އިންޑިއާ ރުޕީސްގެ އަގު ހިފަހައްޓަން ރިހި އެތެރެކުރުން ކޮންޓްރޯލްކޮށްފި

އިންޑިއާގެ ފައިސާ، ރުޕީސްގެ އަގު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ބޭރު ފައިސާގެ ރިޒާވް ރައްކާތެރިކުރުމުގެ ގޮތުން، އެކި ބާވަތްބާވަތުގެ ރިހި އެތެރެކުރުން އެ ގައުމުން ވަގުތުން ހިފަހައްޓައިފި އެވެ.
އިންޑިއާ ސަރުކާރުން އިއްޔެ ނެރުނު އަމުރެއްގައިވާ ގޮތުން، %99.9 ސާފު ރިއްސާއި ރިހީގެ ބައެއް އުފެއްދުންތައް އެތެރެކުރުން މިހާރު ވަނީ ހުއްދަ ހޯދައިގެން އެތެރެކުރަންޖެހޭ ތަކެތީގެ ތެރޭގަ އެވެ. މިދިޔަ މާލީ އަހަރު އިންޑިއާއަށް އެތެރެކުރި ރިހީގެ %90އަށް ވުރެ ގިނައީ މި ބާވަތްތަކެވެ.
މި ފިޔަވަޅަކީ ތެލުގެ އަގު އުފުލުމާއި ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ރަނާއި ރިހިން ނަގާ އިމްޕޯޓް ޑިއުޓީ %6 އިން %15އަށް ބޮޑުކުރުމަށް މިދިޔަ ހަފުތާގެ ކުރީކޮޅު އިންޑިއާ ސަރުކާރުން ނިންމި ނިންމުމަށް ފަހު އެޅި އިތުރު ފިޔަވަޅެކެވެ.
އަމްރަޕާލީ ގްރޫޕް ގުޖުރާތުގެ ޗީފް އެގްޒެކެޓިވް ޗިރާގް ތައްކަރް ވިދާޅުވި ގޮތުގައި، މި ނިންމުމުގެ ސަބަބުން ރިހި އެތެރެކުރާ މިންވަރު މަދުވެ، އެ ގައުމުގެ ބާޒާރުގައި ރިހި ލިބުން ދަތިވާނެ އެވެ. އަދި ޑިއުޓީ ބޮޑުކުރުމާ ގުޅިގެން އަގު ހެޔޮކޮށް ލިބެން ހުރި ރިހީގެ އަގު، ކުރިއަށް އޮތް ހަފުތާތަކުގައި އުފުލިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ދުނިޔޭގައި އެންމެ ގިނައިން ރިހި ބޭނުންކުރާ އިންޑިއާއިން 2025/26 މާލީ އަހަރު 12 ބިލިއަން ޑޮލަރުގެ ރިހި އެތެރެކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު އެތެރެކުރި 4.8 ބިލިއަން ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ މަހު އެކަނި އެތެރެކުރި ރިހީގެ މިންވަރު ވެސް ވަނީ އޭގެ ކުރީ އަހަރުގެ އެ މަހާ އަޅާބަލާއިރު %157 އިތުރުވެ، 411 މިލިއަން ޑޮލަރަށް އަރާފަ އެވެ.
ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ރިހި މަދު މިންވަރަކަށް އެތެރެކުރުމުގެ ފުރުސަތު ސަރުކާރުން ދިން ނަމަވެސް، އިންވެސްޓްމަންޓްގެ ބޭނުމަށް ރިހި ގަތުން ހުއްޓުވުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އިންޑިއާއަށް އެންމެ ގިނައިން ރިހި އެތެރެކުރަނީ ޔޫއޭއީ، އިނގިރޭސިވިލާތް އަދި ޗައިނާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ