ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ގަލްފުގެ ޤައުމުތަކުން އދ. ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފިއެވެ.
މި ގަރާރު ހުށަހަޅާފައިވަނީ އުރުދުން އަދި ގަލްފުގެ ޤައުމުތައްކަމަށްވާ ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންނެވެ.
މި ގަރާރަކީ ހުރްމުޒް ކަނޑުއޮޅިއާއި, ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، މިނިވަންކަމާއެކު އުޅަނދު ފަހަރު ދަތުރުފަތުރުކުރުމުގެ ހައްޤުތަކާއި ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރެކެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ގަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން، 'ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ' ހިމެނޭހެން ކަނޑުގެ ގާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ޤަބޫލުކުރާ އުސޫލުތަކާއި، މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ހައްގު ދެމެހެއްޓުމާއި، އަދި ކަނޑުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖެ ފަދަ، ޖަޒީރާ ގައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހްތިޞާޞްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ މި ގަރާރުގެ ސަބަބުން ރާއްޖޭގެ ޤައުމީ މަސްލަހަތަށް، ނުވަތަ ކަނޑުގެ ސަރަހައްދީ އިޚްތިޞާޞަށް، ނުވަތަ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޖަޒީރާ ޤައުމުތަކަށް ލިބިގެންވާ ހައްގުތަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރަން ދިވެހިރާއްޖެއިން އިސްތިސްނާވާ ގޮތުގެ މަތިން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، ގަލްފުގެ މަސްރަޙު އިތުރަށް ގޯސްވިޔަނުދީ, ބައިނަލްއަޤުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އަދި ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ރާއްޖެއިން ބާރުއަޅަމުންދާނެ ކަމަށްްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސަލާމަތީ މަޖިލީހަށް ހުށައެޅި ހުރްމުޒް ޤަރާރު ރާއްޖެއިން ކޯ-ސްޕޮންސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ