ފ. އަތޮޅު މަޝްރޫއު ހުއްޓުވިގޮތަށް، މަގުމަތިން އިންވެސްޓްމަންޓްތައް ހުއްޓުވަން ދެން ފުރުސަތު ނުދޭނަން: ޝުޖާއު

އިދިކޮޅު އެމްޑީޕީގެ ސަބަބުން ރާއްޖެއަށް މާލީގޮތުންނާއި އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުން ލިބިއްޖެ ކަމަށާއި، އެހެންވެ އެ ގެއްލުންތައް ފޫބައްދަން އަލުން މަސައްކަތް ފަށަން ޖެހިފައިވާ ކަމަށް ވިދާޅުވެ، އިންވެސްޓަރުން އައުން މަގުމަތިން ހުއްޓުވާނެ ފުރުސަތު ދެން ނުދޭނެ ކަމަށް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. "ސަސްޓެއިނެބަލް ޓައުންޝިޕް"އަކީ އެސްއީޒެޑުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ހުށަހަޅާ އިސްލާހު ތައާރަފުކުރެއްވުމަށް ފަހު ވެރިކަންކުރާ ޕީއެންސީގެ އެއް ނައިބު ރައީސް ޝުޖާއު ވިދާޅުވީ، 2014ވަނަ އަހަރު ފަރުމާކޮށް 18ވަނަ މަޖިލީހުން ފާސްކޮށް އޭރުގެ ސަރުކާރުގައި އެސްއީޒެޑު ގާނޫނަށް އަމަލުކުރަން ފެށިއިރު ޔޫއޭއީގެ ދުބާއީގައި ޚާއްސަ އިކޮނޮމިކް ޒޯންތައް އޭރު ހިނގިގޮތް ބަލަމުން އައި ކަމަށެވެ. https://sun.mv/212931 ވެރިކަމުގައި އޭރު އޮތް ޕީޕީއެމްގެ ސްލޮޓެއްގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ބާރަށު ދާއިރާގެ މެންބަރުކަން ކުރެއްވި ޝުޖާއު ވިދާޅުވީ، އެސްއީޒެޑު ބިލު އޭރު ފަރުމާކުރީ ރާއްޖޭގައި އިންވެސްޓަރުންނަށް ފަހި މާހައުލެއް އޮތަތީ ކަމަށާއި، ނަމަވެސް އެ ގާނޫނުން ހާސިލުކުރަންޖެހޭ ކަންކަން ހާސިލުނުވެ ދިޔައީ އެމްޑީޕީ ފަދަ "ލާނެތް" ޕާޓީއެއް އިދިކޮޅުގައި އޮތުމުން ކަމަށެވެ. "އަޅުގަނޑަށް ޔަގީން އިއްޒަތްތެރި ރައީސް، މިފަދަ މުހިންމު އިސްލާހުތަކެއް މި ބިލަށް ގެނެވިގެން އަނެއްކާ ވެސް އާ ދޮރުތަކެއް ހުޅުވާލާއިރު އަނެއްކާ ވެސް ކޮންމެ ވެސް ކަމެކޭ ކިޔައިގެން މި ގައުމުގެ މަގުތައް ހަލަބޮލިކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާނެ،" ޝުޖާއު ވިދާޅުވިއެވެ. އެމްޑީޕީގެ ސަބަބުން ބޮޑެތި ގެއްލުންތައް މި ގައުމަށް ވެއްޖެ ކަމަށް ވިދާޅުވެ، ޔާމީންގެ ސަރުކާރުން ހިންގަން މަސައްކަތްކުރި ފާފު އަތޮޅުގެ ބިޔަ މަޝްރޫއުން މިސާލު ނަންގަވައި ޝުޖާއު ވިދާޅުވި ގޮތުގައި އެ މަޝްރޫއު ހަގީގަތަކަށްވި ނަމަ ރާއްޖެއަށް ޓެކުހުން ލިބޭ އާމްދަނީ ހަމައެކަނި ފާފު އަތޮޅުން ވެސް ދެ ގުނައަށް ލިބޭނެއެވެ. https://sun.mv/92094 އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އޭގެ އިތުރުން ފ. އަތޮޅުގެ މަޝްރޫއު ހަގީގަތަކަށްވި ނަމަ، ރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ޔޫޓިލިޓީ ބިލުތައް ދައްކައިދޭން ހަމަޖެހިފައި އޮތީ ސަރުކާރުންނެވެ. "އެހެން ނަމަވެސް މަގުމަތީގައި ހަމަނުޖެހުން އުފައްދައި ދިވެހިރާއްޖެއަކީ އިންވެސްޓްމެންޓްތަކަށް ފަހި މާހައުލެއް އޮތް ތަނެއް ނޫން ކަމަށް އެމްޑީޕީން މުޒާހަރާކޮށް، ފާފު ހިމާޔަތްކުރުމުގެ ނަމުގައި ހިންގި ލާނެތް އަމަލުތަކުގެ ސަބަބުން އެ މަޝްރޫއު ވެސް އަޅުގަނޑުމެން ރައްޔިތުންނަށް ގެއްލިގެން ދިޔައީ،" އޭނާ ވިދާޅުވިއެވެ. https://sun.mv/86676 ފ. އަތޮޅު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން އިހަވަންދިއްޕޮޅު މަޝްރޫއު ވެސް ހަގީގަތަކަށްނުވީ އެމްޑީޕީގެ ސަބަބުން ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިފަދަ މަޝްރޫއުތައް އަލުން ފަށައި އެމްޑީޕީން ދިން ގެއްލުންތައް ފޫބެއްދުމުގެ މަސައްކަތް ފަށަން ޖެހިފައިވާ ކަމަށެވެ. "އަޅުގަނޑުމެން މިއަދު މިފަށާ މަސައްކަތް މަގުމަތި ހަލަބޮލިކޮށްގެން ހުއްޓޭނެ ކަމަށް އެމްޑީޕީގެ ފަރާތުން ވިސްނުމަކީ އެއީ އެ ބޭފުޅުންގެ މާޒީގެ ސަފުހާތައް، އެކަމެއް ދެން މި ގައުމުގައި ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން އިއްޒަތްތެރި ރައީސް،" ޝުޖާއު ވިދާޅުވިއެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ސަޢޫދީ ޢަރަބިއްޔާއާ ގުޅިގެން ފ. އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް އިއުލާނުކުރައްވާފައެވެ. އެކަމަކު، ފ. އަތޮޅު ވިއްކާލަން އުޅެނީ ކަމަށް ބުނެ 'ސޭވް ފާފު'ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފެށުމުން މަޝްރޫއު ކުރިއަކަށް ނުގެންދެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ