ލިވަޕޫލް (އޮކްޓޫބަރު 21) - ނުވަ އަހަރަށް ފަހު ލިވަޕޫލްގެ ކޯޗުކަން މީގެ އެއް އަހަރު ކުރިން ދޫކޮށްލި ޖަރުމަނުގެ ކޯޗު ޔާގެން ކްލޮޕް، އެނބުރި ލިވަޕޫލަށް ދިއުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނެފި އެވެ.
މައިންޒް އިން 2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކްލޮޕް، ޑޯޓްމަންޑްގެ ކޯޗުކަމާ ހަވާލުވީ 2008 ވަނަ އަހަރު އެވެ. ޑޯޓްމަންޑްގެ ކޯޗުކަމުން، 2015 ވަނަ އަހަރު މެއި މަހު ވަކިވިއިރު، އެ އަހަރުގެ އޮކްޓޫބަރުގައި ލިވަޕޫލާ ހަވާލުވި އެވެ. އެ ޓީމުގައި ނުވަ އަހަރު ހޭދަކޮށް، 2024 ވަނަ އަަހަރު މެއި މަހު އެ ޓީމު ދޫކޮށްލަން ނިންމީ އެވެ.
ކޯޗިން ކެރިއަރު ކުރިއަށްގެންދިއުމަށް ގިނަ އޮފާތަކެއް މިދިޔަ ދެ އަހަރެއްހާ ދުވަސްތެރޭ ވެސް ލިބުނު ކްލޮޕް އެއްވެސް ވަޒީފާއެއް ނުނަގައި މި ވަގުތު ހުރީ، ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ރެޑްބުލް ފުޓްބޯލް ގްރޫޕްގެ ގްލޯބަލް ހެޑްގެ މަގާމުގަ އެވެ.
ޑައިރީ އޮފް ސީއީއޯ ޕޮޑްކާސްޓް ޝޯގައި ވާހަކަ ދައްކަމުން ކްލޮޕް ވަނީ އޭނާގެ ލިވަޕޫލް ހަޔާތާ ގުޅޭ ގިނަ ވާހަކަތަކެއް ދައްކައިފަ އެވެ. އެ ގޮތުން، މި ޕޮޑްކާސްޓްގެ ސުވާލަކަށް ދިން ޖަވާބުގައި ކްލޮޕް ވަނީ އެނބުރި ލިވަޕޫލަށް އައުމަކީ ފުރުސަތު އޮތް ކަމެއް ކަމަށް ބުނެފަ އެވެ.
"އަހަރެން ބުނީ، އިންގްލެންޑްގައި ލިވަޕޫލް ނޫން ޓީމަކަށް ކޯޗުނުކޮށްދޭނެކަމަށް، އޭގެ މާނަ އަކީ (ފަހަރެއްގައި އަހަރެން އިންގްލެންޑަށް އެނބުރި ކޯޗިން އަށް ) އެނބުރި އަޔަސް ފެންނާނީ ލިވަޕޫލުންނޭ. ތިއޮރެޓިކަލީ ބުނަންޏާ އެއީ ވެދާނެ ކަމެކޭ،" ފީފާ ބެސްޓް އެވޯޑްސްގެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރު ހޯދި ކްލޮޕް ބުންޏެވެ.
"އެކަމަކު މިއީ މި ވަގުތަށް ބަލާއިރު އަދި ނޭނގި އޮތް ކަމެއް. އަހަރެން މިހާރު މި ކުރާ ކަންކަން ވެސް އަހަރެން ވަރަށް ހިތްހަމަޖެހޭ. ކޯޗަަކަށްވެ ހުރެ މަަސައްކަތް ނުކުރެވޭތީ ހިތާމައެއް ނެތް. އަހަރެން ކޯޗުކަން ވެސް އެބަކުރަން އެކަމަކު، އެއީ ތަފާތު ގޮތަކަށް،"
ލިވަޕޫލް 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2020 ވަނަ އަހަރު ހޯދީ ކްލޮޕްގެ އިރުޝާދުގެ ދަށުންނެވެ. ކްލޮޕް ވަނީ، 2019 ވަނަ އަހަރު، ލިވަޕޫލާ އެކު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.
ކްލޮޕް، ލިވަޕޫލް ދޫކޮށްލި ފަހުން ލިވަޕޫލުން ގެނައި، ނެދަލެންޑްސްގެ ކޯޗު އާނާ ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމުން މިިދިޔަ ސީޒަނުގައި ލީގު ކާމިޔާބުކުރި ނަމަވެސް މި ސީޒަނުގައި މިހާރު ވަނީ ވަރަށް ބޮޑަށް ފޯމަށް އަސަރުކޮށްފަ އެވެ. ލިވަޕޫލް މިހާރު އޮތީ އެންމެ ފަހުން ކުޅުނު ހަަތަރު މެޗުން ވެސް ބަލިވެފަ އެވެ. މިއީ، 2014 ވަނަ އަހަރުގެ ނޮވެމްބަރުގެ ފަހުން މި ފަދަ ރެކޯޑެއްގައި ލިވަޕޫލް މެޗުތަކެއް ނިންމަން ޖެހުނު ފުރަތަމަ ފަހަރެވެ.
ލިވަޕޫލަށް އެނބުރި އައުމުގެ ވިސްނުން ހުރިކަމަށް ކްލޮޕް ބުނެފި ލިވަޕޫލަށް އެނބުރި އައުމުގެ ވިސްނުން ހުރިކަމަށް ކްލޮޕް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ