ފެކްޓް ޗެކް: މުއިއްޒަކީ މިދިޔަ 40 އަހަރުގެ ތެރޭގައި ކުނަހަންދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސްއެއް ނޫން ފެކްޓް ޗެކް: މުއިއްޒަކީ މިދިޔަ 40 އަހަރުގެ ތެރޭގައި ކުނަހަންދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސްއެއް ނޫން

މުހައްމަދު މުއިއްޒަކީ މިދިޔަ 40 އަހަރުގެ ތެރޭގައި ލ. ކުނަހަންދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސް ކަމަށް ބުނެ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ފަތުރަނީ ދޮގު ހަބަރެކެވެ.
ޕީއެސްއެމް އިން އިއްޔެ ހެދި ހަބަރެއްގައި ބުނީ މުއިއްޒަކީ ވެއެތުވެދިޔަ 40 އަހަރުގެ ތެރޭގައި ކުނަހަންދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސް ކަމަށެވެ. ހަމަ އެ ހަބަރުގެ އިތުރު ތަނެއްގައި ބުނެފައި ވަނީ މުއިއްޒަކީ އިންތިހާބަކާ ދިމާނުވާ ގޮތަށް 40 އަހަރުގެ ތެރޭގައި ކުނަހަންދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސް ކަމަށެވެ.
އޭގެ އިތުރުން، އެންމެ ފަހުން ރާއްޖޭގެ ރައީސްއަކު ކުނަހަންދޫއަށް ވަޑައިގެންނެވީ 1978 ވަނަ އަހަރު ކަމަށް ވެސް ޕީއެސްއެމްގެ ހަބަރުގައި ބުނެފައި އޮތެވެ. އެ ވާހަކަ ހިމަނާފައި އޮތީ ހަބަރުގެ ސަބް ހެޑިންގައި އެކަންޏެވެ.
އެކަމަކު، ޕީއެސްއެމްގެ ހަބަރުގައި ހިމަނާފައިވާ އެ ތިން މައުލޫމާތަކީ ވެސް ދޮގެވެ. ލިޔުންތަކުން އެނގޭ ގޮތުގައި ޕީއެސްއެމް އިން ބުނެފައިވާ ގޮތާ ހިލާފަށް، 1978 ގެ ފަހުން މާޗް 11، 1982، ގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ކުނަހަންދޫއަށް ވަޑައިގެންނެވި އެވެ.
މައުމޫން ކުނަހަންދޫއަށް ވަޑައިގެންނެވީ އެއްވެސް ކެމްޕެއިނެއް ބޯމަތިވެފައި އޮއްވައެއް ނޫނެވެ. އެއީ އެމަނިކުފާނު އެންމެ ފުރަތަމަ ވެރިކަމާ ހަވާލުވެވަޑައިގެން ރަށްރަށަށް ފެއްޓެވި ދަތުރުތަކުގެ ބަޔެކެވެ.
ރައީސް މައުމޫނުގެ ފަހުން، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ކުނަހަންދޫއަށް ވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ދެ ފަހަރަކަށް ކުނަހަންދޫއަށް ވަޑައިގެންނެވި އެވެ. ފުރަތަމަ ވަޑައިގެންނެވީ އޭޕްރީލް 1، 2012، ގަ އެވެ. އެއިރަކު އެއްވެސް އިންތިހާބެއް ކުރިމައްޗަކު ނެތެވެ.
އޭގެ ފަހުން އޭޕްރީލް 17، 2013، ގައި ވެސް ވަހީދު ކުނަހަންދޫއަށް ވަޑައިގެންނެވި އެވެ. ރިޔާސީ އިންތިހާބު ބޭއްވީ އެ އަހަރުގެ ފަހު ކޮޅެވެ.
ރައީސް މުހައްމަދު ވަހީދުގެ ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކުނަހަންދޫއަށް ވަޑައިގެންނެވި އެވެ. ސޯލިހު ކުނަހަންދޫއަށް ވަޑައިގެންނެވީ އޯގަސްޓު، 2023، ގަ އެވެ. އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ސޯލިހު ކުރެއްވި ދަތުރެކެވެ.
ރައީސް މައުމޫނަށްފަހު ރަސްމީ ހައިސިއްޔަތުން ބ. ކަމަދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސްއަކީ މުއިއްޒު ކަމަށް ބުނެ ވެސް ސަރުކާރުން ވަނީ މީގެ ކުރިން ދޮގެއް ފަތުރައިފަ އެވެ. އެކަމަކު، ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހުގެ ވެސް ކަމަދޫއަށް ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ