ހޮރްމޫޒް ކަނޑުއޮޅިއަށް ބަރޯސާވުން ކުޑަކުރުމަށް ޔޫއޭއީން އާ ތެޔޮ ހޮޅިއެއްގެ މަސައްކަތް އަވަސްކުރަނީ

ހޮރްމޫޒް ކަނޑުއޮޅި ބޭނުންނުކޮށް ތެޔޮ އެކްސްޕޯޓް ކުރެވޭނެ މަގު ފަހިކުރުމަށްޓަކައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން އާ ތެޔޮ ހޮޅިއެއް އެޅުމުގެ މަސައްކަތް އަވަސްކޮށްފި އެވެ.
މި މަޝްރޫއުގެ ސަބަބުން އެ ގައުމުގެ އިރުމަތީގައި އޮންނަ ފުޖައިރާ ބަނދަރު މެދުވެރިކޮށް ތެޔޮ ބޭރުކުރެވޭ މިންވަރު ދެގުނައަށް އިތުރުވެގެންދާނެއެވެ. މިއީ ސަރަހައްދީ ނުތަނަވަސްކަމުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅިއަށް ބަރޯސާވުން ކުޑަކުރުމަށް ގަލްފުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.
އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ ނުވަތަ އެޑްނޮކްގެ އެގްޒެކެޓިވް ބައްދަލުވުމެއްގައި ވަލީއަހުދު ޝައިޚް ޚާލިދު ބިން މުހައްމަދު ބިން ޒައިދު އިއުލާން ކުރެއްވި ގޮތުގައި، ހުޅަނގުން އިރުމައްޗަށް އަޅާ މި ތެޔޮ ހޮޅީގެ މަސައްކަތް އަވަސްކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލަށް އޮތް ބޮޑު ޑިމާންޑަށް އިޖާބަދިނުމަށެވެ.
އަބޫދާބީ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި މި ހޮޅި މެދުވެރިކޮށް 2027 ވަނަ އަހަރުގެ ނިޔަލަށް ތެޔޮ ފޮނުވަން ފެށޭނެއެވެ.
ޝައިޚް ޒައިދު ވިދާޅުވީ އެޑްނޮކް އަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި އިތުބާރު ހިފޭ އަދި ޒިންމާދާރު އުފެއްދުންތެރިއެއް ކަމަށެވެ. އަދި ބާޒާރުގެ ބޭނުންތަކަށް ބަލައި، ތެޔޮ އެކްސްޕޯޓް ކުރުމުގައި ހުރި ހުރަސްތައް ނައްތާލައިގެން އުފެއްދުންތެރިކަން އިތުރުކުރުމުގެ ގާބިލުކަން އެ ކުންފުންޏަށް ލިބިގެންވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިންމުން އައިސްފައިވަނީ އެމެރިކާއާއި އިޒްރޭލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައި ޗެއިނަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާއި، އިރާނުން އެ ސަރަހައްދުގައި ކަނޑުދަތުރުފަތުރުގެ އައު އުސޫލުތަކެއް ކަނޑައެޅުމުގެ އިތުރުން، ހަކަތަ އުފައްދާ މަރުކަޒުތަކަށް ދެވޭ ހަމަލާތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކަށް ވަނީ ތެލާއި ގޭސް އެކްސްޕޯޓް ކުރުމަށް އައު މަގުތަކެއް ހޯދަން މަޖުބޫރުވެފައެވެ.
މިހާރުވެސް ޔޫއޭއީގައި 380 ކިލޯމީޓަރުގެ ދިގު އަބޫދާބީ ކްރޫޑް އޮއިލް ޕައިޕްލައިން ބޭނުންކުރަމުންދެއެވެ. މިއީ އަބޫދާބީގެ ހަބްޝާން ސަރަހައްދުން ފެށިގެން ފުޖައިރާ ބަނދަރާ ހަމައަށް އަޅާފައިވާ ހޮޅިއެކެވެ. 2012 ވަނަ އަހަރު އޮޕަރޭޓް ކުރަން ފެށި މި ހޮޅިން ދުވާލަކު 1.5 މިލިއަން ފީފާ ތެޔޮ ފޮނުވުމުގެ ގާބިލުކަން ހުރެއެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާއިންވެސް ދަނީ 1200 ކިލޯމީޓަރުގެ ދިގު އީސްޓް-ވެސްޓް ޕައިޕްލައިން ބޭނުންކުރަމުންނެވެ. މި ހޮޅި މެދުވެރިކޮށް ރަތް ކަނޑުގެ ޔަންބޫ ބަނދަރަށް ތެޔޮ ފޮނުވެއެވެ. ސައުދީ އަރަމްކޯގެ އިސްވެރިޔާ އަމީން ނާސިރު ވަނީ މިއީ އެ ގައުމުގެ އިގްތިސާދުގެ މައިނާރު ކަމަށް ސިފަކުރައްވާފައެވެ.
ގަލްފުގެ ގައުމުތަކުގެ ތެރެއިން އޮމާނަކީ ހޮރްމޫޒް ކަނޑުއޮޅިން ބޭރުގައި ދިގު އައްސޭރިފަށެއް އޮންނަ ގައުމެކެވެ. ނަމަވެސް ކުވެއިތު، އިރާގު، ގަތަރު އަދި ބަހްރޭނަކީ އެ ގައުމުތަކުގެ ވިޔަފާރިއަށް މުޅިންހެން ހޮރްމޫޒް ކަނޑުއޮޅިއަށް ބަރޯސާވާންޖެހޭ ގައުމުތަކެވެ.
މިދިޔަ މަހު ޔޫއޭއީއިން ވަނީ އޯޕެކް ޖަމިއްޔާއިން ވަކިވާނެކަން އިއުލާންކޮށްފައެވެ. އެ ގައުމުން ބުނި ގޮތުގައި މި ނިންމުމަކީ ގައުމީ މަސްލަހަތު އިސްކުރުމަށާއި، ދިގު މުއްދަތުގެ އިގްތިސާދީ ތަސައްވަރު ހާސިލުކުރުމަށް ނިންމި ނިންމުމެކެވެ. އައު ތެޔޮ ހޮޅީގެ މަޝްރޫއަކީވެސް މި ތަސައްވަރުގެ ދަށުން، ހަކަތަ އެކްސްޕޯޓް ކުރުމުގައި ހުރި ރިސްކުތައް ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ