ކަނޑުމަގުން ދަތުރުކުރާ ބިދޭސީންގެ މަޢުލޫމާތު އެނގޭނެ ނިޒާމެއް ޤާއިމުކުރަނީ

މޯލްޑިވްސް 2.0ގެ މަސައްކަތް ނިމޭއިރު ކަނޑުމަގުން ދަތުރުކުރާ ބިދޭސީންގެ މައުލޫމާތު އެނގޭނެ ނިޒާމެއް ޤާއިމްކުރެވޭނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ޤަވައިދުގެ ތެރެއަށް ވެއްދުމަށް ކުރާ މަސައްކަތްތަކުގެ އިތުރަށް އެފަދަ ބިދޭސީން ރާއްޖެ ނާދެވޭނެހެން ޑީޕޯޓް ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ބިދޭސީން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދިއުމަށް ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާއިރު ބައެއް ފަހަރު އެ އުޅަނދުތަކަށް އަރާ ބިދޭސީން ދެނެގަތުމަށް ދަތިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މޯލްޑިވްސް 2.0 ގެ މަސައްކަތްތައް ނިމޭއިރު ކޮންމެ އުޅަނދަކަށްވެސް އަރާ ފައިބާ ބިދޭސީންނަކީ ކޮން ބައެއް ކަން އެނގޭނެ ނިޒާމެއް ޤާއިމުކުރެވޭނެކަމަށާއި އޭގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގާއިރުވެސް ގެއްލޭ މީހުންގެ ވަނަވަރު ދެނެގަތުމަށް ފަސޭހަވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ބައެއްފަހަރު ދޯނި ދަތުރުކޮށްފައި އަންނައިރު މަދު އެބަވޭ. ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުރި. އެފަދަ ހާދިސާތައް ހިނގައިފިނަމަ އެ ދޯންޏަކަށް އެރި މީހުން އެނގޭނެ މި ނިޒާމާއެކު." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ބިދޭސީންނަށް ވަޒީފާ ދޭ މީހުންގެ "ވައިޓް" ލިސްޓެއް ހަދަމުންދާކަމަށެވެ. އެ ލިސްޓަކީ މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ބަރާބަރަށް ފީ ދައްކަމުންދާ ކުންފުނިތައް ހިމެނޭނެ ލިސްޓެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒިރު ވިދާޅުވީ އެއްވެސް މައްސަލައެއް ނުޖެހި ފީ ދެއްކުންފަދަ ކަންކަން ކުރަމުންދާ ކުންފުނިތަކުން ސިސްޓަމްތެރެއިން ޚިދުމަތައް އެދުމުން އޮޓޯއިން އެ ޚިދުމަތް އެޕްރޫވް ކުރެވިގެންދާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
"ސިސްޓަމް ލެވެލްގައި އެއީ ރަނގަޅަށް މަސައްކަތް ކުރާ ކުންފުންޏެއްނަމަ ވަރަށް ފަސޭހައިން ޚިދުމަތް ލިބިގެންދާނެ." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮޕަރޭޝަން ކުރަނގީގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ. މި ދައުރު ނިމޭއިރު ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބަލަހައްޓާ އެއް ޤައުމަށް ރާއްޖެ ވެގެންދާނެކަމަށްދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ