ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ވެއްޖެ ކަމަށާއި އެކަން އެންމެ ބޮޑަށް އެނގެނީ ރައީސް މުހައްމަދު މުއިއްޒު ކެމްޕެއިނަށް އައްޑުއަށް ވަޑައިނުގަތުމުން ކަމަށް އެ ގޮނޑިއަށް އެމްޑީޕީން ވާދަ ކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސޯދިގު މިގޮތަށް ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް މިރޭ އައްޑޫ ހިތަދޫ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ
ތަފްސީލު - ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ޕޯޑިއަމްއަށް އަރާވަޑައިގެން ސޯދިގު ފުރަތަމަ ވެސް ވިދާޅުވީ، ދެ ދުވަސް ފަހުން އޮންނަ މި އިންތިހާބުގައި އެ ދާއިރާގެ ރައްޔިތުން ވޯޓުލާންވީ އޭނާގެ ކެންޑިޑޭޓް ނަންބަރު 2 އަކަށް ކަމަށެވެ. އަދި ﷲގެ އިރާދަފުޅުން މި އިންތިހާބު "ބޮޑުތަނުން" ކާމިޔާބު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވާދަވެރި [ޕީއެންސީގެ] ކެންޑިޑޭޓަށް ބަލާލިޔަސް، ވާދަވެރި ކެންޑިޑޭޓުގެ މޫނަށް ބަލާލިޔަސް، އެ ވެރިންގެ އަމަލުތަކަށް ބަލާލިޔަސް އެބަ އެނގޭ، މި އިންތިހާބު އަހަރެމެން ބޮޑުތަނުން ކާމިޔާބުކޮށްފިކަން،" އައްޑޫ ބަހުން ވާހަކަ ދައްކަވަމުން ސޯދިގު ވިދާޅުވި އެވެ.
"އެކަން ހަމަ ޝައްކެއް ނެތި އެބަ އެނގޭ."
ސޯދިގުގެ އެ ބަސްކޮޅާ އެކު އެ ތަނުގައި ތިބި އެންމެން އަތްޖަހަން ފެށި އެވެ. އެއާ އެކު ސޯދިގުގެ ވާހަކައިގައި އޭނާ ގެންނެވީ، މި ކެންޕެއިނަށް ރައީސް މުހައްމަދު މުއިއްޒު އައްޑުއަށް ވަޑައިނުގަންނަވާ ވާހަކަ އެވެ.
"[އިންތިހާބު ކާމިޔާބުވެއްޖެކަން] އެންމެ ބޮޑަށް ޔަގީންވާ ކަމަކީ، މި އިންތިހާބު [ޕީއެންސީއަށް] ކާމިޔާބުކޮށްދިނުމަށް ރައީސް މުއިއްޒުއަށް ކެރިވަޑައިނުގަތް މި ރަށު ވަޑިފަތި ޖޯއްޔެއްގައި ޖައްސާލުމަށް ވެސް އައްޑުއަށް ވަޑައިގަތުމަށް،" ސޯދިގު ވިދާޅުވި އެވެ.
އެއާ އެކު، އެ ތަނުގައި ތިބި މީހުން އަނެއްކާވެސް އެއަށް ވުރެ ބޮޑަށް ކެކި، އަތްޖަހަން ފެށި އެވެ.
"އެހެންވީމަ، މި ބުނަނީ މި އިންތިހާބު އަޅުގަނޑުމެން މި ތިބީ ބޮޑުތަނުން ކާމިޔާބުކޮށްގެން ކަމަށް،" ސޯދިގު ވިދާޅުވި އެވެ.
މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރެއްވި ބައެއް މަސައްކަތްތައް ވެސް އޭނާ މިރޭ ވިދާޅުވެދެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
ދާއިރާގެ ހުރިހާ ގެއަކަށާއި ހުރިހާ ކެފޭއަކަށް ވަޑައިގެންނެވި
މާލެ އަދި ހުޅުމާލޭގައި އުޅޭ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވި
600އަށް ވުރެ ގިނަ ދާއިރާގެ ރައްޔިތުންނާ ފޯނުން ވެސް ވާހަކަދެއްކެވި
"އެ ހުރިހާ ކަމަކުން އެނގުނު ކަމަކީ، އެންމެން ތިބީ [މި މަހުގެ] 6 ވަނަ ދުވަސް ނުޖެހިގެން ވޯޓުލާން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
ސޯދިގު ވިދާޅުވި ގޮތުގައި، މިހާރު ކޮންމެވެސް ކަންތައްތަކެއް މި އިންތިހާބާ ދިމާކޮށް އައްޑުއަށް ކުރަމުން އެބަގެންދެ އެވެ. އެ ކަންކަން ވެސް ކުރީ އޭނާ މި އިންތިހާބަށް ނުކުމެވަޑައިގަތުމުން ކަމަށް ސޯދިގު ވިދާޅުވި އެވެ.
"އެހެންވީމަ އެއީ ވެސް އަޅުގަނޑު ކުރުވި ކަންކަމެއް ނޫންތޯ؟ އެހެންވެގެން ޕީއެންސީ މެންބަރުން އެ ތިބީ [އަޅުގަނޑަށް] ވޯޓުލައިދޭން ތައްޔާރަށް. އެ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭ އެ މީހުންގެ ވާހަކަ އެހެން މީހަކު ނުދައްކާނެކަން،" ސޯދިގު ވިދާޅުވި އެވެ.
ސޯދިގު ވިދާޅުވި ގޮތުގައި، ޕީއެންސީގެ މެންބަރަކު އިންތިހާބުކޮށްގެން އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޖިލީހުގައި ސުވާލެއް ނުކުރާނެ އެވެ. އޭނާ މަޖިލީހަށް އިންތިހާބު ކުރަންވީ، އައްޑޫ ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީކޮށް، އެ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ސުވާލު ކުުރާނެ ބޭފުޅަކީ އޭނާއަށް ވާނެތީ ކަމަށް ސޯދިގު ވިދާޅުވި އެވެ.
"ވޯޓު ދޭން ޖެހެނީ 2 ނަންބަރަށް. އެއީ، ހަންކެޑެ ނުހުޅުވާތީ، އެކަން ނުހުޅުވަނީ ކާކުތޯ އަހާނެ މީހާ،" އޭނާ ވިދާޅުވި އެވެ.
އިންތިހާބު ކާމިޔާބުވެއްޖެ، ރައީސްއަށް އައްޑުއަށް ވަޑައިގަންނަވަން ވެސް ކެރިވަޑައިނުގަތް: ސޯދިގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ