ފެނަކަ އިން އެސްޓީއޯ އަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން އެއް ބިލިއަން ރުފިޔާ މިހާރު ދައްކާފައިވާ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ދޫސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓުގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީ މާލީ ރިޕޯޓު ހުށަހަޅައި ދެއްވަމުން ޝިމާދު ވިދާޅުވީ، ފެނަކަ އިން ލިބެންޖެހޭ ފައިސާ ނުލިބި އޮތުމަކީ ކޮންމެ އަހަރެއްގައި ވެސް ހިއްސާދާރުންގެ ކަންބޮޑުވުންތައް އޮތް މައްސަލައެއް ކަމަށެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް އޮފީހާއި ފިނޭސް މިނިސްޓްރީއާ ގުޅިގެން ކުރި މަސައްކަތުން ފެނަކައިން ދައްކަން ޖެހޭ ފައިސާއިން އެއް ބިލިއަން ރުފިޔާ މިހާރު އެސްޓީއޯ އަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އަށް ފެނަކަ ދަރާފައި ވަނީ ތެލަށް ނުދައްކާ ހުރި ފައިސާގެ ސަބަބުންނެވެ. މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެސްޓީއޯގެ އެމްޑީ ޝިމާދު ވަނީ އެ ކުންފުންޏަށް ފެނަކައިން 1.9 ބިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް ވިދާޅުވެފަ އެވެ.
ޝިމާދު ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން ފެނަކަ އިން އެސްޓީއޯ އަށް ތެލަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމަށެވެ. އަދި ފެނަކައިން ފައިސާ ނުދައްކާ އޮތުމުން އެކަމުގެ ދަތިތައް ކުރިމަތިވަމުންދާ ކަމަށް އޭރު ވިދާޅުވި އެވެ.
މިދިޔަ އަހަރުތަކުގައި ހިއްސާދާރުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ އިތުރު މައްސަލައެއްގެ ގޮތުގައި އެސްޓީއޯ ހުޅުމާލެ ހޮޓާ މަޝްރޫއު އޮތް ކަމަށާއި އެކަމަށް ވެސް ރަނގަޅު ހައްލެއް ހޯދިފައިވާ ކަމަށް ޝިމާދު ރޭ ވިދާޅުވި އެވެ. އެގޮތުން އެ ޕްރޮޖެކްޓުގެ އަގަށް ވާވަރަށް ހުޅުމާލެ 2 އިން 16 ވަނަ ޓަވަރާ ދިމާލުން 41،000 އަކަފޫޓުގެ ބިމެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ޝިމާދު ވަނީ އެސްޓީއޯގެ ހިއްސާދާރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަދި ހިޔާލުތައް އެ ކުންފުނިން އަޑުއަހާ ކަމަށާއި އެ ކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.
ފެނަކައިން އެސްޓީއޯއަށް އެއް ބިލިއަން ރުފިޔާގެ ދަރަނި ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ