19 އަހަރަށް ފަހު، ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވަނީ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިއީ މިދިޔަ 19 އަހަރު ދުވަހުގެ ތެރޭގައި ފީފާގެ ރައީސަކު ދިވެހިރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެކުރީން، 2006 ވަނަ އަހަރު އޭރުގެ ފީފާގެ ރައީސް، ސެޕް ބްލެޓާ ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވައިފައެވެ. އެއީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން، އޭނާ ދެ ދުވަހަށް ރާއްޖެއަށް ކުރެއްވި ދަތުރެކެވެ. އެ ފަހަރު ބްލެޓާ ވަނީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ވަނީ ބައްދަލުކުރައްވައިފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ޠާރިޤު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފީފާގެ ރައީސް، އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. "ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، 24 އޮކްޓޯބަރު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާނެ ކަމުގެ ޚަބަރު ވަރަށް އުފަލާއެކު އިޢުލާންކުރަން. މިއީ 19 އަހަރަށްފަހު ފީފާގެ ރައީސަކު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތް،" ޠާރިޤުގެ ޕޯސްޓުގައިވެއެވެ. ޠާރިޤު ވިދާޅުވީ، މި ތާރީޚީ ޒިޔާރަތުގެ ސަބަބުން ދިވެހި ފުޓްބޯޅައަށް ގިނަ ކުރިއެރުންތައް ލިބުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ފީފާގެ ރައީސް، އިންފަންޓީނޯގެ މި ދަތުރުފުޅުގެ ސަބަބުން، ދިވެހި ފުޓްބޯޅަ ތަރައްގީކޮށް ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތައް އިހުނަށްވުރެ ހަލުވި ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށް ވެސް ޠާރީޤު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ފީފާއާއި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްއާ އެކު އޮތް ގުޅުން އިތުރަށް ހަރުދަނާ ވާނެ ކަމަށް ވެސް ޠާރިޤު ވިދާޅުވިއެވެ. ދާދިފަހުން ޠާރިޤު ވަނީ، ފީފާގެ ދަޢުވަތަކަށް އެ އިދާރާގެ ހެޑްކުއާޓާޒްގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އިންފަންޓީނޯއާ ބައްދަލުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ