ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ހުއްޓުމެއް ނެތި ޑޯނިއާ ބޭނުންކުރަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ހުއްޓުމެއް ނެތި ޑޯނިއާ ބޭނުންކުރަނީ

ކަނޑުމަތީ ހާދިސާތަކުގައި ގެއްލޭ އުޅަނދުތަކާއި މީހުން ހޯދަން، އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ ބޭނުންކުރަމުންދާކަން އެނގިއްޖެ އެވެ.
"އިންޑިއާ އައުޓް" ގެ ނަމުގައި ހިންގި ކެމްޕެއިނަކަށްފަހު ވެރިކަމަށް އައި މި ސަރުކާރުން ވަނީ އިންޑިއާއިން ހަދިޔާ ކުރި ޑޯނިއާ މަތިންދާބޯޓާއި އަސްކަރީ ދެ ހެލިކޮޕްޓަރު ބޭނުން ކުރުން ހުއްޓާލައިފަ އެވެ.
މި ނޫހުން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލޭ މީހުންނާއި އުޅަނދުތައް ހޯދުމަށް ޑޯނިއާ އަލުން ދަނީ އުދުއްސަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭ މާލެ އަތޮޅަށް ބަންޑުން ޖަހައިލި ކޮޅުވެއްޓިން ގެއްލުނު މީހުން ހޯދަން ޑޯނިއާ ދުއްވާފައިވެ އެވެ.
ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ. އެރިޔަދޫ އަށް ދަތުރުކުރަމުން ދަނިކޮށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލީ އޮކްޓޯބަރު 15، ގަ އެވެ. އެ އުޅަނދުން ޖުމްލަ ތިން މީހަކު ގެއްލުނެވެ. އެ ތިން މީހުން ވެސް ފެނުނީ މަރުވެފައި އޮއްވަ އެވެ.
މިދިޔަ ހަފުތާ މާލެ އަތޮޅުން ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހުން ހޯދުމަށް މާލެ އަތޮޅު މަތިން ދެ ދުވަހެއްގެ މަތިން ޑޯނިއާ ދުއްވާފައިވާ ގޮތް ----
ޑޯނިއާގެ ދަތުރުތަށް ޓްރެކް ކުރުމަށް މި ނޫހުން އެއްކުރަމުންދާ މައުލޫމާތުން އެނގޭ ގޮތުގައި މި އޮޕަރޭޝަނުގެ ބޭނުމަށް ފުރަތަމަ ފަހަރު ހދ. ހަނިމާދޫ އެއާޕޯޓުން ޑޯނިއާ ފުރީ އޮކްޓޯބަރު 16، ގެ މެންދުުރުފަހު އެވެ. އެ ދަތުރުގައި މާލެ އަތޮޅަށް އައިސް 1،600 ފޫޓުގެ އުސް މިނެއްގައި ގަޑިއިރެއްހާއިރު ބޯޓު ދުއްވި އެވެ.
ޖެހިގެން އައި ދުވަހު ވެސް ޑޯނިއާއިން ވަނީ އެ މީހުން ހޯދުމުގެ އޮޕަރޭޝަނަށް މާލެ ސަރަހައްދަށް އައިސްފަ އެވެ. އޮކްޓޯބަރު 17، ގައި އެ ބޯޓު ހަނިމާދޫއިން ފުރީ ހެނދުނުގެ ވަގުތެއްގަ އެވެ. އެ ދުވަހު ވެސް މާލެ ސަރަހައްދަށް އައިސް ހަމަ އެ އުސްމިނުގައި ގަޑިިއިރެއްހާއިރު ދުއްވި އެވެ.
ޑޯނިއާގެ އިތުރުން މި އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ ޑްރޯން ވެސް ދުއްވި އެވެ. އެގޮތުން އޮކްޓޯބަރު 17، ގެ ހެދުނު 6:00 ހާއިރު މާފަރު އެއާޕޯޓުން ނައްޓައިލި ޑްރޯން އެނބުރި މާފަރަށް ދިޔައީ އެ ދުވަހުގެ މެންދުރު 1:00 ހާއިރު އެވެ. އެ ޑްރޯން ވަނީ ހުޅުމާލެ އާއި މާލެ އަތޮޅު އިރުމަތީ ބިތުގެ ރަށްރަށުގެ އިރުން ދެތިން ގަޑިއިރު ދުއްވައިފަ އެވެ.
ތުރުކީގެ ބައިކާރު ކުންފުނިން އެމްއެންޑީއެފް އަށް ބައިރަކްތާރު ޓީބީ-2 މަރުކާގެ ޑްރޯންތަކެއް ގެނައީ ކުރިން ޑޯނިއާއިން ކުރަމުން އައި ސާޗް އެންޑް ރެސްކިއު އަދި ސަވެއިލެންސް އޮޕަރޭޝަންތަކުގައި ބޭނުންކުރާށެވެ. ނަމަވެސް، ޑްރޯންތައް ގެނައި ފަހުން ސަރުކާރުން ވަނީ އިންޑިއާގެ ޑޯނިއާ އަދި ދެ ހެލިކޮޕްޓަރުގެ އެގްރީމެންޓު އައު ކޮށްފަ އެވެ.
ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު މިހާރު ދުއްވަނީ މި ސަރުކާރުގެ އެދުމުގެ މަތިން، އެއްބަސްވުންތައް އާކޮށްގެން ކަމަށް އިންޑިއާ ސަރުކާރުން އިއުލާނުކުރީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުގެ ތެރެއިން ޖުލައި 25، ގަ އެވެ.
މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރާމް މިސްރީ ވިދާޅުވީ އެއްބަސްވުންތައް އާ ކުރީ ދިވެހި ސަރުކާރުން ބޭނުންވެގެން ކަމަށެވެ.
"އެ އުޅަނދުތައް ބޭނުން ކުރުމަށް ހަދާފައި އޮތް އެއްބަސްވުންތައް ވަނީ އާކޮށްފައި. އަދި އެ ތަކެތި ދަނީ ބޭނުން ކުރަމުން ދިވެހި ސަރުކާރުން އެދޭ ގޮތަކަށް،" ވިކްރާމް ވިދާޅުވި އެވެ.
މި ވެރިކަމުގެ ކުރީކޮޅު އިންޑިއާގެ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު ނުއުދުއްސައި ވެސް ރާއްޖެއިން ވަރަށް ގިނަ ދުވަހު މަޑު ކުރި އެވެ. އެއިރު ރައީސް މުއިއްޒު މަސައްކަތް ކުރެއްވީ އިންޑިއާއާ ފެޔަށްޖެހި ޗައިނާއާ ގުޅުން ބަދަހި ކުރުމަށެވެ. ނަމަވެސް މާލީ ދަތިތަކާ ހެދި އަލުން އިންޑިއާއާ ގުޅުން ބަދަހި ކުރަން ސަރުކާރަށް މަޖުބޫރުވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ