މި އިންތިހާބު ކާމިޔާބުކޮށްދޭން. އެހެންވީމަ މި ބުނަނީ މި އިންތިހާބު މި ތިބީ ބޮޑުތަނުން ކާމިޔާބުކޮށްގެންނޭ،"
ސޯބެ ވިދާޅުވީ އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެވުނު ކަމަށާއި ހިތަދޫ އުތުރު ދާއިރާގެ ހުރިހާ ގެއަކާއި ކެފޭތަކަށް ވަދެ ރައްޔިތުންނާ ބައްދަލުކުރި ކަމަށެވެ. އޭގެއިތުރުން މާލެ އާއި ހުޅުމާލޭގައި ތިބި ދާއިރާގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. 
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ތިބީ ބައި-އިލެކްޝަންގައި ވޯޓުލުމަށް ހޮނިހިރު ދުވަސް ނުޖެހިގެން ކަމަށާއި އިންތިހާބުގައި ޕީއެންސީގެ ގިނަ ވޯޓުތައްވެސް އޭނާއަށް ލިބޭނެ ކަމަށް ސޯބެ ވިދާޅުވި އެވެ. 
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ސޯބެއަށް ތާއީދުކުރައްވާކަން ހާމަކުރައްވާ، އޭނާއަށް އެންމެން ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. 
ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރަނީ ސޯބެ އާއި ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަހްމަދު ސައީދެވެ. ކެންޑިޑޭޓް ނަންބަރު އެކެއް ސައީދަށް ލިބުނުއިރު ސޯބެގެ ނަންބަރަކީ ދޭކެވެ.
2011 ވަނަ އަހަރު ސޯބެ އެންމެ ފުރަތަމަ އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގަތީ ވެސް ހިތަދޫ އުތުރު ދާއިރާއިންނެވެ. އެއަށް ފަހު ޖެހިގެން އައި ދެ އިންތިހާބުގައި ވެސް ތަނަވަސް އަގުލަބިއްޔަތަކުން އެ ގޮނޑި ސޯބެ ދިފާއުކުރެއްވި އެވެ. 2014 ވަނަ އަހަރު 1،147 ވޯޓު ސޯބެއަށް ލިބިވަޑައިގެންނެވިއިރު 2017 ވަނަ އަހަރު 1،376 ވޯޓު އޭނާ ކާމިޔާބު ކުރެއްވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑިއަށް ކުރިން އިންތިހާބުވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އެޕްރީލް 12، ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ