ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު އަދަދަކަށް އުފުލި، މިހާރު ޑޮލަރެއްގެ އަގު 20.50 ރުފިޔާއަށް އަރައިފި އެވެ.
މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ޑޮލަރުގެ އަގު 20.50 ރުފިޔާއަށް ދިޔަ ފުރަތަމަ ފަހަރެވެ. އަގު މިވަރަށް އުފުލުނީ ޑޮލަރު ރޭޓު 20ރ. އަށް ވުރެ މަތީގައި ހުންނަތާ އެތައް ދުވަހެއް ވުމަށް ފަހު އެވެ. މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި ހުރި ފުރަތަމަ ފަހަރެވެ.
ޑޮލަރު ވިޔަފާރިކުރުމުގެ ލައިސަންސް އޮންނަ ފަރާތަކުން "އަދަދު" އަށް މައުލޫމާތު ދެމުން ބުނީ، ކޮވިޑުގެ ތެރޭގައި ވެސް ދުވަސްކޮޅަކަށް ޑޮލަރުގެ އަގު މިވަރުގައި ހުރި ނަމަވެސް، މިހާރު ރެކޯޑު މިންވަރަކަށް އަގު މައްޗަށް އުފުލުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތު ކަމަށެވެ.
ޓޫރިސްޓުން އަންނަ މިންވަރު ދަށްވުމާއި، ޑޮލަރުން މުސާރަ ލިބޭ ފަރާތްތަކަށް މިހާރު ޑޮލަރުން މުސާރަ ނުލިބުމުގެ ސަބަބުން ޑޮލަރުގެ ސަޕްލައި ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށާއި ބޭންކުތަކުން ވިޔަފާރިތަކަށް ދޭ ޑޮލަރު ސަޕޯޓު ދަށްވުމުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑަށް އުފުލިފައި ކަމަށް އޭނާ ބުންޏެވެ.
"ޑޮލަރުގެ އަގަށް ދެން ބަދަލެއް އައިސް ރަނގަޅުވާނެ ކަމަށް ބެލެވެނީ އަންނަ އޯގަސްޓު މަހު،" ޑޮލަރު ވިޔަފާރިކުރާ މީހަކު ބުންޏެވެ.
ރާއްޖޭގެ ކޮންސްޓަރަކްޝަން ދާއިރާގެ ބޮޑު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ ކުންފުނިން އިއްޔެ ޑޮލަރު ގަންނަން ޖެހުނީ 20.50ރ. އަށް ކަމަށެވެ. ނަމަވެސް ނަމަވެސް ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ރ. އެވެ.
"ކުރިއަށް އޮތް ތަނުގައި އަގު ދަށްވާނެ ކަމަށް ނުބެލެވޭ. ސަބަބަކީ މެދުއިރުމަތީގެ ދަތުރުތައް ފަސޭހަވުމާއެކު މުދާ އެތެރެކުރުން އިތުރުވާނެ. އެއާއެކު ޑޮލަރުގެ ޑިމާންޑު މަތިވެ އަގު ވެސް އުފުލޭނެ،" އޭނާ ވިދާޅުވި އެވެ.
ޑޮލަރު މާރުކުރުމުގެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ ސިޔާސަތު ތަންފީޒުކުރަން ފެށި ފަހުން ޑޮލަރުގެ އަގު އާންމު ގޮތެއްގައި ހުރީ 20ރ. އިން މަތީގަ އެވެ.
ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް މައްޗަށް، މިހާރު ޑޮލަރެއް ހުރީ 20.50ރ. އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ