ދެވަނަ ފުލައިޓުގައި 260 ޙައްޖުވެރިން ސަޢުދީއަށް

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ 2 ވަނަ ފްލައިޓު ފުރައިފިއެވެ. މިފަހަރު ޙައްޖުވެރިން ގޮވައިގެން ސަޢުދީއަށް ގޮސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެކެވެ.
ޙައްޖުގެ އަޅުކަމަށް ރާއްޖެއިން މިއަހަރު މީހުން ގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓުގައެވެ. އެގޮތުން ސަޢުދިޔާގެ 2 ފްލައިޓުގައާއި މޯލްޑިވިއަންގެ 2 ފްލައިޓުގައި ޙައްޖުވެރިން ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ ގްރޫޕް ސަޢުދިޔާގެ ފްލައިޓެއްގައި ގޮސްފައިވާއިރު ދެވަނަ ގްރޫޕްވެސް މިހާރުވަނީ ފުރާފައެވެ. މޯލްޑިވިއަންގެ ފްލައިޓުގައި 260 ޙައްޖުވެރިންވަނީ ފުރާފައެވެ. މިފްލައިޓު ރާއްޖެ ގަޑިން 07:10 ގައި ފުރާފައިވާއިރު ޖިއްދާއަށް ދެވޭނެކަމަށް ބެލެވެނީ ރާއްޖެ ގަޑިން މެންދުރު 12 ޖާހާއިރެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ސަޢުދީގެ އިމިގްރޭޝަންގެ ކަންކަން ރާއްޖޭގައި ފުރިހަމަކުރުމުގެ ފުރުސަތު ފަހިވުމާއެކު ފްލައިޓުގައި ކުރާ ދިގު ދަތުރަށްފަހު ފަސޭހަކަމާއެކު ޖިއްދާއިން މައްކާއަށް ދިޔުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ.
"ޖިއްދާއިން ގާތްގަނޑަކަށް ދޮޅު ގަޑިއިރުގެ ދަތުރަކަށްފަހު ޙައްޖުވެރިންނަށް މައްކާގެ ހޮޓަލަށްދެވޭނެ، އިރާދަކުރެއްވިއްޔާ ހޮޓަލަށް ދިޔުމަށްފަހު ހަމަޖެހިލައިގެން ޙައްޖުވެރިންގެ ޢުމްރާގެ އަޅުކަން މިއަދުގެ އެކި ވަގުތުތަކުގައި ނިމޭނެ." ޝަކީލް ވިދާޅުވިއެވެ.
ރާއްޖެއަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ލިބިފައިވާ 1000 ކޯޓާގެ ދަށުން ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓެއްގައެވެ. އޭގެތެރެެއިން 2 ފްލައިޓު މިހާރު ފުރާފައިވާއިރު، ހޯމަ އަދި އަންގާރަ ދުވަހުވެސް ޙައްޖުވެރިން ފުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ހޯމަ ދުވަހު 268 ޙައްޖުވެރިން އަދި އަންގާރަ ދުވަހު 253 ޙައްޖުވެރިން ފުރުމަށްވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ