"މަސައްކަތްކުރާނީ އިކޮސޮކަކީ ނަތީޖާ ނެރެދޭ ކައުންސިލަކަށް ހެދުމަށް"

އ.ދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް، އިކޮސޮކްއަކީ އަމަލީ ނަތީޖާ ނެރެދޭ ކައުންސިލަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށް އ.ދ. ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.
އ.ދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް، އިކޮސޮކްގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ ވަނީ އިންތިޚާބުވެފައެވެ. މިއީ 1965 ވަނަ އަހަރު ދިވެހިރާއްޖެ އިން އ.ދ. ގެ މެމްބަރަކަށް ވުމަށްފަހު، މިވީ 60 އަހަރު ތެރޭގައި އިކޮސޮކްއަށް ރާއްޖެ އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
އ.ދ. ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވީ އިކޮސޮކަށް ރާއްޖެ އިންތިޚާބުވުމަކީ ލިބުނު މަތިވެރި ޝަރަފެއްގެ އިތުރުން، ޒިންމާއެއްވެސްކަމަށެވެ.
"މިއީ ދެމެހެއްޓެނިވި ތަރައްގީއަށާއި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ ވަކާލާތު ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުން" ޑޮކްޓަރ ޢަލީ ނަޞީރު ވިދާޅުވިއެވެ.
ޑޮކްޓަރ ޢަލީ ނަޞީރު ވިދާޅުވީ ރާއްޖޭގެ ދައުރުގައި، ހުރިހާ މެންބަރު ގައުމުތަކާ ގުޅިގެން، އިކޮސޮކަކީ އަމަލީ ނަތީޖާ ނެރެދޭ، ގުޅިގެން މަސައްކަތްކުރާ، އަދި ހައްލުތައް ހޯދައިދޭ ކައުންސިލަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
އިކޮސޮކްއަކީ އ.ދ. ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. މި މަޖިލީހަކީ އ.ދ. ގެ ނިޒާމުގެ ތެރެއިން އިގްތިސާދީ އަދި އިޖުތިމާއީ އެކި މައްސަލަތަކުގައި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރާ އެންމެ މަތީ މަޖީލީހެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހިމެނޭހެން، ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްވަމުންދާ މިންވަރު ބަލައި މުރާޖަޢާކުރުމުގައިވެސް އިކޮސޮކް އިން މުހިންމު ދައުރެއް އަދާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ