ލ. އަތޮޅުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ހިލޭ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް ބާއްވަނީ

ލ. އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، އެ އަތޮޅުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ހިލޭ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
މި މަހުގެ 19 އިން 20 އަށް ލ. ގަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ކޭމްޕަކީ މި އަހަރު ޓްރީޓޮޕުން ކުރިއަށްގެންދާ ދެވަނަ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެވެ.
ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދާ މި ހެލްތު ކޭމްޕަކީ ލ. އަތޮޅާއި އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް، މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށާ ގާތުން ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ހިލޭ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ މުހިންމު ހަރަކާތެކެވެ.
މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން ބައްލަވާނެއެވެ. އެގޮތުން ހިތުގެ ބަލިތައް، ހޯރމޯންގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އާންމު ސާޖަރީ، ކަށީގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން މި ކޭމްޕްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޑޮކްޓަރަށް ދެއްކުމުގެ އިތުރުން، ބަލިތަކުން ރައްކާތެރިވުމާއި، ބަލިތައް ކުރިއަށް ދެނެގަތުމަށް ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތަކާއި ހެލްތު ސްކްރީނިންގް ވެސް މި ޕްރޮގްރާމުގެ ދަށުން ކުރިއަށްދާނެއެވެ. މީގެ އިތުރުން، ލާމު އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންނަށް ހާއްސަ ތަމްރީނު ސެޝަނަކާއި، ގަމުގެ ދަރިވަރުންނަށް ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް ވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ ސިއްހީ ހިދުމަތްތައް ފުޅާކުރުމަށާއި، ދާއިރާގެ ކުރިއެރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން ބާއްވާ 18 ވަނަ ހެލްތު ކޭމްޕެވެ. މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލާ ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ