ތިން ރައީސުންގެ އިޝާރާތަކަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ދޫކޮށްލަން މަޖިލިސް މެންބަރުންތަކެއް ތިބީ ތައްޔާރަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ޖަލްސާގައި ސޯލިހު ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ޕީއެންސީގެ މަޖިލިސް މެންބަރެއް ގުޅުއްވައި އޭނާއާއެކު އިތުރު މެންބަރުންތަކެއް ސަރުކާރު ޖަވާބުދާރީ ކުރުވަން ޕީއެންސީ ދޫކޮށްލަން ތައްޔާރަށް ތިބިކަން ހާމަކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑަށް ދެ ދުވަސް ކުރިން ގުޅި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް. ތިމަންނައާ އެކީގައި އެބަ ތިއްބޭ މިތައް މިތައް މެންބަރުން. މިއީ ހަމަ ސަރީހު ތެދު ވާހަކައެއް އަޅުގަނޑު މިދައްކަނީ. މިވަގުތުވެސް މިތިބީ ޕީއެންސީ ދޫކޮށްފައި ނިކުމެ މި ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތްކުރަން ތައްޔާރަށޭ،" އައްޑޫ ސިޓީ ހިތަދޫ ސްކޫލްގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރު އެދިވަޑައިގެންނެވީ ޕީއެންސީ ދޫކޮށްލުމާއެކު މަޖިލިސް ގޮނޑި ގެއްލުމުން، އެ ގޮނޑިއަށް އަނބުރާ އިންތިހާބު ކުރުމަށް އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކޮށްދެއްވަން އެއްބަސްވެވަޑައިގެންފިނަމަ، އެ މެންބަރުން ޕީއެންސީ ދޫކޮށްލާނެ ކަމަށެވެ.
"އަޅުގަނޑަު ކައިރީގައި ވިދާޅުވި ތިމަންނަމެންނަށް ޔަގީންކަމެއް ތިޔަބޭފުޅުން ދެއްވަބަލާށޭ. އެ އިޝާރާތްކުރީ އަޅުގަނޑަށާއި ރައީސް ނަޝީދަށާއި ރައީސް ޔާމީނަށް. ތި ތިން ބޭފުޅުން މަސައްކަތެއް ފައްޓަވައިފީމެއް ނުންހޭ. ތިމަންނަމެން ޕާޓީ ދޫކޮށްފައި ނުކުތީމާ، ގޮނޑި ގެއްލުނީމާ އެ ގޮނޑި ތިމަންނާމެންނަށް ހޯދައިދިނުމަށް އަޅުގަނޑުމެން ތިން މީހުން މިއަދު އެއްބަސްވިޔަސް ތިމަންނަމެން މިތިބީ މި ސަރުކާާރު ޖަވާބުދާރީކުރުވަން ތައްޔާރަށޭ،" ސޯލިހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ތިލަފަތަށް ބަރުވަމުން އަންނަކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ ނަޝީދު ވިދާޅުވާފަދައިން މި އަހަރު ނިމުމުގެ ކުރިން މުއިއްޒު ޖަވާބުދާރީ ކުރުވާނެ ކަމަށާއި އެހެން ނޫނީ ޖެހޭނީ ވެރިކަން ދޫކުރައްވައި ގެއަށް ވަޑައިގަންނަވަން ކަމަށެވެ.
"ރައީސް ނަޝީދު ވިދާޅުވާހެން އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ރައީސް މުއިއްޒު އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނަން ނޫނީ އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ ވެރިކަން ދޫކޮށްފައި ވަޑައިގަންނަވަން،" ސޯލިހު ވިދާޅުވި އެވެ.
މުއިއްޒުގެ ސަރުކާރަކީ ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހިފައިވާ ސަރުކާރެއް ކަމަށާއި، އިތުރަށް ފުރުސަތު ދިން ވަރަކަށް ގައުމު ދާނީ ހަލާކުގެ ތެރެއަށް ކަމަށް ސޯލިހު ކުރިންވެސް ވިދާޅުވެފައިވެ އެވެ.
ނަޝީދު ކުރިން ވިދާޅުވީ މުއިއްޒުގެ ވެރިކަން ބަދަލުކުރާނީ މަޖިލިސް ތެރެއިން އެމަނިކުފާނު އަޒުލްކޮށްގެން ކަމަށެވެ. ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ޕާޓީ ބަދަލުކޮށް، މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވިއެވެ.
ތިން ރައީސުންގެ އިޝާރާތަކަށް ޕީއެންސީ ދޫކޮށްލަން މަޖިލިސް މެންބަރުންތަކެއް ތިބީ ތައްޔާރަށް: ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ