އިހަވަންދިއްޕޮޅު ތަރައްގީކުރަން ފްރީޒޯން ކުންފުންޏަށް، ހަބަރެއް ނުވެ ދަބަރަށް!

އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓެއް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން މި ސަރުކާރުން އަލަށް އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުންޏާ ހަވާލުކުރަން ކެބިނެޓުން ނިންމީ 28 ޖެނުއަރީ 2024 ގައި އެވެ.އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 28 ޖެނުއަރީ 2024 ގައި އެކްސްގައި ވިދާޅުވީ، އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ކުރިއަށް ގެންދިޔުން އެމްއައިޑީއެފްޒެޑް އާ ހަވާލުކުރަން މިއަދު(28 ޖެނުއަރީ 2024)ގެ ކެބިނެޓު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ."މި ނިންމުމާ އެކު، އެމްއައިޑީއެފްޒެޑްއިން އެ ތަނުގައި ޕޯޓާއި ސްޓޯރޭޖް އަދި ރީއެކްސްޕޯޓު ޒޯނެއް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ،" އިތުރު ތަފްސީލެއް ނުދެއްވައި ސައީދު ވިދާޅުވި އެވެ.ސައީދުގެ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅީ ނުދެއްކުމެވެ. ނަމަވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައިގެން "ބައިސާ" ކަޑަމުން އުޅުއްވާތީ ނޫސްވެރިންގެ ލޮލުގައި އަޅައިގަންނަނީ އެވެ. ރައްޔިތުންނަށް ވާ ވައުދުތައް ނުފުއްދާ ނަމަ އެ ވާހަކަ ތިލަ ކުރުމަކީ ނޫސްވެރިންގެ ޒިންމާ އެވެ. އިހަވަންދިއްޕޮޅު ނޫނީ އައިހެވަން ފްރީޒޯން ކުންފުންޏާ ހަވާލުކުރަން މުއިއްޒު ސަރުކާރުން ނިންމެވިއިރު މީ 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާނު ކުރި ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ދާއިރާތަކެއް ހިމެނޭ މަޝްރޫއެކެވެ. އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ވެސް ހިމެނެ އެވެ. ކުރީގެ ސަރުކާރުން ވެސް އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ މަސައްކަތް އިއުލާނުކުރި އެވެ. ނަމަވެސް ޔާމީންގެ ފަސް އަހަރު ނިމުނު އިރު ވެސް އެ ޕްރޮޖެކްޓްގެ މަސައްކަތެއް ނުފެށުނެވެ.ދެން އުފެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެކެވެ. ވައުދުވަމުން އައީ ވެރިކަން ހަވާލުކޮށްފި ނަމަ އިހަވަންދިއްޕޮޅު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް އިގްތިސާދީ މަޝްރޫތައް ފައްޓަވާނެ ކަމަށެވެ. ނަމަވެސް ޔާމީންގެ ފަސް އަހަރު ފަދައިން ސޯލިހުގެ ފަސް އަހަރު ނިމުނު އިރު ވެސް އެ ޕްރޮޖެކްޓްގެ މަސައްކަތެއް ނުފެށުނެވެ.އިބޫގެ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ ހިތްވަރެއް އެމްޑީޕީގައި ނުހުންނާނެ ކަމަށާއި އެ ޕާޓީން ވަނީ އިހަވަންދިއްޕޮޅު ތަރައްގީ ނުކުރަން ބަޔަކަށް ވައުދުވެފައި ކަމަށް މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 06 ސެޕްޓެމްބަރ 2018 ވަނީ ވިދާޅުވެފައި އެވެ. "މިހާރު" ނޫހުގައި ޝާއިއު ކުރި ހަބަރެއްގެ ސްކްރީން ޝޮޓާއެކު، ސައީދު ކުރެއްވި ޓުވީޓެއްގައި އެދުވަހު ވިދާޅުވީ "އިހަވަންދިއްޕޮޅު ތަރައްގީ ކުރައްވާނީ ހަމަ ރައީސް ޔާމީން،" ކަމަށެވެ.ސައީދު އެދުވަހު ވިދާޅުވިހެން އެކަން ވާނީ އެ ތަސައްވަރުގެ ހުވަފެން އުފަން ކުރުވި ރައީސް ޔާމީން އަށް ކަމަށް ވެދާނެ އެވެ. މިހާރު އިހަވަންދިއްޕޮޅު ތަރައްގީ ނުކުރެވިގެން މި އުޅެނީ ރައީސް މުއިއްޒު ވެރިކަމުގައި ހުރުމުން ހެއްޔެވެ؟ ނޫނީ ސައީދު އެވިދާޅުވާ ޔާމީން އަލުން ވެރިކަމަށް އައިސްގެން ހެއްޔެވެ.؟ މި ހުރީ ޖަވާބު ބޭނުންވާ ސުވާލުތަކެވެ.އިނގޭ އެއް ކަމަކީ ރައީސް މުއިއްޒު ސަރުކާރުން އިހަވަންދިއްޕޮޅު ތަރައްގީކުރަން ފްރީޒޯން ކުންފުންޏެއް އުފެއްދި ނަމަވެސް އިހަވަންދިއްޕޮޅު ތަރައްގީގެ، ހަބަރެއް ނުވެ ދަބަރަށް! ވާކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ