އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރަން 834 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
އެނގުން މުހިންމު - ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑު ކުރާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވަނީ ހާމަކުރައްވާފަ އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ، 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
ތަފްސީލު - ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ހިމާނާފައި ވަނީ އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ހަރަދުގެ ބަޖެޓުގެ ތެރެއިންނެވެ. އެ ދާއިރާއަށް ޖުމްލަ 10.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވާއިރު، ޕޭ ހަމަނައިޒޭޝަންއަށް ކަނޑައަޅާފައިވަނީ 493 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، އަންނަ އަހަރު ޕޭ ހާމަނައިޒޭޝަންގައި މުރާޖައާކުރުމަށް ހަމަޖެހިފައި ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެވެ.
އިޖުތިމާއީ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ 3.9 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑު ކުރަން ހިމަނާފައިވަނީ 341 މިލިއަން ރުފިޔާ އެވެ. އެ ދާއިރާގައި ހިމެނޭ އެހެނިހެން ކަންކަން:
1.35 ބިލިއަން ރުފިޔާ: ކަރަންޓުގެ އަގުހެޔޮކުރުމަށް
1 ބިލިއަން ރުފިޔާ: އާސަންދައަށް
200 މިލިއަން ރުފިޔާ: ބޭސްފަރުވާ ކުރުމަށް ދޭ އެހީ
އެނގުން މުހިންމު - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު އެލަވަންސްގެ ގޮތުގައި ލިބެނީ 2،000ރ. އެވެ. އެލަވަންސް ބޮޑު ކުރަނީ ކިހާ ވަރަކަށް ކަމެއް އަދި ކޮން އިރަކުން ފެށިގެން ކަމެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މުސާރަ ބޮޑު ކުރުމާ ނުލައި ސިއްހީ ދާއިރާއަށް ކަނޑައަޅާފައި ވަނީ 5 ބިލިއަން ރުފިޔާގެ ބެޖެޓެކެވެ. އެއީ:
ރިކަރަންޓް ހަރަދު: 4.1 ބިލިއަން ރުފިޔާ
ކެޕިޓަލް ހަރަދު: 891 މިލިއަން ރުފިޔާ
ސިއްހީ ދާއިރާގެ ބަޖެޓް ބެހިގެންވާ ގޮތް:
2.5 ބިލިއަން ރުފިޔާ: މުވައްޒަފުންނަށް ހިނގާ ހަރަދު
995 މިލިއަން ރުފިޔާ: މެޑިކަލް ސަޕްލައި އަދި ކޮންސިއުމަބަލްސް
551 މިލިއަން ރުފިޔާ: ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލް އިމާރާތްތައް އެޅުމަށް
418 މިލިއަން ރުފިޔާ: ހޮސްޕިޓަލްތަކުގެ ހިންގުމުގެ ހަރަދު
73 މިލިއަން ރުފިޔާ: ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރަން
54 މިލިއަން ރުފިޔާ: ލ. ގަމު ކެންސަރު ހޮސްޕިޓަލް
ފަސް މަންޒަރު - ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑު ކުރަން އަންނަ އަހަރު ބަޖެޓްގައި ހިމަނާފައި ވާއިރު، ވޯލްޑް ބޭންކުން ވަނީ އިގްތިސާދީ ގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި މުސާރަ ބޮޑުކުރުން މަޑުޖައްސާލުމަށާއި އެހެނިހެން ބޭކާރު ހަރަދުތައް ނުކުރުމަށް ސަރުކާރަށް ލަފާ ދީފަ އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި ނުކުޅެދޭ މީހުންގެ އެލަވަންސް ބޮޑުކުރަން 834 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ