އެމްޑީޕީގެ މެންބަރުންގެ މައްޗަށް އުފުލި ދައުވާތަކުގެ މައްސަލަ ބައިނަލްއަގުވާމީ ކޯޓުތަކަށް ގެންދާނަން: ނަޝީދު

އޮކްޓޯބަރު 3، 2025، ގެ ރޭ މާލޭގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވި އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއްވެސް ހެއްކެއް ނެތި ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 
ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެންބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ޖިނާއި އަދުލުގެ ނިޒާމުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނެތެވެ. 
"ޕްރޮސެކިއުޓާ ޖެނެރަލް މި ދައުވާ އުފުލާފައި މިވަނީ ބޭނުންވާ ހެކި، އެކަށީގެންވާ ހެކި ނުހޯއްދަވައި. ހަގީގަތުގައި ހެއްކެއް ނުވެސް ނެތް، ހެއްކެއް ނެތުމުން ދެން ފެބްރިކޭޓު ކުރެވޭނީ،" ނަޝީދު ވިދާޅުވި އެވެ. 
މިފަދަ ދައުވާތަކަކީ ފެހި ގާނޫނުއަސާސީ ތަސްދީގުކުރެވުމުގެ ކުރިން ވަރަށް ގިނައިން ރާއްޖޭގައި ކުރި ފަދަ ދައުވާތަކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މިއީ ސިޔާސީ ކުަލަވަރު ޖެހިފައިވާ ދައުވާތަކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މި މައްސަލަތައް ބައިނަލްއަގުވާމީ ކޯޓުތަކަށް އަޅުގަނޑުމެން ގެންދާން ޖެހޭނެ. އެއީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް، އެކަން އެގޮތަށް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
"ސިޔާސީ މަގުސަދެއްގައި ކުރަމުންދާ ދައުވާތަކެއް މިއީ، އޭގައި ޝައްކެއް ވެސް ނެތް."
ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ހުޅުމާލެ އުތުރު ކައުންސިލަރު ފާތިމަތު ޒަހިއްޔާ، އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްޣަނީ، އަލީ ނައުފަލް، އައިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒު، އަދި ހުސައިން ރަޝީދުގެ މައްޗަށެވެ.
އޭގެ ތެރެއިން ބައެއް މީހުންގެ ޝަރީއަތް މިއަދު ވަނީ ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ