ވެލެންސިއާ "އާދައިގެ ގޮތަކަށް" ނުނިކުންނާނެ ވެލެންސިއާ "އާދައިގެ ގޮތަކަށް" ނުނިކުންނާނެ

ކްލަބް ވެލެންސިއާ އަކީ ރާއްޖޭގެ ކުޅިވަރުގައި ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާ ބޮޑު ތާރީހެއް އޮތް ކްލަބެއް ކަމަށާއި އެ ޓީމުން އެއްވެސް މުބާރާތަކަށް "އާދައިގެ ގޮތަކަށް" ނުނިކުންނާނެ ކަމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ވެލެންސިއާގެ ކޯޗު، އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
މި ފަހަރުގެ މުބާރާތަށް ނިސްބަތުން ޒުވާން ސްކޮޑަކާ އެކު ނުކުމެ، ވެލެންސިއާ އިން ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން 2-1 އިން މޮޅުވި އެވެ. ދެ ވަަނަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބް އަތުން 7-1 އިން ބަލިވި ވެެލެންސިއާ އިން ތިން ވަނަ މެޗުގައި ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ބަލިވީ 2-0 އިންނެވެ.
ވެލެންސިއާ އިން ލީގުގައި މިރޭ ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފެސްކޯ ގާތުގައި ވެލެންސިއާ މި ސީޒަނަށް ކަނޑައަޅާފައިވާ ޓާގެޓަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ، އެ ކްލަބްގެ އަބަދުވެސް ޓާގެޓް އޮންނާނެ ކަމަށެވެ.
"ވެލެންސިއާގެ އަބަދުވެސް ހުންނާނެ ޓާގެޓްސް، އަޅުގަނޑުމެން ފުރަތަމަ ފަށްޓަމުން ވެސް މި ފާހަގަކުރީ އަޅުގަނޑުމެން ކޮންމެ ހާލަތެއްގައި ނުކުތް ކަމުގައި ވިޔަސް ވެލެންސިއާ ނުނިކުންނާނެ އާދައިގެ ކޮންނެއް. ވެލެންސިއާ ނުކުންނާނީ ވަރަށް ވަރުގަދަކޮށް، ވެލެންސިއާގެ އަބަދުވެސް ޓާގެޓް ހުންނާނެ. ވެލެންސިއާ، ﷲ، އިރާދަކުރެއްވިއްޔާ އެ ޓާގެޓްތަކަށް ރީޗް ވެސް ކުރަމުން މި އައީ، އެއީ، ވެލެންސިއާ އަކީ ގިވަޕްކުރާނެ ބައެއް ނޫން، އެއް ކަމަކީ، އަޅުގަނޑުމެން ރެލިގޭޓްވީ ކަމުގައި ވިޔަސް އަލުން ހަށިފޮޅާލައިފައި ތެދުވެ، އެކަން ކުރަން (އަލުން ފުރަތަމަ ޑިވިޝަނަށް އަންނަން) ކެރޭ ބައެއްކަން އޮންނާނެ ތާރީހުން ދައްކާފައި،" ފެސްކޯ ބުންޏެވެ.
"ވެލެންސިއާ އަބަދުވެސް ނުކުންނާނީ ޓާގެޓަކާ އެއްކޮށް، އެ ޓާގެޓް ކޮންމެހެން. ރިވީލް ނުކުރި ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ޓާގެޓެއް އެބައޮތް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޓާގެޓަށް ރީޗް ވެސް ވާނެ،"
ވެލެންސިއާގެ އެންމެ ވާދަވެރި ދެ ކްލަބް ކަމަށްވާ، ނިއު ރޭޑިއަންޓާއި ވިކްޓަރީ ވަރަށް ވަރުގަދަ އަށް ޓީމު ތައްޔާރުކޮށްގެން މި ފަހަރުގެ ސީޒަނާ ކުރިމަތިލާފައިވާއިރު، ވެލެންސިއާ އިން ސީޒަނުގައި އެހާ ވަރުގަދަކޮށް ނުފެންތީވެ، އެކަމާ މެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން ފެސްކޯ ބުނީ، އެ ފަދަ ފަރާތްތަކުން، ނިއު އާއި ވެލެންސިއާ އިން ކުޅުނު މެޗު ބެލުމުން ޖަވާބު ފެންނާނެ ކަމަށެވެ.
ނިއުއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގައި، "ދަނޑުމަތީ"ގައި ވެލެންސިއާ އިން ދެއްކި ކުޅުމާއި އެ މެޗުން ނިއު މޮޅުވިއިރު، ޖެހި ދެ ގޯލު އައި ހާލަތާއި ކަންކަން ބަލާލުމުން، ޖަވާބު ލިބިގެންދާނެ ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ.
ފެސްކޯ ބުނީ ވެލެންސިއާ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި ބިދޭސީ ކުޅުންތެރިން ވެސް އެންމެ ގިނައިން ގެނައި އެއް ކްލަބް ކަމަށާއި މި ސީޒަނުގައި އެ ޓީމަށް ބިދޭސީ ކުޅުންތެރިން ގެނައުމުގައި އެކި ކަހަލަ ތަޖުރިބާތައް ކުރަން ޖެހުނު ކަމަށެވެ. އަދި، މި ހުރިހާ ހާލަތަކަށް ވެސް ބަލައި، ސީޒަނަށް ތައްޔާރުވެގެން، ނުކުމެ، ވެލެންސިއާ އިން މަސައްކަތް ކުރަނީ، ކުޅުންތެރިންނާއި ސަޕޯޓަރުންނާ ވެސް ވަރަށް ގާތުން ކަމަށް ފެސްކޯ ވަނީ ފާހަގަކޮށްފަ އެވެ.
"ވެލެންސިއާގައި އަބަދުވެސް މަސައްކަތް މި ކުރަނީ ވަރަށް ގާތުން، ޕްލޭޔަރުންނާ ވެސް. ބެލުންތެރިންނާ ވެސް. ވެލެންސިއާގެ ސަޕޯޓަރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކްލަބެއްގެ ގޮތުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް މި ކުރަނީ. ހުރިހާ ވަގުތަަކު ވެސް މަސައްކަތް މި ކުރަނީ ވެލެންސިއާގެ ސަޕޯޓަރުންނަށް އެންމެ ރަނގަޅު ޕްރޮޑަކްޓެއް ޑިވެލޮޕްކޮށްދެވޭނެ ޕްރޮޑަކްޓަކީ ކޮބައިތޯ ބަލައި އެ މަސައްކަތް މި ކުރަނީ،،" ފެސްކޯ ބުންޏެވެ.
"އަޅުގަނޑުމެންނާ ދޭތެރޭ މާޔޫސްވެވަޑައިނުގަންނަވާށޭ، ވެލެންސިއާގެ ސަޕޯޓަރުން ހަމަ އަޅުގަނޑުމެންނާ ގުޅިގެން ހަމަ، މި މަސައްކަތުގައި ބައިވެރިވެލައްވާށޭ ރިކުއެސްޓަކީ،"
ތިން މެޗުން ތިން ޕޮއިންޓާ އެކު ވެެލެންސިއާ އަށް ވަަނައިގައި އޮތްއިރު، ޕޮއިންޓެއް ނުލިބި ޓީސީ އޮތީ ފުލުގަ އެވެ. ލީގުގައި މިރޭ ޓީސީ އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ 21:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ