ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި މަސްރަހު ގޯސްވެ، ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާތީ އެއްވެސް އެއްބަސްވުމަކަށް ނާދެވި އެމެރިކާ އާއި އީރާނުގެ ސުލްހައިގެ ވާހަކަތައް މިއަދު ދެވަނަ ދުވަހަކަށް ދިގުލައިގެން ހިނގައްޖެއެވެ.
ސްވިޓްޒަލޭންޑްގެ ބާގަންސްޓޮކް ރިސޯޓުގައި ކުރިއަށްދާ މި ހައްސާސް ބައްދަލުވުންތަކުގައި، ކުރިން ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު 60 ދުވަހަށް އިތުރުކުރުމަށް ކުރި މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި މަޝްވަރާތައް ހުއްޓުމަކަށް އައީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފި ނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއްދީ، އެ ގައުމުގެ ނިޝާނެއް ވެސް ނުބާއްވާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން އިންޒާރާ ގުޅިގެންނެވެ.
ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ޓްރަމްޕް ވަނީ އެ ސަރަހައްދުގެ ކޮންޓްރޯލް އެމެރިކާއިން އަތުލައި، އަމިއްލަ ފީއެއް ނަގަން ފަށާފާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދުދީ، މަޝްވަރާ މޭޒުދޮށުގައި ތިއްބެވި އީރާނުގެ މަންދޫބުން ވަނީ ބައްދަލުވުން ދޫކޮށް ނުކުމެ އިހުތިޖާޖުކޮށްފައެވެ. އީރާނުގެ އިސް މަންދޫބު މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، އެމެރިކާއިން ދައްކަމުންދާ އެއްވެސް ބިރުދެއްކުމަކަށް އީރާނުން ބޯނުލަނބާނެ ކަމަށެވެ.
ދެ ގައުމުގެ މަންދޫބުން ސީދާ ބައްދަލުވުންތަކުން ދުރުވި ނަމަވެސް، މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ގަތަރާއި ޕާކިސްތާނު މެދުވެރިކޮށް ނުސީދާކޮށް މެސެޖުތައް ބަދަލުކުރުމުގެ މަސައްކަތް ރޭގަނޑު ދަންވަންދެން ކުރިއަށްދިޔަ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އިސްކޮށް ހުރި ޑިޕްލޮމެޓިކް ޓީމުން ބުނެއެވެ.
އީރާނުން ޝަރުތުކުރާ ގޮތުގައި ނިއުކްލިއާ މައްސަލައާ މެދު ވާހަކަދެއްކޭނީ އެމެރިކާއިން ހިފަހައްޓާފައިވާ އެ ގައުމުގެ ފައިސާތައް ދޫކޮށްލުމުންނެވެ. އަދި ހޮރްމުޒް ކަނޑުއޮޅި ބަންދުކުރަން ޖެހުނީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް އަދިވެސް ހުއްޓައިނުލާތީ އެކަމާ ގުޅިގެން ކަމަށްވެސް އީރާނުން ވަނީ ހާމަކޮށްފައެވެ.
މިދިޔަ އޭޕްރިލް މަހުން ފެށިގެން އެމެރިކާ އާއި އީރާނާ ދެމެދު ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކީ ބައިނަލްއަގުވާމީ މުޖުތަމައަށް ލިބުނު ބޮޑު ހަމަޖެހުމެކެވެ. ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވާތީ، މަދުވެގެން އިތުރު 60 ދުވަހަށް މުއްދަތު ދިގުކޮށް، ދާއިމީ ސުލްހައަކަށް މަގުކޮށުމަށް ދެ ގައުމުން ކުރަމުންދާ މަސައްކަތަށް މިހާރު ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ. މި މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވަނީ އެ ގައުމުގެ ނައިބު ރައީސް ޖޭޑީ ވެންސްއެވެ.
މަސްރަހު އެންމެ ބޮޑަށް ހޫނުވެގެން ދިޔައީ، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާތީ، އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ބަންދުކުރަން ނިންމުމުންނެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވުމުން، މި ނިންމުމާއެކު މުޅި ބައިނަލްއަގުވާމީ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އެއްބަސްވުމަކަށް ނާދެވި އެމެރިކާ އީރާނުގެ މަޝްވަރާތައް ދެވަނަ ދުވަހަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ