އަހުމަދުއާބާދު، އިންޑިއާ (ޖޫން 4) - މެޗު ފިކްސިން އާއި ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭހެން ގިނަ ގަވާއިދުތަކަކާ ހިލާފަށް ކެނަޑާގެ ކްރިކެޓް ޖަމިއްޔާ، ކްރިކެޓް ކެނަޑާ ހިންގަމުން އަންނާތީވެ އެސޯސިއޭޝަން ސަސްޕެންޑްކުރަން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ނިންމައިފި އެވެ.
އިންޑިއާގެ ގޭންގަކާ ވެސް ގުޅުން އޮންނަ ކަމަށް ބެލެވޭ މެމްބަރުން ވެސް ހިމެނޭހެން ހިންގާ ކްރިކެޓް ކެނަޑާ އަށް ގިނަ ތުހުމަތުތަކެއް ވަނީ އަމާޒުވެފަ އެވެ. އެ ގޮތުން، އައިިސީސީން ބެލި ބެލުމުގައި މި ވަގުތަށް ހަމަ އެންމެ ރަނގަޅު ގޮތަކީ ކެނަޑާ ސަސްޕެންޑްކުރުން ކަމަށް ފެންނާތީވެ، އެ ފެޑެރޭޝަނުން އެ ގޮތަށް ނިންމީ އަހުމަދުއާބާދުގައި އާދިއްތަ ދުވަހު ބޭއްވުނު ބައްދަލުވުމެއްގަ އެވެ.
އައިސީސީން ކެނަޑާގެ މައްސަލަތަކަށް ފާރަވެރިވަމުން އަންނަތަން ދެތިން މަސް ވަނީ ވެފަ އެވެ. އެ ގޮތުން، ކްރިކެޓް ކެނަޑާ އަށް އައިސީސީން އެޅި ފުރަތަމަ ފިޔަވަޅަކީ މިދިޔަ މަހުން ފެށިގެން ކްރިކެޓް ކެނަޑާ އަށް ދެމުން އަންނަ ފަންޑް ހުއްޓާލުމެވެ. އެ ގޮތަށް ނިންމީ، އެއްވެސް އުސޫލެއް އަދި ނިޒާމެއް ނެތް ގޮތަށް ކްރިކެޓް ކެނަޑާގެ ފަންޑްތައް މެނޭޖްކުރަމުންދާތީ އެވެ. އަދި، އެއްވެސް އޮޑިޓެއް ފެންނަން ނެތްއިރު، ކްރިކެޓް ކެނަޑާ އަށް އައިސީސީން ދިން ބަޖެޓް ބޭނުންކުރި ގޮތެއް ވެސް އެނގެން ނެތުމުންނެވެ.
ކްރިކެޓް ކެނަޑާގެ އިންޓަރިމް ޗީފް، ބަވްޖީތު ޖައުހަރު ވަނީ އައިސީސީން ދިފައިވާ މި ސަސްޕެންޝަން އެޕީލްކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ބަދަލުގައި ވިސްނުން ހުރީ، އައިސީސީއާ ގުޅިގެން މި ކަންކަމުގެ ހައްލެއް ހޯދުމަށް ކަމަށެވެ.
އެމެރިކާގެ ނުފޫޒުގަދަ މީޑިއާއެއް ކަމަށްވާ، ސީބީސީ އިވެންވެސްޓިގޭޓިވް ޔުނިޓުން ވަނީ ތަހުގީގެއްކޮށް، ކްރިކެޓް ކެނަޑާ މެދުވެރިކޮށް، ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ހިންގަމުން އަންނަ ކަމުގެ ރިޕޯޓެއް ގެނެސްފަ އެވެ. އެ ގޮތުން، އިންޑިއާގެ ބިޝްނޯއި ގޭންގުން ކްރިކެޓް ކެނަޑާ ތެރޭގައި، ފައިސާގެ ނުފޫޒުން އެތައް ކަމެއް ކުރުމާއި މެޗު ފިކްސިންގެ ކަންކަމާ އެކިއެކި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ހިންގާގައިވާކަން އެ ރިޕޯޓްގައި ގެެނެސްދީފައިވެ އެވެ. އަދި، މެޗު ފިކްސްކުުރުމާއި ނުފޫޒުތަކަށް ތަބާނުވާ ކުޅުންތެރިންނަށް މަރުގެ އިންޒާރުދީފައިވާ މެސެޖުތަކެއް ވެސް ސީބީސީގެ މި ތަހުގީގަށް ފެނިފައިވެ އެވެ. އަދި، މި ކަންކަމުގެ ފުލުގައި ހުރީ، އިންޑިއާގެ ދިއްލީގެ ޖަލުގައި ހުރެ، ގޭންގު މަސައްކަތް ކުރަމުން އަންނަ ލޯރެންސް ބިޝްނޯއި ކަމަށް އެ ރިޕޯޓްގައިވެ އެވެ. ބިޝްނޯއި ގޭންގަކީ، މަޝްހޫރު ލަވަކިޔުންތެރިޔާ، ސިއްދޫ މޫސްވާލާގެ މަރުގެ ތުުހުމަތު ވެސް އަމާޒުވާ ގޭންގް އެވެ.
ކްރިކެޓް ކެނަޑާ ސަސްޕެންޑް ކުރަން އައިސީސީން ނިންމި ނިންމުމަށް ފަހު، ދެން ކުރިއަށްދިއުމުގައި ވަނީ ގޮތްތަކެއް މި ވަގުތަށް ވެސް ކަނޑައަޅައިފަ އެވެ. އެ ގޮތުން، އެންމެ މުުހިންމު ކަމެއްގެ ގޮތުގައި، އައިސީސީގެ ހާއްސަ ލިމިޓެޑް ފަންޑިން އެއްގެ ތެެރެއިން، ކެނަޑާގެ ކްރިކެޓް ޓީމުތަކަށް މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. އަދި، ކެނަޑާ އަށް ފުރުސަތު ދީފައިވަނީ، މި ވަގުތަށް އައިސީސީން ކަނޑައަޅާ އިވެންޓްތަކުގައި އެކަންޏެވެ.
އަލުން ކެނަޑާ އަށް އައިސީސީ މެމްބަރުކަން ދިނުމަށް، އެ ޖަމިއްޔާ އިން ފުރިހަަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ވަނީ ލިޔުމުން އަންގައިފަ އެވެ.
ކޮރަޕްޝަނާއި މެޗު ފިކްސިންގެ މައްސަލަތަކެއް ވެސް ހިމެނޭތީއާ އެކު އައިސީސީން ކެނަޑާ ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ