ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުގައި ބަންގްލަދޭޝްއާއި އަފްޣާންގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މެޗު ފަށައިގެން ފުރަތަމަ 15 ވަރަކަށް މިނެޓު ގޭމު ޑޮމިނޭޓުކުރީ އަފްޣާނުންނެވެ. މުޅި ޓީމުހެން ކުރިއަށް ޖެހި ބަންގްލަދޭޝްގެ ހާފު ތެރޭގައި ޕްރެސްކޮށްގެން އަފްޣާން ޓީމުން ވަނީ އެޓޭކިން މޮޅު ގޭމެއް ކުޅެފައެވެ.
އެހެންނަމަވެސް މަޑުމަޑުން ގޭމުގެ ތެރެއަށް ވަދެ، ބަންގްލަދޭޝް އިން ރަނގަޅު ފައިޓެއްދީ، މެޗުގެ ވާދަވެރިކަން ބޮޑުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ދެ ޓީމުން ވެސް އަވަހަށް ލަނޑެއް ޖެހުމެއްޓަކައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ.
އެހެންނަމަވެސް ހާފު ނިމިގެންދިޔައިރު ވެސް ލަނޑެއް ޖެހުމަށް ކުރި މަސައްކަތުގައި ދެ ޓީމަށް ވެސް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ދެ ޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެހެންނަމަވެސް މިހާފުގައި އަފްޣާނަށްވުރެ ނުރައްކާތެރި ކުޅުމެއް ކުޅުނީ ބަންގްލަދޭޝް ޓީމުންނެވެ.
މިހާފުގެ 10 ވަނަ މިނެޓުގައި ބަންގްލަދޭޝް އިން ވަނީ ވަރަށް ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ތެރޭގައި ހުރެފައި އެ ޓީމުގެ އެމްޑީ ރާބީ ޙުސެއިން ރާހުލް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭނާ ފޮނުވާލި ބޯޅަ ގޮސް ދަނޑީގައި ޖެހުނު އިރު ވެސް އަފްޣާނުގެ ކީޕަރަށް، ބޯޅައަށް ބަލަހައްޓައިގެން ހުރުން ނޫން ގޮތެއް ނެތެވެ.
ދެ ޓީމުން ވެސް ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކުރި މި މެޗުގައި، މި ދެ ޓީމުން ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.
މި ނަތީޖާއާއިއެކު މުބާރާތުގައި ބައިވެރިވި ހަތަރު ގައުމުގެ ތެރެއިން ރާއްޖެ ފިޔަވާ ދެން އޮތް ތިން ގައުމަށް ވެސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދުމުގެ މަގު މިވަނީ ފަހިވެފައެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލުގައި ކުޅޭ މި މުބާރާތުގައި މެޗްޑޭ-2 އަށްފަހު ޕޮއިންޓު ތާވަލް އެތުރިފައިވާ ގޮތަށް ބަލާއިރު ތާވަލުގެ އެއްވަނައިގައި އޮތީ ޕާކިސްތާނެވެ. އެއީ ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓާއެކު، ފައިދާ ގޯލުން އަފްޣާނުގެ މައްޗަށް ކުރި ހޯދައިގެނެވެ. ދެވަނައިގައި އަފްޣާން ވެސް އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ބަންގްލަދޭޝްއަށް އެއް ޕޮއިންޓު ލިބިފައިވާއިރު ފުލުގައި ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބިއެވެ.
އެހެންކަމުން ލީގު ބުރުގެ ފަހު މެޗުތަކުގައި ބަންގްލަދޭޝްއަށް ރާއްޖޭގެ މައްޗަށް މޮޅެއް ހޯދައިގެން ފައިނަލްގެ ފުރުސަތު ލިބެން އޮންނާނެއެވެ. އަދި ޕާކިސްތާނާއި އަފްޣާން ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އެއިން ކޮންމެ ޓީމަކަށް ވެސް ފައިނަލުގެ ފުރުސަތު ހޯދެން އެބައޮތެވެ.
ޒުވާން ބަންގާޅު ޓީމު އަތުން ވަރުގަދަ އަފްޣާނަށް މޮޅެއް ނުލިބުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ