އުސޫލުތައް ތަންފީޒް ކުރުމުގައި ޓޫރިޒަމް މިނިސްޓްރީން މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހޭ: ޑައިވާޒް އެސޯސިއޭޝަން

ޑައިވިން ސިނާއަތް ރެގިއުލޭޓް ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ޓޫރިޒަމް މިނިސްޓްރީން ޑައިވިން ސެންޓަރުތަކުގެ އިންސްޕެކްޝަންތަކާއި އުސޫލުތައް ތަންފީޒުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް މޯލްޑިވްސް ޑައިވާޒް އެސޯސިއޭޝަނުން ގޮވާލައިފި އެވެ. 
މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި ހާދިސާއެއްގައި އިޓަލީގެ ފަސް ޑައިވަރުން ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ކަނޑުއަޑީގެ ހޮހޮޅައެއް ކައިރިން ފެނިފައިވާ އިރު، ބާކީ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 
އެ ހާދިސާއާ ގުޅިގެން ޑައިވާޒް އެސޯސިއޭޝަންގެ ވަގުތީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ ޓޫރިޒަމް މިނިސްޓްރީގެ މަސްއޫލިއްޔަތު އަދާކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި މި ދާއިރާގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.
އޭގެ އިތުރުން، ކަމާ ބެހޭ ފަރާތްތަކުން ހަގީގަތް ހޯދުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، އާންމުންނާއި ޑައިވިން ދާއިރާގެ މީހުން ހަގީގަތާ ހިލާފު ވާހަކަ ނުދެއްކުމަށް އެ ޖަމިއްޔާއިން އިލްތިމާސްކޮށްފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އާއި އަމިއްލަ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ޑައިވާޒް އެސޯސިއޭޝަނުން ވަނީ ބަލައިގެންފަ އެވެ. ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކު ވެސް މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އެ ޖަމިއްޔާއިން ޝުކުރު އަދާކޮށްފައިވެ އެވެ. 
މި ހިތާމަވެރި ހާދިސާއަކީ ޑައިވިންގެ ރައްކާތެރިކަމުގެ މިންގަނޑުތަކާއި، ތަމްރީނާއި، އަދި ކުއްލި ހާލަތްތަކަށް ތައްޔާރުވެފައި އޮތުމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ. ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޑައިވިން މަންޒިލަކަށް ވެފައިވަނީ މި ދާއިރާގައި އޮތް ހަރުދަނާ އުސޫލުތަކުގެ ސަބަބުން ކަމަށާއި، އެ މިންގަނޑުތައް ދެމެހެއްޓުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ޑައިވާޒް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ޑައިވަރުން ތިބި ސަފާރީގެ ލައިސެންސް މުއްދަތެއް ނެތް ގޮތަށް ހިފަހައްޓައިފަ އެވެ. އެ ފިޔަވަޅު އެޅީ ހާދިސާގެ ސީރިއަސް ކަމުގެ ސަބަބުން އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ