ކޮލެސްޓްރޯލް ޓެސްޓް ހަދަން ފަށަންވީ ކިހާ އަވަހަކަށް؟

ހިތުގެ ބަލިތަކަކީ އާންމުކޮށް ކަންބޮޑުވާންޖެހޭ ހިސާބަށް ކަންކަން ދިޔުމުން ނޫނީ އަޅާނުލެވޭ ކަމެކެވެ. ނަމަވެސް، ކުދިކުދި އާދަތަކުގެ ސަބަބުން ސިއްހަތަށް ބޮޑެތި ބަދަލުތަކެއް ގެނެވިދާނެއެވެ. އެގޮތުން އެންމެ ފުރަތަމަ ކުރެވިދާނެ އެއް ކަމަކީ ހަށިގަނޑުގައި, 'ލޯ ޑެންސިޓީ ލިޕޯޕްރޮޓީން' (އެލްޑީއެލް) ހުރި މިންވަރު ބެލުމެވެ. ސަބަބަކީ ހިތުގެ ބަލިތައް ކުރިއަށް އޮތްތަނުގައި ޖެހިދާނެކަމުގެ ކުރީގެ ނިޝާނަކީ މިއީ ކަމަށްވާތީއެވެ. އިންޑިއާގެ ޗެންނާއީގެ ސްރީ ރާމަޗަންދްރަ އިންސްޓިޓިއުޓް އޮފް ހަޔަ އެޑިޔުކޭޝަން އެންޑް ރިސާޗްގެ ކްލިނިކަލް ނިއުޓްރިޝަނިސްޓެއް ކަމަށްވާ ސީ.ވީ. އައިޝްވަރިޔާ ބަޔާންކުރައްވާ ގޮތުގައި، ކޮލެސްޓްރޯލް ޓެސްޓް ހަދަން ފަށަންޖެހޭ އުމުރަކީ މީހާގެ ސިއްހީ ހާލަތަށް ބަލައި ކަނޑައެޅޭ ކަމެކެވެ. އާންމުކޮށް ސިއްހީ ބޮޑު މައްސަލައެއް ނެތް މީހުން އުމުރުން 20 އަހަރުވުމުން ފުރަތަމަ ޓެސްޓް ހަދަންޖެހެއެވެ. އަދި ނަތީޖާ ރަނގަޅުނަމަ ކޮންމެ ހަތަރު ނުވަތަ ހަ އަހަރަކުން މި ޓެސްޓް ތަކުރާރުކުރަން ޖެހެއެވެ. އާންމުކޮށް ސިއްހީ ބޮޑު މައްސަލައެއް ނެތް މީހުން އުމުރުން 20 އަހަރުވުމުން ފުރަތަމަ ޓެސްޓް ހަދަންޖެހޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް އަވަހަށް ޓެސްޓް ހެދުން މުހިންމުވަނީ ކީއްވެ؟ އައިޝްވަރިޔާ ވިދާޅުވާ ގޮތުގައި އެލްޑީއެލް ކޮލެސްޓްރޯލް މަތިވުމަކީ ލޭހިނގާ ނާރުތަކުގެ ފާރުގައި ކޮލެސްޓްރޯލް ތަތްވެ، ނާރުތައް ހަނިވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކާއި، ހާޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެއެވެ. އެހެންކަމުން، ކުރީބައިގައި ޓެސްޓް ހެދުމުން މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންވާ ފަރުވާ އާއި އިރުޝާދު އަވަހަށް ހޯދުމަށް މަގުފަހިވާ ކަމަށް ނިއުޓްރިޝަނިސްޓް އައިޝްވަރިޔާ ވިދާޅުވެފައިވެއެވެ. ކޮލެސްޓްރޯލް ދަށްކުރުމަށް ސިއްހަތަށް ފައިދާހުރި މިންހެޔޮ ކެއުންތަކަށް އިންސާފުކުރުމުގެ އާދަ ދެމެހެއްޓުން ވަރަށް މުހިއްމު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ކޮލެސްޓްރޯލް މަތިވުމުން ވާނީ ކިހިނެއް؟ ލޭގައި އެލްޑީއެލްގެ މިންވަރު މަތިވުމުން، އިތުރުވާ ކޮލެސްޓްރޯލްތައް ނާރުތަކުގެ ތެރެއަށް ވަދެ، ނާރުތައް ދުޅަވެ ހަރުވާން ފަށައެވެ. މިކަމުގެ ސަބަބުން ލޭ ދައުރުވުމަށް ހުރަސްއެޅި، ދިގު މުއްދަތެއްގައި ނާރުތައް ބެދި، ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ފަދަ ނުރައްކާތެރި ހާލަތްތަކަށް މީހާ ހުށަހެޅެއެވެ. ކޮލެސްޓްރޯލް ދަށްކުރާނީ ކިހިނެއް؟ އޭޝިއަން ހޮސްޕިޓަލްގެ ސީނިއަ ކޮންސަލްޓަންޓް، އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓް ޑރ. ޕްރަތީކް ޗައުދަރީ މިކަމާ ގުޅިގެން ދެއްވި ބައެއް އިރުޝާދުތަކުގެތެރޭ: 1- ހެނދުނު ހިނގުން ހަފުތާއަކު މަދުވެގެން ފަސް ދުވަހު، ދުވާލަކު 30 މިނެޓު ބާރަށް ހިނގުމަކީ ކޮލެސްޓްރޯލް ދަށްކުރުމަށާއި ހަށިގަނޑު ހަކަތަވެރިކޮށް ބެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. 2- ސެޗުރޭޓެޑް ފެޓްސް މަދުކުރުން ހެނދުނުގެ ނާސްތާގައި 'ރެޑް މީޓް' ފުލް ފެޓް ކިރުގެ ބާވަތްތައް ބޭނުންކުރުމުން ދުރުހެލިވާށެވެ. މިއީ ކޮލެސްޓްރޯލް މަތިކޮށްދޭ ބާވަތްތަކެކެވެ. 3- ޓްރާންސް ފެޓްސް ހުއްޓާލުން ކޭކާއި، ކުކީޒް އަދި ޕްރޮސެސްކޮށްފައި ހުންނަ ކާނާގައި ހިމެނޭ ޓްރާންސް ފެޓްސް އަކީ ކޮލެސްޓްރޯލަށް ވަރަށް ނޭދެވޭ އަސަރުކުރާ އެއްޗެކެވެ. 4- ފައިބަރު ގިނަ ކާނާ ބޭނުންކުރުން އޯޓްސް، ބީންސް، ޗިއާ ސީޑްސް އަދި މޭވާ ފަދަ ފައިބަރު ގިނަ ތަކެތި ކެއުމުގައި ހިމަނާށެވެ. 5- ނަޓްސް ބޭނުންކުރުން ބަދަނާއި، ވޯލްނަޓްސް އަދި ފްލެކްސްސީޑްސް އަކީ ހަށިގަނޑަށް ފައިދާހުރި އޮމެގާ-3 ފެޓީ އެސިޑްސް އެކުލެވޭ ތަކެއްޗެވެ. މީގެ ސަބަބުން ހަށިގަނޑަށް ފައިދާހުރި އެޗްޑީއެލް (ރަނގަޅު) ކޮލެސްޓްރޯލް އިތުރުކޮށްދެއެވެ. 6- ތާފަނާ ފެނުން ދުވަސް ފެށުން ހެނދުނު ހޭލައިގެން ތާފަނާ ފެންތަށްޓެއް ބުއިމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކޮށްދީ، ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ކަމެކެވެ. ޑރ. ޗައުދަރީ އިތުރަށް ވިދާޅުވީ، މިފަދަ އާދަތަކަށް ބަދަލުވުމުގެ އިތުރުން، ސިއްހީ މާހިރުންގެ ލަފާ ހޯދުމާއި ގަވާއިދުން ހިތުގެ ސިއްހަތު ޗެކްކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ކޮލެސްޓްރޯލް މަތިވުމަކީ އަޅުގަނޑުމެންނަށް ނޭނގި ހުރެ ލޭހޮޅިތަކަށް މަޑުމަޑުން ގެއްލުންދޭ ކަމެކެވެ. ދުޅަހެޔޮ، ދިރިއުޅުމުގެ އާދަތަކަށް ބަދަލުވުމާއި، ޓްރާންސްފެޓުން ދުރުހެލިވުމާއި، އަދި ގަވާއިދުން މެޑިކަލް ޗެކަޕް ހެދުމަކީ އަޅުގަނޑުމެންގެ ހިތާއި ލޭހޮޅިތަކުގެ ސިއްހަތު ރައްކާތެރިކުރުމަށް އޮތް އެންމެ ރަނގަޅު މަގުކަމަށް ސިއްހީ މާހިރުން އަންނަނީ އިރުޝާދު ދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ