ޔުގެންޑާއާއި ކޮންގޯގައި އެބޯލާ ފެތުރޭތީ ޑަބްލިޔުއެޗްއޯއިން ކުއްލި ހާލަތު އިއުލާނުކޮށްފި
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ(ޑިއާރްސީ) އާއި ޔުގެންޑާގައި އެބޯލާ ފެތުރޭތީ އެއީ ބައިނަލްއަގްވާމީ ކަންބޮޑުވުންތަކެއް ހުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އިއުލާނުކޮށްފިއެވެ. ޑަބްލިއުއެޗްއޯ އިން ބުނީ ބުންޑިބުގިއޯ ވައިރަސްގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމަކީ ސިއްޙީ ކުއްލި ހާލަތުގެ މިންގަނޑުތަކަށް ނުފެތޭ ބަލިމަޑުކަމެއް ނަމަވެސް ޑީއާރުސީއާ ބޯޑަރުތައް ހިއްސާކުރާ ގައުމުތަކަށް އިތުރަށް ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށް ބުނެފައެވެ. އދ ގެ ހެލްތު އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ޑީއާރުސީގެ އިޓޫރީ ޕްރޮވިންސްގެ ތިން ސިއްހީ ޒޯނެއްގައި އެ ބަލި ޖެހިގެން 80 މީހަކު މަރުވެފައިވާ ކަމަށް ބެލެވޭއިރު، ލެބޯޓްރީން ކަށަވަރުވެފައިވާ އަށް ކޭސް އަދި 246 ޝައްކު ކުރެވޭ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ޑީއާރްސީގެ ސިއްޙަތާބެހޭ ވުޒާާރާއިން ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި އެބޯލާ ޖެހިގެން 80 މީީހުން މަރުވެފައި ވަނީ އިރުމަތީ ޕްރޮވިންސުންނެވެ. ފުރަތަމަ ސާމްޕަލްތަކުގެ ޕޮޒިޓިވިޓީ ރޭޓް މަތިވުމާއި، ޝައްކުކުރެވޭ ކޭސްތައް ރިޕޯޓްކުރާ އަދަދު އިތުރުވުމުން، މިހާރު ފާހަގަކުރެވި ރިޕޯޓްކުރާ މިންވަރަށްވުރެ މާ ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. އެބޯލާ ޒައިރޭ ސްޓްރޭންސްތަކާ ހިލާފަށް ބުންޑިބުގިއޯ ވައިރަސްއަށް ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިންތަކެއް ފާސްކޮށްފައި ނުވާތީ މި ބަލި ފެތުރިފައިވަނީ "އާދަޔާ ހިލާފު" ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. ޑީއާރުސީ-ޔޫގަންޑާގެ ބަލިމަޑުކަމަކީ އެހެން ގައުމުތަކަށް އާންމު ސިއްހަތަށް ނުރައްކާވާ ކަމެއް ކަމަށާއި ބައިނަލްއަގްވާމީ ގޮތުން ފެތުރިފައިވާ މިފަދަ ބައެއް މައްސަލަތަކުގެ ލިޔެކިޔުންތަކެއް މިހާރުވެސް ހުރި ކަމަށް އެ އިދާރާއިން ބުނެއެވެ. ޔުގެންޑާގެ ވެރިރަށް ކަމްޕާލާއަށް ޑީއާރުސީން ދަތުރުކުރި ދެ މީހުންނަށްވެސް އެ ބަލި ޖެހިފައިވާ ކަމަށާއި އޭގެތެރެއިން އެކަކު މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެއެވެ. އެބޯލާ ރޯގާ ޖެހުމުން ވަރަށް ގަދައަށް ހުން އައިސް، ބަލީގައި އެންމެ ހާލު ބޮޑުވާއިރު، ހަށިގަނޑުން ލޭ ފޭބުމުގެ މައްސަލަ ކުރިމަތިވެ އެވެ. އެބޯލާ އެންމެ ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނަގުލުވަނީ، ބަލި ޖެހިފައިވާ މީހާގެ ލޭގެ ޒަރީއާއިންނާއި، ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި އަދި ކުޅާއި ޖިންސީ ދިޔައިގެ ޒަރީއާއިންނެވެ. އެބޯލާ ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑު މީހުންނަކީ، އެބަލި ޖެހިފައިވާ މީހުންނާ އެކުގައި ދިރިއުޅޭ މީހުންނާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި އުޅޭ ސިއްޙީ ހިދުމަތްތެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ