އެމެެރިކާއާއި ޗައިނާގެ ސަމިޓްގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ވާހަކައެއް ނެތް، މިވީ ކިހިނެތް؟
އެމެރިކާއާއި ޗައިނާގެ ރައީސުންގެ ސަމިޓް، ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން މާބޮޑު ކުރިއެރުމެއް ނުލިބި އިއްޔެ ނިންމާލިއިރު އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހުޅަނގުން ގެންގުޅޭ ޝިއާރުތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ޗައިނާ އާ ދެކޮޅަށް ބޭނުންކުރުމުގެ ފުރުސަތު ވެސް ނުލިބި މިފަހަރުގެ ސަމިޓް ވަނީ ނިންމާލަން ޖެހިފައެވެ. މި ސަމިޓަށް އެމެރިކާގެ ރައީސް ދިޔައީ އެމެރިކާގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ވެރިންނާއި އެމެރިކާ ސަރުކާރުގެ އިސް ސިޔާސީ ފަރާތްތައް ހިމެނޭ ބޮޑު ވަފްދަކާ އެކުގައެވެ. ނަމަވެސް އެބޭފުޅުންނާ އަދި އެކުންފުނިތަކުގެ ހައިބަތާ ގުޅޭވަރުގެ އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ޓްރަމްޕާއި ޝީ ޖިންޕިންގެ ސަމިޓް ނިމިގެން ދިޔައީ ދުނިޔޭގެ ސިޔާސީ އަދި ސްޓްރެޓީޖިކް ކަންކަމުގައާއި އެމެރިކާއާއި ޗައިނާގެ އިގްތިސާދީ ގުޅުންތަކުގައި މާބޮޑު ކުރިއެރުންތަކެއް ހާސިލްވާފަދަ ނިންމުންތަކަކަށް އެ ދެބޭފުޅުން އެއްބަސްވެ ވަޑައިގެން ނޫންކަން ޚަބަރުތަކާއި ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ. ޓްރަމްޕް އެންމެ އިސްކަން ދެއްވި އެއްކަމަކީ އެމެރިކާއާއި ޗައިނާގެ ވިޔަފާރި, ޗައިނާކޮޅަށް ބުރަވެފައިވާ ބުރަވުން ކުޑަކުރުމަށެވެ. މިކަމަށްޓަކައި ޗައިނާއިން އެމެރިކާއިން އެތައް ސަތޭކަ ބިލިޔަން ޑޮލަރުގެ ތެޔޮ ގަތުމަށާއި އެމެރިކާގައި އުފައްދާ ބޮއިންގް މަރުކާގެ ފަސިންޖަރު މަތިންދާބޯޓުގެ 200 ބޯޓު ގަތުމަށް ޓްރަމްޕް ޗައިނާއަށް ބާރު އެޅުއްވިއެވެ. އަދި މިކަމަށް އެދި ޓްރަމްޕް ޗައިނާއަށް އިލްތިމާސް ވެސް ކުރިއެވެ. ނަމަވެސް މިއިންވެސް ކަމަކާ ބެހޭ އެއްބަސްވުމެއްގައި އެމެރިކާއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައެއް ނުވެއެވެ. މުރާސިލުން ބުނާގޮތުގައި އެއްބަސްވިކަމެއްގައި އެމެރިކާއާއި ޗައިނާގެ މަސްއޫލުވެރިން އެއްބަސްވީ އަނގަބަހުންނެވެ. ގާނޫނީ ހައިސިއްޔަތެއް އޮތް އެއްބަސްވުމެއްގައި ސޮއިކުރާ މަންޒަރު ފެނިފައެއް ނުވެއެވެ. އީރާނާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ހަނގުރާމާގައި ވެސް ދެފަރާތުގެ މެދުގައި ކުރިން އެއްބަސްނުވާކަމެއްގައި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް ޗައިނާ ގޮވާލިއެވެ. ނަމަވެސް އެއާއެކު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެސް ގޮވާލިއެވެ. އަދި އެމެރިކާ ފަށާފައިވާ ހަނގުރާމައަކީ ޣައިރު ގާނޫނީ ހަނގުރާމައެއް ކަމަށް ޗައިނާ ސިފަކުރިއެވެ. ޓައިވާންގެ މައްސަލާގައި ޗައިނާގެ ރައީސް ނެންގެވީ ވަރަށް ހަރުކަށި ސްޓޭންޑެކެވެ. އެއީ ޓައިވާނަށް ހަތިޔާރު ދޭނަމަ ޗައިނާއާ އެމެރިކާގެ ގުޅުންތައް ގޯސްވާނެކަމުގެ މެސެޖެވެ. ގުޅުންތައް ގޯސްވެ ދެ ގައުމު އަސްކަރީ ގޮތުން ކުރިމަތިލާން ޖެހޭ ހިސާބަށް ވެސް ކަންތައް ހިނގައިދާނެކަމުގެ މެސެޖެވެ. މި މެސެޖަށް ޓްރަމްޕް ރައްދެއް ނުދެއްވައެވެ. ހުރީ ހިމޭނުންނެވެ. އެ ނޫން މައްސަލަތައް ކަމަށްވާ އެމެރިކާގައި އުފައްދާ ހައިޓެކް އުފެއްދުންތައް ކަމަށްވާ އިލެކްޓްރޯނިކް ޗިޕްސް އާއި ސެމިކޮންޑަކްޓާސް ފަދަ ތަކެތީގެ ޓެކްނޮލޮޖީ ޗައިނާއަށް ދިނުން މަނާކޮށްފައި އޮތް އޮތުމާ ބެހޭ ގޮތުން ވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އަނެއްކޮޅުން ޗައިނާގައިވާ ނާދިރު މައުދަންތައް އެމެރިކާއަށް ފޯރުކޮށް ދިނުމަށް ޗައިނާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހުރަސްތައް ވެސް ސަމިޓުން ނައްތައެއް ނުލެވުނެވެ. މިކަންކަންވެސް އޮތީ ކުރިންވެސް އޮތް ގޮތަށެވެ. ފާހަގަ ކޮށްލެވުނު އަނެއްކަމަކީ ކުރީގެ ސަމިޓްތަކާ ޚިލާފަށް އިންސާނީ ހައްގުތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ އަދި ޑިމޮކްރަސީ ފަދަ ޝިއާރުތައް ސިޔާސީ ހަތިޔާރަކަށް ހަދައިގެން އެކަމުގައި ޗައިނާ ކުށްވެރިކޮށް ޗައިނާއަށް ޕްރެޝަރުކުރުމުގެ ފުރުސަތު އެމެރިކާއަށް މިފަހަރު ނުލިބުނު ކަމެވެ. ޔަހޫދީންނާއި މަހުޖަނުންނާއި އަދި ކުންފުނިތަކުން ކޮންޓްރޯލް ކުރާ ހުޅަނގުގެ މިޑީއާތަކުން ވެސް ވަނީ މިކަން ފާހަގަކޮށްފައެވެ. ސަމިޓްގެ ކުރިން ޗައިނާ ވަނީ އިންސާނީ ހައްގުތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ އަދި ޑިމޮކްރަސީގެ ޝިއާރުތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ޗައިނާއާ ދެކޮޅަށް ބޭނުންކުރުމުގެ ފުރުސަތު ނުދޭނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. މި ބަޔާން ނެރުނީ އެމެރިކާގައި ހުންނަ ޗައިނާގެ އެންބަސީންނެވެ. އެހެންކަމުން ޓްރަމްޕާއި ޝީ ގެ ސަމިޓްގެ އެޖެންޑާގައި މިކަންކަން ހިމަނާފައެއް ނުވެއެވެ. އިންސާނީ ހައްގުތަކާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އަދި ޑިމޮކްރަސީގެ ޝިއާރުތަކަކީ އެމެރިކާ ދުނިޔޭގެ އެހެން ގައުމުތަކަށް ޑިކްޓޭޓްކުރުމަށާއި ސިޔާސީ އެމެރިކާ ބޭނުންވާ މަގްސަދުތައް ހާސިލް ކުރުމަށް ވެޕަނައިޒް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދާ ކާޑެކެވެ. ކުރިން ޗައިނާއާ ދެކޮޅަށް ސިޔާސީ ބޭނުމުގައި މި ހަތިޔާރު ވަރުގަދައަށް ބޭނުންކޮށްފައިވެއެވެ. ނަމަވެސް ޗައިނާ މިހާރު ހުރިހާ ގޮތަކުން ވެސް ވަނީ ބާރުގަދަވެފައެވެ. އެމެރިކާއާއި ޗައިނާގެ ޓްރޭޑް ބެލެންސް ކުޑަކުރުމާއި ނާދިރު މައުދަންތައް ހޯދުންފަދަ ކަންކަމުގައި ޗައިނާގެ އެހީއަށް އެދެން އެމެރިިކާ ޖެހިފައިވާތީ މިފަދަ ޝިއާރުތައް މިހާރު ޗައިނާއާ ދެކޮޅަށް ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށް ވަނީ ގެއްލިފައެވެ. މިކަން ހުޅަނގުގެ މުހައްލިލުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް އެމެރިކާއަށް ޕްރެޝަރު ކުރެވޭ ހާލަތުގައި ގިނަ ގައުމުތައް އަދިވެސް އޮތުމުން އެމެރިކާއާ އިދިކޮޅު ސިޔާސަތު ގެންގުޅޭ ގައުމުތަކާ ދެކޮޅަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި މި ޝިއާރުތައް އަދިވެސް އެމެރިކާއާއި ޔޫރަޕް ބޭނުންކުރަމުން ގެންދެއެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަކީ އިންސާނީ ހައްގުތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އަދި ޑިމޮކްރަސީގައި ދެފުށްދެގޮތް ސިޔާސަތުތަކެއް ގެންގުޅޭ ގައުމުތަކެކެވެ. އިސްރާއީލުން ނޫނީ ގަލްފުގެ ގައުމުތައް ފަދަ ހުޅަނގުގެ ރުހުން އޮންނަ ގައުމުތަކުން ފާޅުގައި މިކަންކަމަށް އަރައިގަންނަ އިރު ވެސް އެކަމާ އަޅައެއް ނުލައެވެ. އޭގެ ބަދަލުގައި ނުރުހޭ ގައުމެއްނަމަ މިކަންކަން ފާހަގަކޮށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އެ ޝިއާރުތައް ނަގައި އެ ގައުމުތަކަށް ޑިކްޓޭޓް ކުރުމަށާއި ޕްރެޝަރުކުރުމުގައި ބޭނުންކުރަމުން ގެންދެއެވެ. ގަލްފުގެ ގައުމުތަކުގައި ޑިމޮކްރަސީ ނެތް އިރުވެސް ހުޅަނގުގެ އެއްވެސް ގައުމަކުން މި ވާހަކައެއް ނުދައްކާނެއެވެ. ނަމަވެސް ރަޝިއާއާއި އީރާނާ މުއާމަލާތްކުރާއިރު ހުޅަނގުގެ ސްޓޭންޑް މުޅިން ތަފާތެވެ. ހުޅަނގުގެ ގައުމުތަކުގައި ވެސް އިސްރާއީލާ ދެކޮޅަށް ނޫނީ ޒަޔަނިސްޓް ލޮބީތަކާ ދެކޮޅަށް ޚިޔާލު ފާޅުކޮށް މުޒާހަރާކުރާނަމަ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެކަންކުރާ ބަޔަކު ހައްޔަރުކޮށް އެކަން ހުއްޓުވަމުން ގެންދެއެވެ. އެމެރިކާގައި އިސްރާއީލާ ދެކޮޅަށް ޔުނިވާސިޓީތަކުގެ ދަރިވަރުން މުޒާހަރާކުރުމުން ޔުނިވާސިޓީތަކަށް ފުލުހުން ވަދެގަނެ ބާރުގެ ބޭނުންކޮށްގެން އެކަންކަން ހުއްޓުވާފައިވެއެވެ. އެމެރިކާގެ ޔުނިވާސިޓީތައް ބަންދުކޮށް ދަރިވަރުންނާއި ޕްރޮފެސަރުން ހައްޔަރުކުރުމުގެ އެތަށް ޖަރީމާތަކެއް އެމެރިކާގެ ސަލާމަތީ ބާރުތަކުންވަނީ ހިންގާފައެވެ. އިނގިރޭސިވިލާތާއި ޖަރުމަނު ފަދަ ގައުމުތަކުގައިވެސް އިސްރާއީލާ ދެކޮޅަށް ކުރާ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ހުއްޓުވައި މުޒާހަރާވެރިން ހައްޔަރުކުރުމަކީ އާންމުކަމެކެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ބަލާއިރު ޗައިނާއާއި ރަޝިއާ ފަދަ ގައުމުތަކުގައި ސްޓޭޓް ކޮންޓްރޯލްޑް މީޑީއާ ތައް އޮންނަކަމަށް ހުޅަނގުން ބުނާއިރު ހުޅަނގުގެ މީޑީއާތަކުގެ އޯނަރުންނަކީ ޔަހޫދީ މަހުޖަނުންނާއި މުއްސަނދި ކުންފުނިތަކެވެ. އެހެންކަމުން އިސްރާއީލާ ގުޅޭ ކަމެއްގައި މިނިވަންކަމާއެކު ހުޅަނގުގެ މީޑިއާތަކަށް ޚަބަރުތައް ގެނަސް ނުދެވޭކަން ޣައްޒާގައި އިސްރާއީލު ހިންގާ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ އަމަލުތައް ހުޅަނގުގެ މީޑިއާ ތަކުން ކަވަރުކުރާ ގޮތުންވަނީ ހާމަވެގެން ގޮސްފައެވެ. އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ގޮވާލާ ޔޫރަޕްގެ ގައުމުތަކާއި ކެނެޑާގެ ލީޑަރުންވެސް ދާދިފަހުންވަނީ ޗައިނާއަށް ވަޑައިގެން ވިޔަފާރީގެ އެކި ޑީލްތަކާއި އެއްބަސްވުންތައް ޗައިނާއާއެކު ހަދާފައެވެ. އެބޭފުޅުންވެސް ކުރިޔާ ޚިލާފަށް އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް ޝިއާރެއް ޗައިނާއާ ދެކޮޅަށް ބޭނުން ކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ