ޖެހި ޖޯކުތައް ބައްލަވާފަ ގާސިމް ވެސް ހިނިފުޅުވަޑުވަނީ

ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ވައިރަލް ވި ވީޑިއޯއެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިންނެވީ ކޮފީ ހިއްޕަވާށެވެ. ބެލެވޭ ގޮތުގައި އެއީ ކޮންމެވެސް މުހިންމު މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން ލިބުނު "ކޮފީ ބްރޭކް" އެކެވެ. ނުވަތަ ބައްދަލުވުމެއް ނިންމާލެއްވުމަށް ފަހުއެވެ. ގާސިމް ކޮފީ ހިއްޕަވާ ވީޑިއޯއެއް ތަފާތުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ނަމަވެސް މި ވީޑިއޯ ތަފާތެވެ. ކޮފީ ހިއްޕެވި ވަގުތު ގާސިމް އިންނެވީ އޭނާ ކެޕްއިން ޖަލްސާތަކުގައި ދައްކަވާފައި ހުރި ވާހަކަތަކުގެ އަޑު ބޭނުން ކޮށްގެން މަޖާ ޓިކްޓޮކް ހަދާ މީހެއްގެ ޓިކްޓޮކްތައް ބައްލަވާށެވެ. ޓިކްޓޮކް ބައްދަލަވަމުން ގެންދިޔަ ވަގުތު ގާސިމް އިނީ ހިނިފުޅުވަޑުވާންށެވެ. ގިނަ ދިވެހިންގެ މެދުގައި ވައިގައި ހިފާފައިވާ މި ޓިކްޓޮކްތައް ގާސިމްއަށް ވެސް ވަރަށް މަޖާވެއްޖެއެވެ. މި ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލީ ގާސިމްގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އަލީ ވަހީދެވެ. މި ވީޑިއޯއާއެކު އަލީ ލިޔެފައިވަނީ "ހަމްބަލް އެންޑް ސިމްޕަލް" މިހެންނެވެ. މާނައަކީ ހިތްތިރި އަދި އާދައިގެކަމެވެ. https://twitter.com/ali20waheed/status/1698423130170200498?s=52&t=q414dRymVpTI1jGAFUr6og ރިޔާސީ އިންތިޚާބަށް ކެމްޕްއިން ކުރުމަށް ރަށްރަށަށް ވަޑައިގެން އުޅުއްވާއިރު، ވަޑައިގެންނެވުނު ރަށް ހަނދާން ނެތުމާއި ބައެއް ކަންކަމަށް ކިޔާ ނަންތައް ހަނދާން ނެތުން ފަދަ ކަންކަން ގާސިމަށް ކުރިމަތިވެފައި އެބަހުއްޓެވެ. މި ފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވީއިރު އެ އަޑުތައް ބޭނުންކޮށްގެން ޓިކްޓޮކް ހެދީ ނައުފަލް ނަސީމް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ޓިކްޓޮކްތަކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ބައެއް ޓިކްޓޮކްތަކަށް ހިންދީ އަދި ދިވެހި އަޑުތައް އަމިއްލައަށް ލައިގެން އެޑިޓްކޮށްފައި ވާއިރު މި ޓިކްޓިކްތަކުގައި ނައުފަލްގެ އެކްޓު ކުރުން ވެސް މޮޅީއެވެ. https://www.tiktok.com/@naufalnaseem/video/7274090481632414977?_r=1&_t=8fPA96a8GgL އެގޮތުން އަޑާ ގުޅޭ ގޮތަށް ނައުފަލް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުކުރެއެވެ. މި ޓިކްޓޮކްތައް ބަލާއިރު ބައެއް ފަހަރު އެއީ ގާސިމްގެ ސިކުނޑިތެރޭ ހިނގާ ޚިޔާލުތައް ހުންނާނެ ގޮތޭވެސް ހިތައް އަރައެވެ. ނައުފަލްގެ ޓިކްޓޮކްތައް ގާސިމަށް ފެނުންވީ ނައުފަލްއަށް ވަރަށް "ސަޕްރައިޒް" ވި ކަމަކަށެވެ. https://www.tiktok.com/@naufalnaseem/video/7272700778538683650?_r=1&_t=8fPABzHjjpi"ވަރަށް ސަޕްރައިޒްވި އަސްލު. ހިޔެއް ނުކުރަން އެ އެއްޗިހި ގާސިމްއަށް ފެންނާނެ އެކޭ،" "ސަން"އާ ވާހަކަ ދައްކަމުން ނައުފަލް ބުންޏެވެ. އޭނާ ބުނީ ގާސިމްގެ ޓިކްޓޮކް ހަދަނީ އެއީ މިވަގުތު އެންމެ ވައިގައި ހިފަނީ ގާސިމްގެ ޓިކްޓޮކްތައް ކަމަށް ވުމުން ކަމަށެވެ. އޭނާ ބުނީ ވަރަށް ގިނަ ބައެއްގެ ސަޕޯޓު އެ ޓިކްޓޮކްތަކަށް ލިބޭކަމަށެވެ. އަދި ގާސިމް ދައްކާ ބައެއް ވާހަކަތަކުން ޓިކްޓޮކް ހެދުމަށް މީހުން އެދޭކަމަށް ވެސް ނައުފަލް ބުންޏެވެ. https://www.tiktok.com/@naufalnaseem/video/7273743287016508673?_r=1&_t=8fPAB3M94Ur އޭނާ ބުނީ އޭނާއަކީ ލިޕްސިންކް ކުރާ ޓިކްޓޮކް މީގެ ކުރިން ވެސް ހަދާ މީހެއް ކަމަށެވެ. އެގޮތުން އޭނާ ޓިކްޓޮކް ހަދަނީ ހަމައެކަނި ގާސިމްގެ އަޑުތަކަށް ނޫން ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދުގެ އަޑުފުޅު ބޭނުން ކޮށްގެން ވެސް މީގެ ކުރިން ޓިކްޓޮކް ހެދިކަމަށް އޭނާ ބުންޏެވެ. "މީ އަސްލު ހަމަ މަޖަލަކަށް ކުރާ ކަމެއް. އެއްވެސް މީހަކަށް މަލާމާތް ކޮށް އެގޮތަށް ކުރާ ކަމެއް ނޫން،" ނައުފަލް ބުންޏެވެ. ނައުފަލްގ މި މަޖަލުގައި މިފަހަރު ގާސިމް ވެސް ބައިވެރި ވެއްޖެއެވެ. ނައުފަލްގެ މަޖާ ޓިކްޓޮކްތައް ގާސިމަށް ވެސް ވީ ވަރަށް މަޖާ ކަމަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ