ތެލެސީމިއާ ހުންނަ ކުދިންނަށް ސަރުކާރުން މި އަހަރު ދޭން ފަށާނެ ކަމަށް ބުނި އެލަވަންސާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކުރުން އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ދޭން ވައުދުވި އެލަވަންސް ދޭން ފެށުމަށާއި އެކަނިވެރި ބެލެނިވެރިންނަށް ދޭ އެލަވަންސް ބޮޑުކުރަން ނިންމާފައިވަނީ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ.
"މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިޔުމުން، ޖެނުއަރީ މަހުން ފެށިގެން. ސިންގަލް ޕޭރެންޓު އެލަވަންސް. އެކަނިވެރި މައިންނަށް ދޭ އެލަވަންސް. ކޮންމެ ކުއްޖަކަށް 3،000ރ. އަށް ބޮޑުވެގެންދާނެ. މިގޮތަށް މި ފައިސާ ލިބެންޖެހޭ 5،87 ފަރާތެއް އެބަތިބި،" މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ ވައުދެއްގެ ގޮތުން ތެލަސީމިއާ ކުދިންނަށް ދޭނެ ކަމަށް މުއިއްޒު ވައުދުވީ 1،000ރ. އެވެ.
"ތެލަސީމިއާ ކުދިންނަށް ދޭ އެލަވަންސް. 1،000ރ. ކޮންމެ ކުއްޖަކަށް ދިނުން ވެސް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފަ އެވަނީ. އެކުދިންނަށް މިހާރު ލިބޭ ފަރުވާއަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަކަށް މިކަން ވާނެ،" މުއިއްޒު ވިދާޅުވި އެވެ.
އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރުމާއެކު އެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި 211 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް މުއިއްޒު މިރޭ ވިދާޅުވި އެވެ. އެ އެލަވަންސް ދިނުމަށް މި އަހަރު ބަޖެޓުކުރީ 78 މިލިއަން ރުފިޔާ އެވެ.
އަލަށް ފަށާ ތެލަސީމިއާ އެލަވަންސް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 11.7 މިލިއަން ރުފިޔާ އެވެ. މިވަގުތު ރާއްޖޭގައި ތިބީ 982 ތެލަސީމިއާ ޕޭޝަންޓުންނެވެ.
މިއީ ތެލަސީމިއާ އެލަވަންސް ބަޖެޓުގައި ހިމަނާނެ ކަމަށް މުއިއްޒު ވިދާޅުވި ފުރަތަމަ އަހަރެއް ނޫނެވެ.
އެގޮތުން، އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ ރައީސްގެ ޖަވާބު ސީރީޒްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މުއިއްޒު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ގޮތަށް މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތެލެސީމިއާ ހުންނަ ކުދިންނަށް އެލަވަންސް ދޭން ފަށާނެ ކަމަށެވެ.
ނަމަވެސް، މި އަހަރުގެ ބަޖެޓުގައި އެކަން ހިމަނައިފާ ނުވުމުން އެކަން ކުރެވޭ ގޮތެއް ނުވި އެވެ.
ތެލެސީމިއާ އެލަވަންސާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރުން ބަޖެޓުގައި ހިމަނާނެ ކަމަށް މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއްޖެ ތެލެސީމިއާ އެލަވަންސާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރުން ބަޖެޓުގައި ހިމަނާނެ ކަމަށް މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ