3 ރައީސުންގެ ބައްދަލުވުމާއެކު ސަރުކާރުގެ ރައްދު: "ލަދެއް ވެސް ނެތީ"

ޚިޔާލުތަފާތުވުން ބޮޑު ކުރީގެ ތިން ރައީސުން ކަމަށްވާ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، މުހައްމަދު ނަޝީދާއި އަބްރާހީމް މުހައްމަދު ޞާލިޙު އެކުގައި ބައްދަލުކުރައްވައި މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ނިންމެވުމާ ގުޅިގެން ސަރުކާރުގެ އިސް ބޭފުޅުން ރައްދު ދެއްވައި، ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. https://sun.mv/222035 އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ތިން ރައީސުންގެ ވެރިކަމުގައި ކުރެއްވި ކަމަށް ތުހުމަތުކުރައްވައި ބައެއް ކަންކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި، ދިރާގާއި ފެން ކުންފުނީގެ ހިއްސާ ވިއްކާލުމާއި، ސްޕްރީމް ކޯޓްގައި ތަޅު އެޅުވުމާއި، އަބުދުاللہ ގާޒީ ހައްޔަރުކުރުމާއި، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ އިތުރުން ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި ކަނޑު ވިއްކާލުން އަދި ވެންޓިލޭޓަރުގެ ވައްކަން އެމަނިކުފަނު ފަހަގަކުރެއްވިއެވެ. މިހިރަ ހުރިހައި ކަމެއް ވެސް ތިން ރައީސުންނަށް މިހާރު "އޯކޭ" ކަމަށް ވިދާޅުވެ އަދުރޭ ފާޑުވިދާޅުވިއެވެ. މީ އަދި ކުޑަ މިންވަރެއް. ކުރިންކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ https://x.com/banafsaa/status/2055357528968733024 ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ތިން ރައީސުން އެއްބަސްވެވަޑައިގަތް ލިޔުމުގައި، ޝަރުއީ ދާއިރާއާއި، މަޖިލީހުގެ މިނިވަންކަމާއި، އިގްތިސާދީ ހާލަތު ރަނގަޅު ކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތުމުން "އަންނަނީ ހިނި" ކަމަށެވެ. ނަޝީދު ވަނީ ގާޒީއެއް ވަގަށް ނަގައި ޖަލަށްލުމަށްފަހު ކޯޓުތަކުގައި ތަޅު އެޅުވާފައި ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ކޯޓުތައް އަންދާލައި، ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލައި އެމްއެންބީސީގެ ވައްކަމާއި ސާކް ސަމިޓްގެ ވައްކަން ވެސް ކުރެއްވި ކަމުގެ ތުހުމަތު ކުރެއްވިއެވެ. އަދި ޔާމީން ވަނީ ކޯޓުގެ ޓިނު ނަގައި، ގާޒީންނަށް ބިރު ދައްކާފައި ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެއްސަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ "ހ. ދަވާލިއަށް" ބަލައިލުމުން ވެސް ދައުލަތުން ވަގަށް ނެގި ފައިސާގެ ކުޑަކުޑަ މިންވަރެއް ފެންނާނެ ކަމަށެވެ. ހަމައެއާއެކު ބާރަ މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރުކުރައްވައި، ނޫސްވެރިންގެ "އަނގަމަތީ ޓޭޕް އެޅި" ކަމަށާއި، އަމިއްލަ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާ އަނިޔާކުރެއްވި ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ. https://x.com/IbrahimFalahR/status/2055341966649606152 ހަމައެއާއެކު ރައީސް ޞާލިޙު ޖެއްސެވީ ގައުމު ދަރަނި ދަންތުރައެއްގައި ކަމަށް ފަލާހު ވިދާޅުވިއެވެ. އެގޮތުން 60 ބިލިޔަން ރުފިޔާއިން ގައުމު ދަރުވާލައި، "ނޭވާ ހޮޅިން" ވައްކަން ކުރެއްވި ކަމަށާއި، ބަދަލުގެ ގޮތުގައި ދެ ބިލިޔަން ރުފިޔާގެ ވައްކަން ހިންގި ކަމަށް ވިދާޅުވިއެވެ. އަދި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް، ސްޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ވަކިކޮށް، ހައި ކޯޓުގެ ގާޒީން ވަކިކުރުމުގެ އިތުރުން ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ވިއްކާލީ ވެސް ހަމަ ފައިސާއަށް ކަމަށް ތުހުމަތުކުރެއްވިއެވެ. ފަލާހު ވިދާޅުވީ އެއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން އެ ތިން ރައީސުން ވެސް ކަންކުރި ގޮތުގެ ކުޑަ މިންވަރެއް ކަމަށެވެ. ދެން އެބޭފުޅުން ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭނެ މިންވަރާ މެދު ސުވާލު އުފައްދަވައި ފަލާހު ވިދާޅުވީ އެބޭފުޅުންގެ އޮތީ ހުސް އަމިއްލަ އެދުން ކަމަށެވެ. ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތް ތިން ބޭފުޅުން. ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާށޭ ކިޔާ ބޭއްވި ނޫސް ކޮންފަރެންސްގައި ވެސް ނޫސްވެރިން ސުވާލު ކުރަންޖެހުނީ މި ބޭފުޅުން އެދޭ ގޮތަށް. އެހެން ނޫނީ ހުއްޓުވާލީ. ޔާމީން ވެރިކަމުގައި ނޫސްވެރިޔާ ރިލްވާނާއި ޔާމީން މަރާލި ވާހަކަ ދެއްކީމަ ގޯސް. މި މަރުތަކުގެ ތަހުގީގު އިބޫ ނުކުރި ވާހަކަ ބުނީމާ ގޯސް. އަބުދުﷲ ގާޒީ ހައްޔަރު ކުރި ވާހަކަ ދެއްކުން ގޯސް. ދެން މި މީހުނަށް ހޯދައި ދެވޭނީ ކޮން މިނިވަންކަމެއްތޯ؟ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހަމައެއާއެކު ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ ތިން ރައީސުން އެކުގައި މަސައްކަތްކުރައްވަން ނިންމެވުމާއެކު ފާޑުވިދާޅުވެފައެވެ. ރައީސް ޞާލިޙުގެ ސަރުކާރުގެ ބޮޑު ބައެއްގައި ރައީސް ޔާމީން އޮންނަވަން ޖެހިވަޑައިގަތީ ޖަލުގައިކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެމަނިކުފާނު ޖަލަށް ލެއްވި ކަމަށެވެ. ފަހަރުގައި ކުރީގެ ކަމަކަށް ވީތީ ހަނދުމަފުޅު ނެތީކަމަށް ވެދާނެ ކަމަށް ވިދާޅުވެ މުންދު ވެސް ވަނީ ފާޑުވިދާޅުވެފައެވެ. ދޫނިދޫގައާއި އާރަށުގައި ވެސް އެމަނިކުފާނު ބަންދުކޮށްގެން ގެންގުޅުއްވި ކަމަށާއި، އޭރު އޭނާ ވެސް އެމަނިކުފާނުގެ އަރިހުގައި މަސައްކަތްކުރެއްވީތީ، އެކަންކަން ހިނގައި ދިޔަ ގޮތާއި، އާއިލާއަށް ކުރި އަސަރު އަމިއްލަފުޅަށް ކިޔައިދެއްވި ކަމަށް މުންދު ވިދާޅުވިއެވެ. މުންދު ވިދާޅުވި ގޮތުގައި ޔާމީން، ކަންކަން ހަނދުމަފުޅު ނެތޭލެއް އަވަހީއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ އެމްޑީޕީގެ ކުރީގެ ދެ ރައީސުންނާ އެކު ޔާމީން މަޝްވަރާކުރައްވާ ފުރަތަމަ ފަހަރެވެ. އެއީ، މި ވަގުތު ސިޔާސީ މައިދާނުގައި ތިއްބެވި އެންމެ ނުފޫޒު ގަދަ ތިން ރައީސުން ކަމަށްވުމުން މިއީ ތާރީޚީ ކަމެކެވެ. އެކަމަކު، މީގެ ކުރިން ވެސް ކުރީގެ ރައީސުންނާއި ސިޔާސީ ލީޑަރުން އެކިއެކި ސަރުކާރުތަކާ ދެކޮޅަށް އެއްގަލަކަށް އަރާފައިވެއެވެ. އެ ގޮތުން، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރުގެ ހުރިހާ އިދިކޮޅު ލީޑަރުން އެއް ގަލަކަށް އެރުއްވިއެވެ. އަދި، ޔާމީންގެ ވެރިކަމާ ދެކޮޅަށް ވެސް އެ މަނިކުފާނުގެ އެއްބަފައި ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭހެން އޭރުގެ ހުރިހާ އިދިކޮޅު ލީޑަރުން އެއް ގަލަކަށް އެރުއްވިއެވެ. https://sun.mv/222039 ކުރީގެ ތިން ރައީސުން މަޝްވަރާކޮށް އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި އެއްބަސްވުމަކަށް އައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ގައުމުގެ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ޑިމޮކްރަސީގެ ހަމަތައް ފޮހެވުމުންދާތީ ގައުމު އަލުން ހަމަމަގަށް އެޅުން ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވެސް ތިން ރައީސުންގެ ފަރާތްޕުޅުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ