މެސީގެ ރެކޯޑް ހެޓްރިކާ އެކު ވޯލްޑް ކަޕް ޗެމްޕިއަން އާޖެންޓީނާ ފެށީ ގަދަކޮށް

ކަންސަސް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 17) - ލިއޮނަލް މެސީގެ ހެޓްރިކާ އެކު، 3-0 އިން އަލްޖީރިއާ ބަލިކޮށް، ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން މި ފަހަރުގެ މުބާރާތް ގަދަކޮށް ފަށައިިފި އެވެ. 
މިއީ ހަ ވަނަ ވޯލްޑް ކަޕްގައި ކުޅޭ މެސީ މުބާރާތުގެ ތާރީހުގައި ހެދި ފުރަތަމަ ހެޓްރިކް އެވެ. އަދި، މި ހެޓްރިކާ އެކު މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރެކޯޑް ހަދާފައިވާ ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސާގެ ރެކޯޑާ ހަމަކޮށްފަ އެވެ. ކްލޯސާ އާއި މެސީ ވަނީ ވޯލްޑް ކަޕް މުބާރާތްތަކުގައި 16 ލަނޑު ޖަހައިފަ އެވެ. މެސީ އަށް ޔަގީނުން ވެސް މި ރެކޯޑް މުގުރާލަން މި ފަހަރުގެ މުބާރާތުގައި އިތުރު ދެ މެޗު އެބައޮތެވެ. 
ކަންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި މެސީ ޖެހި ފުރަތަަމަ ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އަދި، އޭގެ ފަހުން، އަލްޖީރިއާގެ ފަރެސް ޝައީބީ ޖެހި ގޯލެއް ވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. 
އާޖެންޓީނާ އިން 17 ވަނަ މިނިޓްގައި ލީޑުނެގީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް މެސީ އަމާޒުކޮށްލި ބޯޅައާ އެކު ޖެހި ގޯލުންނެެވެ. އެ ބޯޅަ ގޯލަށް ވަނީ އަލްޖީރިއާގެ ގޯލުގައި ހުރި ފްރާންސްގެ ކުރީގެ ތަރި ޒިނެދިން ޒިދާންގެ ދަރިފުޅު، ލޫކަ ޒިދާން އަތުގައި ޖެހިފަ އެވެ. 
އަލްޖީރިއާ އިން ލަނޑެއް ޖަހައި އެއްވަރުކުރެވޭތޯ ކުރި މަސައްކަތްތައް ކާމިޔާބުނުވެދިޔައިރު، މެޗުގެ 60 ވަނަ މިނިޓްގައި މެސީ ވަނީ އާޖެންޓީނާގެ ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ. މިއީ، އޭރިއާބޭރުން އާޖެންޓީނާގެ އަލެކްސިސް މެކް އަލިސްޓާ ޖެހި ޝޮޓެއް ކީޕަރު ޒިދާން އަތުގައި ޖެހިފައި ނުކުތްވަގުތު ގޯލަށް ވައްދާލައިގެން މެސީ ޖެހި ލަނޑެކެވެ. 
މެސީ، ހެޓްރިކް ހަދަން މެޗުގެ 66 ވަނަ މިނިޓްގައި ފޮނުވާލި ބޯޅަ ކީޕަރު ޒިދާން ވަނީ ހުއްޓުވައިފަ އެވެ. 
އަލްޖީރިއާ އިން ދެ ވަނަ ހާފުގައި ރިޔާދު މާރޭޒް އާއި އޮސާމް އައުއާރު ކުޅެން އެރުވި އެވެ. އަދި، އޭގެ ފަހުން، އެ ޓީމުން ކޮންމެ ވެސް ވަރަކަށް ކުރިއަށް ޖެހިގެން އެޓޭކް ކުރެވޭތޯ މަސައްކަތްކުރި އެވެ. 
ކުރިން ހެޓްރިކް ހަދަން ލިބުނު ފުރުސަތު ގެއްލުނު ނަމަވެސް މެސީ ވަނީ 76 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ލިބުނު ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ