ކޯޓެއްގައި މުވައްޒަފެއް ނެތް؛ މަގެއް މަތީ ހިލަމެއް ނެތް

"މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާގައި އެ ތަނުގެ ސެކިއުރިޓީ އޮފިސަރު ފިޔަވައި އެހެން މުވައްޒަފަކު ނެތެވެ."
އާބާދީއާ ގުޅޭގޮތުން ރަށެއްގެ ހާލަތު ބުނެދޭން ހަމައެކަނި މި ޖުމްލަ ވެސް ފުދެ އެވެ. މިއީ ރަށުގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، ރަށުގައި ދިރިނޫޅެވޭނެ ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރާ ހަރަކާތް، 'ބަދަލަކަށް އެދި ރަތްމަންދޫ'ގައި ލިޔެފައިވާ ޕޯސްޓެކެވެ.
އެ ޕޯސްޓުގައި އޭގެ ތަފްސީލު ވެސް ދީފައިވެ އެވެ؛ އޭގައި ބުނެފައިވާ ގޮތުގައި، ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އައިމިނަތު ފަރީޝާ، އޭނާގެ އެ ވަޒީފާ ދޫކޮށްލީ ވަޒީފާ ގޯސްވެގެނެއް ނޫނެވެ. ދަރިފުޅަށްޓަކައި ހިޖުރަކުރަން މަޖުބޫރުވީމަ އެވެ. ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަލީ ރައޫފް ވެސް އޭނާގެ މަގާމުން ވަކިވީ މުސާރަ ކުޑަވެގެން ނޫން ކަމަށާއި އަނބިމީހާ އާއި ދަރިންނާއި ދުރުގައި އުޅެންޖެހުމުން ކަމަށެވެ. ކޯޓުގެ ކުރީގެ މުވައްޒަފު މުހައްމަދު މާހިދު ވެސް ރަށް ދޫކޮށް ހިޖުރަކުރީ، އޭގައި ބުނެފައިވާ ގޮތުގައި، އާއިލާއާ ދެފަސްވެގެން އުޅެން ޖެހުމުން، އެއީ ދިރިއުޅުމެއްގެ ގޮތުގައި ސިފަނުކުރެވިގެންނެވެ.
"ކޯޓުގެ ހަތަރު ފާރު އެބަހުއްޓެވެ. ނެތީ ހަތަރު ފާރުން އެތެރެއަށް ވަންނާނެ މުވައްޒަފެކެވެ. އިދާރީ މުވައްޒަފަކު، މަސައްކަތު މީހަކު، އެންމެ ކުޑަމިނުން ކޯޓަށް އަންނަ ފޯނު ނަގާނެ މީހަކު ވެސް މިއަދު އެ ކޯޓަކު ނެތެވެ. ސެކިއުރިޓީ އޮފިސަރުން ފިޔަވައި، އެއްވެސް މުވައްޒަފަކު އެތަނަކު ނެތެވެ،" ޕޯސްޓުގައި ލިޔެފައިވެ އެވެ.
ރަތްމަންދޫގެ ރަޖިސްޓްރީގައި 240 މީހުން ތިބި އިރު، ރަށުގައި ދިރިއުޅޭ މީހުން އިންތިހާއަށް މަދުވުމުގެ ސަބަބުން، އެހެން ރަށަކުން ޖާގަ ހޯދައިދިނުމަށް އެދި ރަށުގެ ގިނަ މީހުން އާދޭސްކުރާތާ ލައްކަ ދުވަސްވެއްޖެ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަތުމުން، އެ ރަށުގެ ބަޔަކު އެކަމަށް އެދި ރުޔެވެ. މިދިޔަ އަހަރު ވެސް ވަނީ، 114 މީހުން ސޮއިކޮށް، އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ. ދާދި އިހަކަށް ދުވަހު ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގަތުމުން، އެ މަނިކުފާނަށް އިއްވި އެންމެ ބޮޑު އެދުމަކީ ވެސް އެއީ އެވެ.
ރައީސްގެ ޖަވާބަކަށްވީ، އެއްވެސް ބައެއްގެ ނުރުހުމުގައި އެ ރަށުން މީހުން ބަދަލު ނުކުރާނެ ކަމަށެވެ. މީހުން ބަދަލުކުރުމަށް ބޭނުންވަނީ ރަށުގެ %80 މީހުންގެ އާނބަސް ކަމަށެވެ. އެކަމަކު އެކަމަށް އޮތް ހުރަހަކީ މަދު ބަޔަކު އެކަމަށް ނުރުހުންވާތީ އެ އަދަދު ހަމަނުވުމެވެ. އެކަމަށް ރުހުން ލިބުނީ %68 މީހުންގެ އެވެ.
އެކަމަކު އެ މީހުންގެ ޝަކުވާއަކަށް މިހާރު ވެފައި އޮތީ، ގްރޭޑް 6އާ ހަމައަށް، ކޮންމެ ގްރޭޑެއްގައި ވެސް އެންމެ ކުއްޖެއް ކިޔަވާ އެ ސްކޫލުގައި އުއްމީދެއް ނެތުމެވެ. ފެނަކައިގެ އޮފީހެއް ހިންގި ނަމަވެސް އިދާރީ މުވައްޒަފަކު ނެތުމެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި އެންމެ މެމްބަރަކު އިންނަން ޖެހުމުން، އެ ކޮމިޓީގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައި އޮތުމެވެ. ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ 70އަށް ތިރިވި އިރު، މަގުތައް މަތީގެ ދިރުން ގެއްލި، ރަށް ހަމަހިމޭންވުމެވެ.
"މ.ރަތްމަންދޫ ހުއްޓި، މުއައްސަސާތައް ހުއްޓި، މަގާމްތަކަށް މީހުން ހަމަވެފައި ނުވަނީ ވަޒީފާއަށް އިއުލާން ނުކުރާތީ އެއް ނޫނެވެ. އާބާދީ މަދުވެ، ކުރިމަތިލާނެ މީހަކު ރަށުގައި ނެތުމުންނެވެ،" އެ ޕޭޖުގައި ލިޔެފައިވެ އެވެ.
"ސުވާލަކީ އަސާސީ ހައްގުތަކުން މަހުރޫމްވެފައިވާ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ލިބިގަތުމަށް، %80 ރައްޔިތުންގެ އާނބަސް ބޭނުންވާ، އަސާސަކީ ކޮބައިތޯ އެވެ؟"
ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މިދައުރުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން، އެކަމަކު މިހާރު އިސްތިއުފާ ދެއްވާފައިވާ ފާތުމަތު ނަސްރާ ވިދާޅުވި ގޮތުގައި، އޭނާ މަގާމު ދޫކޮށްލެއްވީ އަސާސީ ހިދުމަތްތައް އޮތްލެއް ދަށްކަމުން އެ ރަށުގައި ނޫޅުއްވިގެން، މަޖުބޫރުވެގެންނެވެ. އެކަމަކު އެއީ ހިތްދަތި ނިންމެވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަސްރާ ވިދާޅުވީ ރައީސްކަމުގައި ހުންނަވައިގެން، ރަށުގައި އެކި ޕްރޮގްރާމްތައް ހިންގެވުމަށް އޭނާ ރޭއްވެވި ކަމަށާއި މީހުން ހަމަނުވާތީ އެންމެ ކަމެއް ފިޔަވައި އެހެން ހުރިހާ ކަމެއް ޖެހިވަޑައިގެންނެވީ ކެންސަލް ކުރައްވަން ކަމަށެވެ. އެންމެ ފަހުން އެ ހުރިހާ ކަމަކުން އަތްދޫކުރައްވައި ވަޑައިގެންނެވީ، އެ ނޫން ގޮތެއް ނެތިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު މީހުން އެބަކިޔާ ރަށު ލޯބި، ރަށުވަންތަކަން ނެތީމައޭ ފައިބަން އުޅެނީ. ނޫން، ރަށުވަންތަކަން އިންތިހާއަށް އެބަހުރި. ރަށްދެކެ ވަރަށް ލޯބިވޭ. މިއަދު ވެސް ރަށުން ފައިބައިގެން ދާކަށް ހިތްގަބޫލެއް ނޫން. އެކަމަކު ހާލަތު ހުރިގޮތުން ރަށުން ފައިބަން މަޖުބޫރުވެއްޖެ،" އޭނާ ވިދާޅުވި އެވެ.
ނަސްރާ ވިދާޅުވީ މުސްކުޅި މައިންބަފައިން ރަށުގައި ދިރިއުޅޭއިރު، އެ މީހުންނަށް ބޭނުންވާ އަސާސީ ބޭސްފަރުވާ ވެސް ރަށުން ލިބެން ނެތުމަކީ ވަރަށް ހިތްދަތިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެހެންވެ، ހާލަތު އެހާ ދަށްއިރު، ރަށުން ފޭބުމަށް %80 މީހުންގެ ރުހުން ހޯދުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ދަތިތަކާ އެކު ވެސް ރަތްމަންދޫގައި ދިރިއުޅެން ބޭނުންވާ ބަޔަކު އުޅެ އެވެ. އެ މީހުންގެ ނަޒަރުގައި ސަރުކާރުން ހިދުމަތްތައް ފުރިހަމަކޮށްދީފި ނަމަ، އެ ރަށް އާއްމު ހާލަތަކަށް ބަދަލުކުރެވިދާނެ އެވެ. ރަށުގައި ބަނދަރެއް ހަދައިދީ، ސެޓެލައިޓް ސްކޫލެއްގެ ގޮތުގައި ރަށުގެ ސްކޫލު ހިންގިދާނެ އެވެ. މިހާރު ހުއްޓިފައިވާ މަޝްރޫއުތައް އަލުން ކުރިއަށް ގެންދިޔުމަކީ ވެސް އޭގެ ފެށުމެއް ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ. އެކަންކަން ކޮށްދިނުމަށް އެދި ރައީސަށް މި ފަހަރު ހުށަހެޅި ވެސް މެ އެވެ.
އެކަމަކު ރަށުގެ އާބާދީގެ ބޮޑުބަޔަށް އެކަމަކަށް އެއްބަހެއް ނުވެ އެވެ. އެ މީހުން ބޭނުންވަނީ އެންމެ ކުޑަމިނުން އަސާސީ ހިދުމަތްތައް ހަމައަށް ފުރިހަމައަށް ހުރި، ދިރިއުޅުން ފަސޭހަތަނަކަށް ބަދަލުވާށެވެ. އާއިލާ އެންމެން އެކުގައި ދިރިއުޅެވޭނެ ގޮތް ފަހިވާށެވެ.
މިހާރު އޮތް އެ ހަމަހިމޭންކަން މާ ބޮޑަށް ވެސް އެ މީހުންނަށް އުނދަގޫކުރަނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ