މަގުމަތިން ސަރުކާރު ވައްޓާލަކަށް ބޭނުމެއް ނޫން، އަމިއްލައަށް ވެއްޓޭނެ: ނަޝީދު

މަގުމަތިން ސަރުކާރު ވައްޓާލަން ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ "އަމިއްލަފުޅަށް ވެއްޓެން ތައްޔާރަށް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނުގައި ނ. މާފަރަށް ވަޑައިގެން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ހަމައެކަނި ޕާޓީގެ އިދާރީ އޮފީސް ހިންގާކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނު އުޅުއްވަނީ ވެރިކަން ބަދަލުކުރައްވަން ކަމަށާއި، ޗެއާޕާސަންގެ މަގާމަކީ ސަރުކާރު ބަދަލުކުރުމަށް ބޭނުންވާ އެންމެ ވަރުގަދަ ވަސީލަތް ކަމަށް ނަޝީދު ވިދާޅުވިއެވެ. މި މަސައްކަތް ކުރިއަށްދާނީ 2028 ގެ އިންތިޚާބުންތޯ ނުވަތަ އޭގެ ކުރިންތޯ ސުވާލު އުފެދޭއިރު، މަގުމަތީގެ ހަމަނުޖެހުންތަކެއްގެ ތެރެއިން ސަރުކާރު ވައްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް، ރައީސް މުއިއްޒުގެ އަމަލުތައް ހުރިގޮތުން ސަރުކާރު އަމިއްލައަށް ވެއްޓުމުގެ މަގަށް ކަންކަން ދަނީ ތައްޔާރުވަމުން ކަމަށް، ކުރިން ރައީސްކަމުން އިސްތިއުފާ ދެއްވި ނަޝީދު ސިފަކުރެއްވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ މަގުބޫލުކަން ޕީއެންސީ އެތެރޭގައާއި އާންމުންގެ މެދުގައި ދަށަށް ދަނީ އެމަނިކުފާނުގެ ކިބައިން ފެންނަ ބޭވަފާތެރިކަމުގެ ސިފަތަކުގެ ސަބަބުންނެވެ. އެގޮތުން ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ހުސްގޮނޑި ދައްކަވައިގެން ކަމަށްވިޔަސް، ބާރު ލިބުމާއެކު ޔާމީނަށް ބޭވަފާތެރިވެވަޑައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރިޔާސީ ޓިކެޓަށް ކުރިމަތި ނުލާން މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއެކު އެއްބަސްވުމެއް ހެއްދެވުމަށްފަހު، ފަހުން ޕީޕީއެމް އުވާލައްވައި ގައްސާން މިނިސްޓަރުކަމުން ވަކިކުރެއްވިކަން ވެސް ނަޘީދު ފާހަގަކުރެއްވިއެވެ. "އެމްޑީޕީ ނިދާ ބޭސް ކައިގެން ތިބޭނެ ލައްކަ ދުވަސް ވެއްޖެ"ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި ދައުލަތް ހިންގުމުގެ ބަދަލުގައި ރައީސް މުއިއްޒު އުޅުއްވަނީ "އިޝްގުގައި ބޭގަރާރުވެގެން" ނެވެ. އަދި ރައްޔިތުންގެ ތަނަވަސްކަމަށް ވިސްނުން ނުބަހައްޓަވައި، އާންމުންގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވިއެވެ. "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިނގަމުންދާ ގޮތުން އެމްޑީޕީ ނިންދަވާފައި ބޭއްވޭކަށް ނެތް. ރައީސް މުއިއްޒު ބޭނުންފުޅުވަނީ އަޅުގަނޑުމެންނަށް ނިދާ ބޭސް ދީފައި ބައިތިއްބަން. ލައްކަ ދުވަސް ވެއްޖެ އަޅުގަނޑުމެން މި ނިދާ ބޭހެއް ކައިގެން ނިދާތާ ވެސް،" ނަޘީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ 2028 އަށް މަޑުނުކޮށް، އެމްޑީޕީގެ ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުގެ ތަރައްގީއަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު ޗެއާޕާސަން ކަމަށް ހޮވިވަޑައިގެންފިނަމަ، ޕާޓީގެ ތެރޭގައި ޚާއްޞަ 'ޕްރޮޖެކްޓް ޑިޕާޓްމެންޓެއް' އުފައްދަވައިގެން ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރާ ވަކިން ފަށްޓަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ