ވައިޓް ހައުސްގެ ޔޫއެފްސީ އިވެންޓަށް ހަމަލާ ދޭން އުޅުނު ފަސް މީހަކު ހައްޔަރުކޮށްފި

ވައިޓް ހައުސްގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޔޫއެފްސީ އިވެންޓަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާއެއް އެފްބީއައި އިން ނާކާމިޔާބުކޮށްލައި، ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފި އެވެ.
ޕްރޮސެކިއުޓަރުން ތުހުމަތު  ކުރާ ގޮތުގައި މި ރޭވުމުގެ ތެރޭގައި، ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ބޭނުންކޮށްގެން ކައިރީގައި ހުރި އިމާރާތްތަކަށް ހަމަލާ ދިނުމާއި، "ހައި ވެލިއު ޓާގެޓް" ނުވަތަ މުހިންމު ފަރާތްތަކަކަށް ބަޑިން ހަމަލާދިނުން ހިމެނެ އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކު މިދިޔަ ހަފުތާގައި އޯހިއޯ އިން ހައްޔަރުކޮށްފައިވާ އިރު، ތަހުގީގު ކުރާ ފަރާތްތަކުން ވަނީ އޭނާ އާއި މި ރޭވުމުގައި ބައިވެރިވި އެހެން މީހުންނާ ދެމެދު ބަދަލުކޮށްފައިވާ އެންކްރިޕްޓް ކުރެވިފައިވާ މެސެޖުތައް ބަލައިފަ އެވެ. ދައުވާ އުފުލުމަށް ހުށަހެޅި ލިޔެކިޔުންތަކުގައި ޕްރޮސެކިއުޓަރުން ބުނެފައިވަނީ، އެ މީހުންނަކީ ހަރުކަށި ދީނީ ފިކުރާއި ސަރުކާރާ ދެކޮޅު ވިސްނުން ގެންގުޅޭ ބައެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެމެރިކާގެ އެތައް ސްޓޭޓެއްގައި ހިންގި މި އޮޕަރޭޝަނާ ގުޅޭ ގޮތުން އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ވިދާޅުވީ، ރާވަމުން ދިޔަ ހަމަލާތައް އެއްކޮށް ހުއްޓުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އޯހިއޯއިން ޓައިސެން ސީ ޕްރޮޕާ (19އ) އާއި، ކެލިފޯނިއާގެ ބްރަޔަން އޮމާ ރޯއާ (24އ) އާއި މައިކަލް އެލަން ތޯމަސް (32އ) އާއި، މިސޫރީގެ ޑެނިއަލް ކޭ އެސްކްރިޖް (32އ) އަދި ނެބްރަސްކާގެ އަބްރަހަމް ހާމޯސިލޯ އަލްވަރޭޒް (31އ) އެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ހަތަރު ސްޓޭޓަކުން މި މީހުން ހައްޔަރުކޮށް، ކޮންމެ މީހެއްގެ މައްޗަށް ވެސް މީހަކު މަރާލަން ރޭވުމުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.
ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ހަމަލާ ރޭވި މީހުންގެ މަގްސަދަކީ ޑްރޯން ބޭނުންކޮށްގެން މީހުންގެ މެދުގައި ބިރުވެރިކަން އުފައްދައި، އެ ސަރަހައްދުން ފިލަން ދުވާ މީހުން ސްނައިޕަރުން ތިބި ދިމާލަކަށް ގެންދިއުމެވެ. އޭގެ ފަހުން ހަމަލާދޭ "ދެވަނަ ފައުޖަކުން" ވައިޓް ހައުސްގެ ގޭޓަށް ވަދެގަތުމަށް ވެސް އޮތީ ރާވައިފަ އެވެ.
ވައިޓް ހައުސްގެ ދެކުނު ގޯތި ތެރޭގައި އާދީއްތަ ދުވަހު ބޭއްވި މި އިވެންޓަކީ ހަމައެކަނި ދައުވަތު ދެވުނު 4،300 އެއްހާ މީހުންނަށް ބޭއްވި ހަރަކާތެކެވެ. ނަމަވެސް އެ ސަރަހައްދުގެ ކައިރީގައި ތިބެގެން އިތުރު 85،000 މީހުންނަށް މި މުބާރާތް ބަލާލުމުގެ ފުރުސަތު ލިބުނެވެ.
ކޯޓު ފައިލްތަކުގައިވާ ގޮތުން، މި ގްރޫޕުން ހަމަލާ ދޭން އަމާޒުކުރި މީހުންގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ނައިބު ރައީސް ޖޭޑީ ވެންސް އާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އީލޮން މަސްކްގެ އިތުރުން އިންތިހާބީ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނެ އެވެ. ނަމަވެސް މީގެ ތެރެއިން ހުރިހާ ބޭފުޅުން ޔޫއެފްސީ އިވެންޓަށް ވަޑައެއް ނުގަންނަވަ އެވެ.
މި ރޭވުން ފަޅާއެރީ ހައްޔަރުކުރި ޕްރޮޕާގެ ފަރާތުންނެވެ. މި ބޮޑު އިވެންޓް ބޭއްވުމުގެ މަދު ދުވަސްކޮޅެއް ކުރިން، ޖޫން 10 ވަނަ ދުވަހުގެ ރޭ އޭނާގެ މަންމަ ކަމާބެހޭ ފަރާތްތަކަށް ގުޅައި ރިޕޯޓް ކުރީ، ޕްރޮޕާ ގިނަ އަދަދެއްގެ ހަތިޔާރު ގަންނާތީ އާއި، ކުރީގެ އަސްކަރީ މީހުންނާއި ކްރިސްޓިއަން ފިކުރުގެ ބައެއް ކަމަށް ބުނާ ބަޔަކާ އޭނާ އޮންލައިންކޮށް ދައްކަމުންދިޔަ ވާހަކަތަކާ މެދު ކަންބޮޑުވެގެންނެވެ.
ޖޫން 11 ވަނަ ދުވަހު އެފްބީއައި އިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ޕްރޮޕާ ވަނީ މި ހަމަލާ ރޭވުމުގައި ބައިވެރިވި ކަމަށް އެއްބަސްވެފަ އެވެ. އަދި މިދިޔަ މާޗް މަހު އެ މީހުން މުއާމަލާތް ކުރަން ފެށީ ޓިކްޓޮކްގައި އޮންނަ "ވެންގާޑް އޮފް ދަ އޯލްޑް" ނަމަކަށް ކިޔާ ގްރޫޕަކުން ކަމަށް އޭނާ ބުންޏެވެ.
މި ގްރޫޕަކީ ބޮޑު އެހެން ޖަމާއަތަކާ ގުޅުން އޮތް ބައެއްކަން އަދި ސާފެއް ނުވެ އެވެ. ނަމަވެސް ޕްރޮޕާ ބުނި ގޮތުގައި މެންބަރުން ހޯދާފައިވަނީ މައިގަނޑު ގޮތެއްގައި ޓިކްޓޮކް މެދުވެރިކޮށެވެ. އޭގެ އިތުރުން މެސެޖު ފޮނުވައި ހެދީ ސިގްނަލް ބޭނުންކޮށްގެންނެވެ. 
އަންގާރަ ދުވަހު ބޭއްވި އެހެން ބްރީފިންއެއްގައި ސީކްރެޓް ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރު މެޓް ކުއިން ވިދާޅުވީ، މިއީ ވަރަށް "ސީރިއަސް ނުރައްކަލެއް" ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ފްރާންސްގައި ބޭއްވި ޖީ7 ސަމިޓްގެ ތެރެއިން މި ހަމަލާގެ ރޭވުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ރައީސް ޓްރަމްޕް ވިދާޅުވީ "އެކަމުގެ ހަބަރެއް އަދި ނުލިބޭ" ކަމަށެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ މީހަކު މަރާލަން ރޭވުމުގެ ކުށް ސާބިތުވެއްޖެ ނަމަ، ކޮންމެ މީހަކަށް ވެސް އުމުރަށް ޖަލަށްލުމާއެކު 250،000 ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ ކަމަށެވެ. ޕްރޮޕާގެ މައްޗަށް އިތުރު ތިން ދައުވާއެއް ވެސް އުފުލާފައިވެ އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ޖޫން 29 އަށް ވަނީ ތާވަލުކޮށްފަ އެވެ.
އެމެރިކާގެ 250 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވައިޓް ހައުސް އިން އާދީއްތަ ދުވަހު ވަނީ "ދަ ކްލޯ" ނަމަކަށް ކިޔާ އައުޓްޑޯ އެރީނާއެއްގައި ޔޫއެފްސީ މެޗުތަކެއް ބާއްވައިފަ އެވެ.
މި ހަރަކާތް ބޭއްވީ ޓްރަމްޕްގެ 80 ވަނަ އުފަންދުވަހާ ދިމާކޮށެވެ. މިއީ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާގައި ބަޑިޖެހި ހާދިސާއަށް ދެ މަސް، އަދި ވައިޓް ހައުސްގެ ޗެކްޕޮއިންޓެއްގައި ބަޑިޖެހި މީހަކު ސީކްރެޓް ސާވިސް އިން މަރާލިތާ މަހެއް ފަހުން ހިނގި ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ