ރައްޔިތުންގެ މަޖިލީހުން އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު ފާސްކުރީ ހަތް މަސްދުވަހުން ކަމަށާއި އެފަދަ ގާނޫނެއް ނެތުމުގެ ސަބަބުން ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓު ކުރުމުގެ ކަންކަނބް ނުފެށި އޮތް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
މިއީ އޮކްޓޯބަރު 21، 2025 ގައި އެ ކޮމިޓީއަށް ހުށަހެޅުނު ބިލެކެވެ. އެ ކޮމިޓީން އެންމެ ފުރަތަމަ ނިންމީ ނޮވެމްބަރު 25، 2025 ގައި ބިލު ނިންމުމަށެވެ. ނަމަވެސް، ބިލުގެ މަސައްކަތް އެ ތާރީހުގައި ވެސް ނުފެށި ފަހުން ބިލު ނިންމާލެވުނީ ހަތް މަސްދުވަހުންނެވެ.
އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މެއި 14، ގަ އެވެ. އަދި ބިލު ތަސްދީގު ކުރުމަށް ރަައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައި ވަނީ މެއި 19، ގަ އެވެ. ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާފަ އެވެ.
އެ ބިލު އަލުން އަނބުރާ އިޖުތިމާއީ ކޮމިޓީއަށް ފޮނުވުމަށް ޕިއެންސީގެ ފަރާތުން ހުށަހަޅާފައިވާއިރު ކުޑޫ ވަނީ ހަތް މަސްދުވަހުން ނިންމި ބިލެއް އަނބުރާ ފޮނުވާލާފައިވަނީ މަޖިލީހުގެ މެންބަރުންގެ ދައުރު އަދާނުކުރުމުން ކަމަށް ވިދާޅުވެފަ އެވެ.
"ރާއްޖޭގައި އެބަތިބި ކިޑްނީގެ ޑައިލަސިސް ހަދާ 300 މީހުން. ކޮންމެ ދުވަހަކު ތެދުވެ މި ބުނަނީ ރައްޔިތުންގެ އިހުސާސްތައް އެނގެއޭ، އޭއްޗެކޭ މީއްޗެކޭ. އެކަމެއް ނުވިއެއް ނޫންތޯ،" ކުޑޫ ވިދާޅުވި އެވެ.
މަޖިލީހުގައި އޮންނަނީ ޕީއެންސީގެ ސުޕަމެޖޯރިޓީއެއް ކަމަށާއި ބިލުގެ މަސައްކަތް ކުރިއަށްދާއިރު ވެސް ފޯނުން ގުޅައި ބިލު އިސްލާހު ކުރުމުގެ ފުރުސަތު އޮންނަ ކަމަށް ކުޑޫ ވިދާޅުވި އެވެ. މިއީ ހަތް މަސްދުވަހުން ނިންމަން ޖެހޭ ބިލެއް ނޫން ކަމަށާއި ހޭލައި ތިބެގެން މެންބަރުން މިފަދަ ބިލުތައް ނިންމަން ޖެހޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް ފަހަރަކު ވިސްނާލިންތޯ ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ ކަންކަން އޮތީ ހަމަޖެހިފައި އޮތީ، މި ގާނޫނެއް ނަައިސްގެން. ހަމަ އެއްކަލަ 300 މީހުން ރިއްސާލަ ރިއްސާލަ ތިބެންވީ ދުވާލަކު ތިން ހަތަރުފަހަރު ޑައިލަސިސް ހަދައި،" ކުޑޫ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލީ މެއި 31، ގަ އެވެ. ނަމަވެސް އެއިރު އެ ބިލު ރައީސް މުއިއްޒު ތަސްދީގު ނުކުރެއްވި ސީދާ ސަަބަބެއް ހާމައެއް ނުކުރެ އެވެ.
މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ޓްރާންސްޕްލާންޓް ކުރާ ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް މަޖިލީހުން ބިލަށް ގެނައި އިސްލާހުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ބަންދެއްގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގައިދުވެ ހާއްސަ ހާލަތެއްގައި ތިބޭ ބަޔެއް ކަމުގައިވާއިރު އެމީހުންނަކީ ފުރިހަމަ ރުހުމާއެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަނެއް ހަދިޔާ ކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމުގައި ބެލެވިދާނެ ކަމަކަށް ނުފެނޭ،" މަޖިލީހަށް އިއްވި ރައީސްގެ ސިޓީގައި ބުނެފައިވެ އެވެ.
ގުނަވަން ޓްރާންސްޕްލާންޓު ކުރުމާ ގުޅޭ ބިލަކީ، އެފަދަ މެޑިކަލް ޕްރޮސީޖާތައް ކުރިއަށްގެންދިޔުމުގެ ހުއްދަ ދިނުމަށްޓަކައި ހެދި ބިލެކެވެ. އަދި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތް ކުރާ ތަންތަނުގައި ހުންނަންޖެހޭ ފެންވަރު ކަނޑައަޅައި ހުއްދަ ދިނުމަކީ ވެސް ބިލުގެ އެއް ބޭނުމެވެ.
އޭގެ އިތުރުން، ގުނަވަން ޓްރާންސްޕްލާންޓް ކުރާ ތަނަކުން ހިދުމަތް ލިބިގަންނަ މީހާއަށް ލިބިދޭ ހައްގުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ހިދުމަތްދޭ ފަރާތްތަކަށް ލިބިދޭ ހައްގުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ކުޑޫގެ ކަންބޮޑުވުން: "ތިން ހޮސްޕިޓަލެއްގައި ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވެނީ ގާނޫނެއް ނެތުމުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ