ޓްރަމްޕްގެ އުފަންދުވަހު ބޭއްވި އިވެންޓަށް ޑްރޯން ހަމަލާއެއް ދޭން އުޅެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 80 ވަނަ އުފަންދުވަހާ ދިމާކޮށް ވައިޓް ހައުސްގައި ބޭއްވި އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) މުބާރާތުގެ ހަރަކާތަށް އަމާޒުކޮށް ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ނުރައްކާތެރި  ހަމަލާއެއް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ނާކާމިޔާބުކޮށްލައި، ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރި ފަސް މީހުންނަކީ ސަރުކާރާ ދެކޮޅު ފިކުރުތަކާއި ތިއަރީތަކަށް ތާއީދުކުރާ ބައެއް ކަމަށް ކޯޓު ރެކޯޑުތަކުން ދައްކައެވެ. މި މީހުންގެ މައިގަނޑު ހިތްހަމަނުޖެހުމަކީ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންގެ މައްސަލައިގެ ތަހުގީގީ ފައިލްތައް ގެންގުޅުނު ގޮތް ކަމަށް ވެއެވެ.
އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، މި ނުރައްކާތެރި ރޭވުމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް މިހާރު ވަނީ މީހުން މަރަން ރޭވުމުގެ ދައުވާ އުފުލާފައެވެ. މީގެ އިތުރުން ދައުލަތާ ދެކޮޅަށް ކުށްކުރަން ރޭވުމާއި ހަތިޔާރުގެ ގާނޫނާ ޚިލާފުވުމުގެ ދައުވާވެސް މި ގްރޫޕްގެ މައްޗަށް ކުރެއެވެ.
ފްރާންސްގައި ބާއްވަމުންދާ ޖީ-7 ސަމިޓުގައި ހުރި ޓްރަމްޕް ބުނެފައިވަނީ އޭނާއަށް މި ހަމަލާގެ ރޭވުމުގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބުނީ މިއީ ކޮންމެވެސް ބައެއްގެ ބޮޑު އެހީތެރިކަމަކާއި ފަންޑިންއަކާއެކު ރާވާފައިވާ ވަރަށް ނުރައްކާތެރި ޓެރަރިސްޓް ރޭވުމެއް ކަމަށާއި، މިކަމުގެ ފަހަތުގައިވާ ނެޓްވޯކްތައް ހޯދާ ބަލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ